ކުޅިވަރު

ފީބާ އޭޝިއާ ކަޕުގެ ސާބާ ކޮލިފިކޭޝަނުން ލޯ މެޑެލް ހޯދި ޓީމަށް ހޫނު މަރުހަބާއެއް


ފީބާ 18 އަހަރުން ދަށުގެ އޭޝިއާ ކަޕްގެ ސާބާ ކޮލިފައިންގައި ރާއްޖޭގެ 18 އަހަރުން ދަށުގެ ފިރިހެން ބާސްކެޓްބޯޅަ ޓީމު ހޯދި ލޯ މެޑެއްޔާއެކު އެނބުރި ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ސްރީ ލަންކާގެ ސުގަތަދާސަ ސްޓޭޑިއަމްގައި ކުޅުނު މެޗުން ރާއްޖެއަށް ތިންވަނަ ލިބުނީ 59-57 ޕޮއިންޓުން ބަންގްލަދޭޝް ބަލިކޮށްގެންނެވެ. މެޗަށްފަހު ރާއްޖެއަށް ބްރޯންޒް މެޑަލް އާއި ޓްރޮފީ ހަވާލުކޮށްފައިވާއިރު، މިއީ ޒުވާން ޓީމުން ބައިނަލްއަގުވާމީ ލެވެލްގައި ހޯދި ފުރަތަމަ ކާމިޔާބީއެވެ.

ޓީމު އެނބުރި ރާއްޖެ އައުމުން މަރުހަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ވުޒާރާގެ ބައެއް އިސްވެރިންނެވެ.

މުޅި އެކު ހަތަރު ޓީމު ވާދަކުރި މުބާރާތުގެ ލީގު ބުރުގައި ވެސް ރާއްޖޭން ވަނީ ބަންގްލަދޭޝް ބަލިކޮށްފަ އެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝް ބަލިކުރީ 66-55 އިންނެވެ. އެއީ ޒުވާން ޓީމު ހޯދި ބައިނަލްއަގުވާމީ ފުރަތަމަ މޮޅެވެ.

އެ މެޗަށް ފަހު ލީގު ބުރުގައި އިންޑިއާ އަތުން 44-117 އިން ބަލިވިއިރު ނޭޕާލް އަތުން ބަލިވީ 76-102 އިންނެވެ. މިއާ އެކު ލީގު ބުރުވެސް ނިންމާލީ ތިން ވަނައިގައި އޮވެގެންނެވެ.

ކޯޗު މުހައްމަދު ޒިލާލް (ޒިލާ)ގެ އިރުޝާދުގެ ދަށުން ކުޅުނު ޒުވާން ޓީމުގައި ހިމެނުނު ޓީމުގެ ކެޕްޓަނަކީ މުހައްމަދު އައިކް ވަޖީހު އެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ 87-62 އިން ސްރީ ލަންކާ ބަލިކުރި އިންޑިއާ އެވެ.