ބުރާސްފަތި ދުވަހު މާލޭގަ ފެށުމަށް ހަމަޖެހިފައިވާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމުތައް ރާއްޖެ އަތުވެއްޖެ އެވެ.
ރާއްޖޭގެ އިތުރުން މި މުބާރާތުގައި ވާދަކުރަނީ ކަޒަކިސްތާނާއި ސްރީ ލަންކާގެ އިތުރުން ނޭޕާލެވެ. މުބާރާތުގައި ވާދަކުރާ ލަންކާގެ ޓީމު ވަނީ އަންގާރަ ދުވަހު ހެނދުނު ރާއްޖެ އައިސްފައެވެ. ސްރީ ލަންކާގެ އިތުރުން ނޭޕާލް ވަނީ ރޭ މާލެ އައިސްފައެވެ.
މުބާރާތުގައި ރާއްޖެއިން ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު ނުކުންނާނީ ކަޒަކިސްތާން ދެކޮޅަށެވެ. ހުކުރު ދުވަހު ރާއްޖެއިން ލަންކާ ދެކޮޅަށް ނުކުންނައިރު ހޮނިހިރު ދުވަހު ރާއްޖެއިން ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. މުބާރާތުގައި ރާއްޖެއިން ކުޅޭ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހަވީރެވެ.
މުބާރާތުގެ ކުރިން ދިވެހި ސަޕޯޓަރުންނަށް ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފް ދިން މެސެޖަކީ ދިވެހި ޓީމު ބަލިވި ނަމަވެސް މި ފަށާ ދަތުރުގެ ނަތީޖާ ފޮނިވާނެ ކަމަށާއި ބަލިވި ނަމަވެސް ޓީމަށް ހިތްވަރުދިނުމަށް ސަޕޯޓުކުރުމަށް ވަޑައިގަތުމަށެވެ.
ޒުވާން ގައުމީ ޓީމުގެ ކޯޗަކީ ފަތުހުﷲ ވަހީދު (ފައްލޯ) އެވެ. ފައްލޯގެ އެސިސްޓެންޓަކަށް އިސްމާޢީލް ޖިނާޒް ހަމަޖެއްސިއިރު، ޓީމުގެ ޓްރެއިނަރަކަށް ހަމަޖެއްސީ މަރިޔަމް ހަލީމް (ކޮކޯ) އެވެ.
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ހުރިހާ މެޗެއް ޔެސް ޓީވީން ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.