ޚަބަރު

މަރައިލާފައިވާ ހަ ފަތުރުވެރިންގެ ހަށިގަނޑު ބެންގކޮކުގެ ހޮޓަލަކުން ފެނިއްޖެ


މަރައިލާފައިވާ ހަ ފަތުރުވެރިންގެ ހަށިގަނޑުު ތައިލެންޑުގެ ވެރިކަން ބެންގކޮކުގެ ހޮޓަލެއްގެ ކޮޓަރިއެއްގެ ތެރެއިން ފެނިއްޖެއެވެ.

ތައިލެންޑުގެ ފުލުހުން ވަނީ އެ ހާދިސާ ތަޙުޤީޤު ކުރަން ފަށާފައެވެ. މަރައިލާފައިވާ ފަތުރުވެރިންނަކީ ވިއެޓްނާމަށް ނިސްބަތްވާ މީހުންނެވެ. އޭގެ ތެރެއިން ދެ މީހަކީ އެމެރިކާގެ ޕާސްޕޯޓު އޮތް ދެ މީހުން ކަމުގައި ފުލުހުން ބުންޏެވެ.

މަރައިލާފައިވާ ފަތުރުވެރިންގެ ހަށިތައް ފެނިފައި ވަނީ ބެންގކޮކުގައި ހުންނަ މަޝްހޫރު ހޮޓަލެއް ކަމުގައިވާ ގްރޭންޑް ހަޔަޓް އެރަވާންގެ ކޮޓަރިއެއްގެ ތެރެއިންނެވެ. އެ ހަ މީހުންނަކީ ވެސް, އެ ހޮޓަލައި ތިބި ގެސްޓުން ކަމަށާއި, އެ މީހުން ހޮޓަލަށް ޗެކިންވެފައި ވަނީ ޖުލައި 13 އަދި 14ވަނަ ދުވަހު ކަމުގައި ބެންކޮކުގެ ފުލުހުން ބުންޏެވެ.

ފުލުހުންގެ އިސް އޮފިޝަލެއް ކަމުގައިވާ ޓީތީ ސޭންގްސަވާން ވިދާޅުވީ, މަރައިލާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ތިން އަންހެނުންނާއި ތިން ފިރިހެނުން ކަމުގައެވެ. އަދި, އެ މީހުންނަކީ ވަކިން ކޮޓަރި ބުކްކޮށްގެން ދަތުރު ކޮށްފައިވާ ބަޔެއް ކަމަށާއި, ނަމަވެސް އެ އެންމެންގެ ހަށިތައް ފެނިފައި ވަނީ އެއް ކޮޓަރިން ކަމުގައެވެ. އެ ކޮޓަރިން ހަމަނުޖެހުމެއްގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މަރައިލާފައިވާ މީހުންގެ ހަށިތައް ފެނިފައި ވަނީ ހޮޓަލުގައި މަސައްކަތް ކުރާ މުވައްޒަފަކަށެވެ.

"އެ މީހުން މަރުވެފައި ވަނީ އަމިއްލައަށް ފުރާނަ ނަގައިލައިގެން ކަމަކަށް ނުބެލެވޭ. އެ މީހުންގެ މަރާ އިތުރު މީހަކާ ގުޅުން އޮތް ކަމަށް ތަޙުޤީޤަށް ފެނޭ. އެ މީހުން ދަތުރުކުރި މަތިންދާބޯޓު ޖެއްސި ހިސާބުން ފެށިގެން ކަން ހިނގާފައިވާ ގޮތް މި ދަނީ ތަޙުޤީޤުކޮށް ބަލަމުން،" ސޭންގްސަވާން ވިދާޅުވިއެވެ.

ތައިލެންޑުގެ ބޮޑުވަޒީރު ސެއްތާ ތަވީސިން ވަނީ މި ހާދިސާ ހިނގާފައިވާ ހޮޓަލަށް ޒިޔާރަތް ކުރައްވައި, ތަޙުޤީޤު ކުރިއަށްދާ ގޮތް ބައްލަވައިލައްވާފައެވެ. އަދި, އެ ހާދިސާގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް އޭނާ ވަނީ އަމުރު ކުރައްވާފައެވެ.

"މި ހާދިސާގެ ސަބަބުން ފަތުރުވެރި ކަަމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ބެލެވޭތީ ބޮޑުވަޒީރު ވަނީ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް ކަމާ ގުޅޭ ހުރިހާ އޭޖެންސީތަކަށް އަމުރު ކުރައްވާފައި،" ތައިލެންޑުގެ ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މަރައިލާފައިވާ މީހުންގެ ތެރެއިން ދެ މީހަކީ އެމެރިކާގެ ޕާސްޕޯޓް އޮތް ދެ މީހުންނަށް ވުމާ އެކު, އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ އެ ހާދިސާގެ ތަޙުޤީޤު ހިނގަމުންދާ ގޮތް ވަރަށް ގާތުން ބަލަމުންދާ ކަން ހާމަ ކޮށްފައެވެ. ނަމަވެސް, ވިއެޓްނާމްގެ އިދާރާތަކުން އެ ހާދިސާއާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަ ކޮށްފައެއް ނުވެއެވެ.

ބެންގކޮކުގައި ހުންނަ ގްރޭންޑް ހަޔަޓް އެރަވާނަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު 350 ކޮޓަރީގެ މަތީ ފެންވަރުގެ ހޮޓަލެކެވެ. އެ ހޮޓާ ހުންނަނީ ފިހާރަބަރިތައް ގިނަ ސަރަޙައްދެއްގައެވެ. ފަތުރުވެރި ކަމަކީ ތައިލެންޑުގެ އިޤުތިޞާދީ އެންމެ މައި އެއް ސިނާޢަތެވެ. ދެކުނު އިރުމަތީ އޭޝިޔާގައި ދެވަނައަށް އެންމެ ބޮޑު އިޤުތިޞާދު އޮތް ތައިލެންޑުން އެ އަހަރުގެ ތެރޭގައި 35 މިލިޔަން ފަތުރުވެރިން އެ ޤައުމަށް ޒިޔާރަތް ކުރާނެ ކަމަށް އަންދާޒާ ކުރެއެވެ.

ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވެސް ބެންކޮކުގައި ބަޑި ޖެހުމުގެ ނުރައްކާތެރި ހާދިސާއެއް ހިނގިއެވެ. ހަޔަޓް ހޮޓާ ހުންނަ ސަރަޙައްދުގައި ހުރި ފިހާރަބަރިއެއްގައި ދިން ބަޑީގެ ޙަމަލާތަކުގައި ދެ ފަތުރުވެރިން މަރުވިއެވެ. އެ ހާދިސާއާ ގުޅިގެން ބެންކޮކުގައި ފަތުރުވެރިން ޢާންމުކޮށް ދަތުރު ކުރާ ހިސާބުތަކުގައި ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކޮށްފައިވެއެވެ.