ޚަބަރު

މާލެއަތޮޅުން ފެށިގެން ހުވަދުއަތޮޅާއި ހަމައަށް ޔެލޯ އެލަރޓް


މާލެ އަތޮޅުން ފެށިގެން ހުވަދުއަތޮޅާއި ހަމައަށް، ގަޑިއަކު 55 މޭލުގެ ބާރުމިނުގައި ވައިޖެހި ގަދައަށް ވިއްސާރަ ކުރާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން އެސަރަހައްދަށް ޔެލޯ އެލަރޓް ނެރުއްވައިފިއެވެ. ޔެލޯ އެލަރޓް ނެރުއްވާފައިވަނީ ރޭނގަޑު އަށަކުން ދަންވަރު ބާރައާއި ހަމައަށެވެ. މެޓް އޮފީހުން ވިދާޅުވީ މި ވަގުތުތަކުގެ ތެރޭގައި އެސަރަހައްދަށް ގަދަވަޔާއި، ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. 

tw:https://twitter.com/MetMaldives/status/732946057475186688

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އިންޑިއާގެ ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑު އިންޑިއާގެ އިރުމައްޗަށް ޖެހެމުންދާކަމަށާއި، އެކަމުގެ ސަބަބަން އިންޑިއާގެ އިރުމަތީ ސަރަޙައްދުތަކަށް ތޫފާން އެރުން ވަރަށް ގާތްކަމަށެވެ. އެ ތޫފާނުގެ އަސަރު ރާއްޖެއަށް ކުރާނެކަމަށް ލަފާނުކުރެވޭކަމަށާއި، ނަމަވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން އަދި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލާއި 55 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް އިން ވިދާޅުވެއެވެ.