ލުބްނާންގެ ޢާންމު ރައްޔިތުންނަށް ޙަމަލާ ދިނުން ހުއްޓައިނުލައިފި ނަަމަ ޔަހޫދީ ފައުޖަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރަގަދަ ކުރާނެ ކަމަށް ބުނެ ލުބްނާންގައި ހަރަކާތްތެރިވާ ޙިޒްބުالله ޖަމާޢަތުން ޔަހޫދީންނަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. އެ ޖަމާޢަތުގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ޔަހޫދީ ފައުޖަށް އިންޒާރު ދީފައި ވަނީ, ޔަހޫދީ ފައުޖުން ލުބްނާނަށް އިތުރު ޙަމަލާތަކެއްދީ ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލުމުންނެވެ.
ޖުލައި 16ވަނަ ދުވަހު ޔަހޫދީ ފައުޖުން ލުބްނާނަށް ދިން ރަޙުމު ކުޑަ ވައިގެ ޙަމަލާތަކެއްގައި ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލުމުގެ އިތުރުން, ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލިއެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ސޫރިޔާގެ ރެފިއުޖީންގެ ފަސް މީހުންނާއި ލުބްނާންގެ ޢާންމުންގެ ތިން މީހުން ހިމެނެއެވެ. ޝަހީދު ކޮށްލާފައިވާ ސޫރިޔާގެ ރެފިއުޖީންގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެއެވެ. ލުބްނާންގެ ޢާންމު ރައްޔިތުންނަށް ޔަހޫދީ ފައުޖުން ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޙިޒްބުاللهގެ ހަނގުރާމަވެރިންނަށް ޙަމަލާ ދިނުމުގެ ނަމުގައެވެ.
"[ލުބްނާންގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ހުއްޓައިނުލައިފި ނަމަ, ޔަހޫދީން ވަޒަންވެރިވެފައިވާ ސަރަޙައްދުތަކުގެ ތެރެއިން މީގެ ކުރިން ޙަމަލާތައް އަމާޒު ކޮށްފައިވާ ނުވާ ސަރަޙައްދުތަކަށް މިސައިލް ޙަމަލާތައް އަމާޒު ކުރަން ފަށާނަން،" ޔަހޫދީ ފައުޖަށް އިންޒާރު ދެއްވައި ނަޞްރުالله ވިދާޅުވިއެވެ. މީގެ އިތުރުން, ލުބްނާނަށް އެއްގަމު މަގުން ޔަހޫދީ ފައުޖުން އަރައިފިނަމަ, އެ ޤައުމުގެ އަސްކަރީ ޓޭންކުފަހަރު ސުންނާފަތި ކޮށްލާނެ ކަމަށް ވެސް ވިދާޅުވެ, ނަޞްރުالله ވަނީ އިންޒާރު ދެއްވާފައެވެ.
ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ކޮންމެ ދުވަހަކު ޙަމަލާ ބަދަލު ކުރަން ފެށީ, 2023 އޮކްޓޫބަރު 7ގައި ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ. އެއީ, ޔަހޫދީންގެ ގަތުލުއާންމުތައް ހުއްޓުވަން ބާރު އެޅުމުގެ ގޮތުން ޙިޒްބުاللهން ދެމުންދާ ޙަމަލާތަކެކެވެ. ނަމަވެސް, ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރަމުންދާ ޙަމަލާތައް އިތުރުވެ, ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ އިޝާރާތްތައް މިހާރު ދަނީ ފެންނަމުންނެވެ.
ޔަހޫދީ ދައުލަތާއި ލުބްނާނާ ދެމެދު ބޮޑު ހަނގުރާމައެއް ފެށުމަކީ އެ ދެ ޤައުމުން ވެސް ބޭނުންވާ ކަމެއް ނޫނެވެ. އަދި, ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް އިތުރުވިޔަ ނުދީ, ހަނގުރާމައެއް ފެށުމުގެ ފުރުޞަތު ހަނި ކުރުމަށް ޚާރިޖީ ގޮތުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގައި އެމެރިކާއިން ވެސް ބައިވެރިވެއެވެ.
ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކުގައި ޔަހޫދީން ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 400އަށް އުފުލިފައެވެ. އޭގެ ތެރޭގައި ޙިޒްބުاللهގެ 300އެއްހާ މެންބަރުން ހިމެނެއެވެ. އަދި ޢާންމުންގެ 100އަށްވުރެ ގިނަ މީހުން ވެސް ޔަހޫދީ ފައުޖުގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ޞިއްޙީ ޚިދުމަތްތެރިން ވެސް ހިމެނެއެވެ. ޔަހޫދީ ފައުޖުގެ ޙަމަލާތަކުގައި ލުބްނާންގެ ދެކުނުގައި އޮންނަ ރަށްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
ޙިޒްބުاللهގެ އިތުރުން ޣައްޒާ ޢުދުވާނާ ގުޅިގެން ޔަހޫދީ ފައުޖާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކޮށްފައިވާ ޖަމާޢަތްތަކުގެ ތެރޭގައި ޔަމަންގައި ހަރަކާތްތެރިވާ ޙޫޘީންނާއި, ސޫރިޔާއާއި ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތައް ހިމެނެއެވެ. އޭގެ ތެރެއިން ޙޫޘީން ދަނީ, ޔަމަން ކައިރީގައި އޮތް ކަނޑުގެ ސަރަޙައްދުން ދަތުރުކުރާ ޔަހޫދީންނާ ގުޅުން އޮތް އާގުބޯޓުފަހަރާއި އުޅަނދުފަހަރަށް މިސައިލާއި އަސްކަރީ ޑްރޯން ބޭނުން ކޮށްގެން ޙަމަލާ ދެމުންނެވެ.