ޚަބަރު

ޙޫޘީންގެ ޙަމަލާތަކާ ގުޅިގެން މެޔާސްކުގެ މުޅި އޮޕަރޭޝަނަށް ބުރޫއަރަނީ


ރަތް ކަނޑު ހުރަސްކޮށް މުދާ އުފުލުގެ ވިޔަފާރިއަށް ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޙޫޘީ ޖަމާޢަތުން ހުރަސް އަޅަން ފެށުމާ ގުޅިގެން ކަނޑުމަގުން ވިޔަފާރި މުދާ އުފުލުމުގެ ޚިދުމަތް ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ މެޔާސްކުގެ މުޅި އޮޕަރޭޝަނަށް ބުރޫ އަރާފައިވާ ކަން އެ ކުންފުނިން ހާމަ ކޮށްފިއެވެ. ޔަމަން ކައިރިން ދަތުރު ކުރާ އުޅަނދުފަހަރަށް ދެމުންދާ ޙަމަލާތަކުން ސަލާމަތްވާން އާގުބޯޓުފަހަރުތަކަށް ވަނީ އެފްރިކާ ބައްރު ވަށައިލާފައި ދިގު ދަތުރެއް ކުރަން މަޖުބޫރުވެފައެވެ.

ޔަމަން ކައިރީގައިވާ ކަނޑުގެ ސަރަޙައްދުން ދަތުރު ކުރާ އުޅަނދުފަހަރަށް ޙޫޘީން ޙަމަލާތައް އަމާޒު ކުރަން ފަށާފައި ވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލަން ބާރު އެޅުމުގެ ގޮތުންނެވެ. ޙޫޘީންގެ އަސްކަރީ ޙަރަކާތުގެ ދަށުން އެ ޖަމާޢަތުން ދަނީ ރަތް ކަނޑާއި ޢަދަން ކަނޑުގެ އިތުރުން މެޑިޓެރޭނިޔަން ކަނޑާއި އިންޑިޔާ ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް ވެސް ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެ ޙަމަލާތަކުގައި މިހާތަނަށް ދެ އާގުބޯޓު ފައްތައިލާފައިވެއެވެ.

ޙޫޘީންގެ ޙަމަލާތައް އަމާޒު ކުރަނީ ޔަހޫދީ ދައުލަތަށް ނިސްބަތްވާ އަދި ޔަހޫދީންގެ މަސްލަޙަތު އޮތް ކުންފުނިތަކުގެ އާގުބޯޓުފަހަރަށާއި އެހެން އުޅަނދުތަކަށެވެ. އަދި, ޔަހޫދީންގެ މަސްލަޙަތު ހިމާޔަތް ކުރަން އެމެރިކާއާއި އިނގިރޭސިވިލާތުން ތެދުވުމުން, ޙޫޘީން ދަނީ އެ ޤައުމުތަކުގެ އަސްކަރީ މަނަވަރުތަކާއި އާގުބޯޓުފަހަރަށް ވެސް ޙަމަލާތައް އަމާޒު ކުރަމުންނެވެ. ޙޫޘީން ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ވަނީ ޔަަމަންގެ ޢާންމުން ދިރިއުޅޭ ރަށްތަކަށް ބޮން އެޅުމުގެ ކެމްޕޭނެއް ފަށާފައެވެ.

މެޔާސްކުން ބުނީ ޙޫޘީންގެ މެދުކެނޑުމެއް ނެތް ޙަމަލާތަކާ ގުޅިގެން ރަތް ކަނޑުން އޭޝިޔާއާއި ވިލާތުގެ ޤައުމުތަކުގެ މެދުގައި މުދާ އުފުލުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމުގައެވެ. ރަތް ކަނޑުގެ ބަދަލުގައި އާގުބޯޓުފަހަރުތައް މިހާރު ދަތުރު ކުރަނީ އެފްރިކާ ބައްރުގެ ދެކުނު ތަނޑީގައި އޮތް ކޭޕް އޮފް ގުޑް ހޯޕް ކަނޑުންނެވެ.

ރަތް ކަނޑަށް ވުރެ އޭޝިޔާއާއި ވިލާތުގެ ޤައުމުތަކާ ދެމެދު ކޭޕް އޮފް ގުޑް ހޯޕް މަގުން ކުރާ ދަތުރު ދިގެވެ. އަދި, ޚަރަދު ބޮޑެވެ. އެ ކަމާ ގުޅިގެން މުދާ އުފުލުމަށް ނަގާ ފީތައް އިތުރުވެ, އިންޝިޔުރެންސަށް ކުރަން ޖެހޭ ޚަރަދުތައް ވެސް ވަނީ ބޮޑުވެފައެވެ. އަދި, އެ ކަމުގެ އަސަރު ވިޔަފާރި ކުންފުނިތަކަށް ދަނީ ފޯރަމުންނެވެ.

ރަތް ކަނޑުން ކުރަމުން ދިޔަ ދަތުރުތައް ހުސްވި އަހަރުގެ ޑިސެންބަރު މަހު ހުއްޓައިލި ފަހުން އިރުމަތީ އޭޝިޔާގެ ޤައުމުތަކާއި ވިލާތުގެ ޤައުމުތަކުގެ ބަނދަރުތަކުގައި ގިނަ ޢަދަދެއްގެ އާގުބޯޑުފަހަރު ތޮއްޖެހިފައިވާ ކަމަށާއި, މުދާ ބަރު ކޮށްފައިވާ ގިނަ ޢަދަދެއްގެ ކޮންޓެއިނަރުތައް ތާށިވެފައިވާ ކަމުގައި މެޔާސްކުން ހާމަ ކުރިއެވެ. އަދި, އެ ކުންފުނިން މުދާ އުފުލާ އެހެން ރޫޓުތައް ނުވަތަ މަގުތަކަށް ވެސް އެ ކަމުގެ އަސަރު ކުރަން ފަށައި, ބުރޫއަރަމުންދާ ކަމުގައި މެޔާސްކުން ބުންޏެވެ.

"ރަތް ކަނޑުން ދަތުރު ކުރުން ހުއްޓައިލަން ޖެހުމުން އިރުމަތީ އޭޝިޔާއާއި ހުޅަނގު-މެދުތެރޭ އޭޝިޔާގެ އިތުރުން ވިލާތުގެ ޤައުމުތަކަށް މުދާ އުފުލަން ބޭނުން ކުރާ އެހެން ރޫޓުތަކާއި ޓްރާންޝިޕްމަންޓް ބަނދަރުތަކަށް ވެސް ވަނީ ބުރޫ އަރަން ފަށާފައި. އެ ރޫޓުތަކާއި ބަނދަރުތަކުގެ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައި،" މެޔާސްކުން ބުންޏެވެ.

"އޭޝިޔާގެ ބަނދަރުތަކުގެ ތެރެއިން ސިންގަޕޫރާއި, އޮސްޓްރޭލިޔާ އަދި ޝަންގްހާއީ (ޗައިނާ) ބަނދަރުގައި ތާށި ބޮޑުވެ, ލަސްތަކެއް ދަނީ ކުރިމަތިވަމުން. ދަތުރު ޝެޑިއުލަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި. އެއީ, ރަތް ކަނޑުގެ ހާލަތާ ގުޅިގެން އަރާފައިވާ ބުރޫތަކެއް."

އެ ގޮތުން, ޕެސިފިކް ކަނޑު ނުވަތަ އޯޝެނިޔާ ސަރަޙައްދުގެ ޤައުމުތަކަށް މުދާ އުފުލުމަށް ހުރަސްތަކެއް ކުރިމަތިވެފައި ވަނީ ދެކުނު-އިރުމަތީ އޭޝިޔާގެ ޤައުމުތަކުގައި އޮތް ބަނދަރުތަކަށް ތާށިކަން ކުރިމަތިވެ, ތޮއްޖެހުމުގެ ސަބަބުން ކަމުގައި މެޔާސްކުން ބުންޏެވެ. "ދެކުނު-އިރުމަތީ އޭޝިޔާގެ ބަނދަރުތަކުގެ އޮޕަރޭޝަންތައް ލަސްވުމާ ގުޅިގެން އޮސްޓްރޭލިޔާގެ ބަނދަރުތަކަށް ވަނީ ނޭދެވޭ އަސަރުތައް ކުރަން ފަށާފައި. ތޮއްޖެހުން ވަނީ އިތުރުވެފައި. އަދި, މުދާ ބަރުކޮށް ބޭލުމަށް މަޑު ކުރަން ޖެހޭ މުއްދަތު ވަނީ އެތަކެއް ގުނައަކަށް އިތުރުވެފައި،" މެޔާސްކުން ބުންޏެވެ.

މީގެ އިތުރުން އިރުމަތީ-އުތުރު އޭޝިޔާގެ ބަނދަރުތަކާއި ޗައިނާގެ ގިނަ ބަނދަރުތަކަކަށް ވެސް ނޭދެވޭ އަސަރުތައް ކުރަން ފަށާފައިވާ ކަން މެޔާސްކުން ހާމަކުރިއެވެ. އެ ކުންފުނިން ބުނީ, ކަނޑުމަގުން ވިޔަފާރި މުދާ އުފުލުމުގެ ވިޔަފާރިއަށް އޮތް ޑިމާންޑު އިތުރުވަމުން ދިޔަ ނަމަވެސް, ކުރިއަށް އޮތް ތަނުގައި އެ ޚިދުމަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމުގައެވެ. އަދި, އެ ކަމަށް ތައްޔާރުވުމުގެ ގޮތުން ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަން ވެސް އެ ކުންފުނިން ހާމަކުރިއެވެ.