ޚަބަރު

ރަށްރަށުގައި ފެންބޮޑުވެގެން ސަލާމަތީބާރުތަކުން އެހީތެރިވަނީ


ރާއްޖޭއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް އެމްއެންޑީއެފާއި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. 

އެމްއެންޑީއެފުން ވިދާޅުވީ ވިއްސާރައިގެ ސަބަބުން ލ.އަތޮޅު ފޮނަދޫގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ. އެގޮތުން މިއަދު ހެނދުނުން ފެށިގެން ސެންޓްރަލް އޭރިއާގެ ސިފައިން އަންނަނީ، ފޮނަދޫ ބަރާސިލް އަވަށުގެ މަގުތަކުގައި ޕަންޕު ބޭނުންކޮށްގެން ފެންހިއްކުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. 

img:http://s4.psmnews.mv/images/660x400/14635742857732.jpg|ލ އަތޮޅުގައި ފެންބޮޑުވުމުގެ ސަބަބުން ފުލުހުން ހަރަކާތްތެރިވަނީ / ފޮޓޯ: ޕޮލިސް މީޑިއާ

އެމްއެންޑީއެފްގެ އިތުރުން ފުލުހުންވެސް ދަނީ ލ އަތޮޅުގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން ލ. އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ގޭގެއަށް ފެންވަދެ ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތުގައާއި ފެން ހިންދުމުގެ މަސައްކަތުގައި ފުލުހުން ހަރަކާތްތެރިވަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެއިތުރުން މާވަށާއި މާމެންދޫ އަދި ލ.ގަމުގައިވެސް ފެންބޮޑުވުމާއި ގުޅިގެން ކައުންސިލާއި ފުލުހުން ގުޅިގެން ދަނީ ގޭގެއަށް ފެން ނުވަންނަ ގޮތަށް ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތްތައް ކުރަމުންކަމަށް ފުލުހުން ވިދާޅުވެއެވެ.

img:http://s1.psmnews.mv/images/660x400/14635743357645.jpg|ތ އަތޮޅުގައި ފެންބޮޑުވުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ / ފޮޓޯ: ޕޮލިސް މީޑިއާ

ފުލުހުން ވިދާޅުވީ ތ. އަތޮޅުގެ ބައެއް ރަށްރަށުގައި ފެންބޮޑުވެ ގޯތި ގެދޮރަށާއި މުދަލަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެއަތޮޅުގައިވެސް ފުލުހުން ހަރަކާތްތެރިވަމުންދާކަމަށެވެ. ތ. އަތޮޅަށް ރެއިން ފެށިގެން ކުރަމުންދާ ވިއްސާރާގައި ހިރިލަންދޫ އާއި ވޭމަންޑޫގެ އިތުރުން ތ. ވަންދޫ އާއި ތ. އޮމަދޫގައިވެސް ފެންބޮޑުވުމުގެ ސަބަބުން ގޯތި ގެދޮރަށް ބައެއް ގެއްލުންތައް ލިބިފައިވާއިރު ތ. ތިމަރަފުށީގައިވެސް ވަނީ ފެން ބޮޑުވެފައިކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ތިމަރަފުށީގައި ފެން ހިއްކުމުގެ މަސައްކަތުގައި ފުލުހުން ޙަރަކާތްތެރިވަމުންދާކަމަށާއި މީގެ އިތުރުން ތ. މަޑިފުށީގައި ފެންބޮޑުވެފައިވާތީ އެރަށުގައިވެސް ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން މަޢުލޫމާތުދެއްވައެވެ.