ޚަބަރު

ރައީސް، ސްރީލަންކާގެ ރައީސަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި


ސްރީލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި، ފެން ބޮޑުވުމުގެ ސަބަބުން، ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކު ގެއްލި، ސްރީލަންކާގެ އެތައް ހާސް ބައެއްގެ މުދަލަށާއި ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނައަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ސްރީލަންކާގެ ރައީސަށާއި، ސަރުކާރަށާއި ސްރީލަންކާގެ އެކުވެރި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި، މި ޙާދިޘާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތައް ކާމިޔާބު ވާނެކަމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ވޭތުވެދިޔަ ތިން ދުވަހު މެދުކެނޑުމެއްނެތި ސްރީލަންކާގެ ބޮޑު ބަޔަކަށް ކުރި ވިއްސާރައިގައި މަރުވި މީހުންގެ އަދަދު ހަތާވީހަށް އަރާފައިވާއިރު، ކިސަޑުގަނޑުގައި ވަޅުލެވުނު ކަމަށް ބެލެވޭ ސަތޭކަ ފަންސާހަކަށް މީހުންވެސް ދިރިތިއްބާ ނުފެނިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. ސްރީލަންކާއަށް ކުރަމުންދާ މިވިއްސާރައިގައި ދެލައްކައެއްހާ މީހުން ގެދޮރު ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުވާން ޖެހިފައިވެއެވެ. މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯއާއި ފަރުބަދަމަތީގެ ސަރަޙައްދެއް ކަމަށްވާ ނޫރަލިޔާއަށް ކަމަށް ޚަބަރުލިބެއެވެ.