އެމެރިކާގެ ރައީސް ޖޯ ބައިޑަން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަން ރިޔާސީ ގަނޑުވަރު, ވައިޓް ހައުސުން ހާމަކޮށްފިއެވެ. އޭނާއަށް ކޮވިޑް ޖެހިފައި ވަނީ ލަސް ވެގަސަށް ކުރެއްވި ކެމްޕޭން ދަތުރުފުޅެއްގެ ތެރެއިން ކަމަށް ބެލެވެއެވެ. ވައިޓް ހައުސުން ބުނީ އޭނާ ޑެލަވެއާއަށް ވަޑައިގަންނަވައި, އަމިއްލައަށް އެކަހެރިވެ ވަޑައިގަންނަވާފައިވާ ކަމުގައެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ކަރީން ޜޯން-ޕިއޭ ވިދާޅުވީ 81 އަހަރުގެ ބައިޑަންގެ ހާލުކޮޅު ރަނގަޅު ކަމުގައެވެ. އޭނާގެ ކިބައިން ފެނިފައި ވަނީ ބަލީގެ ވަރަށް މަޑު އަލާމާތްތަކެއް ކަމުގައި ވެސް ޜޯން-ޕިއޭ ވިދާޅުވިއެވެ. ކޮވިޑް ޖެހުމާ ގުޅިގެން ބައިޑަން ވަނީ, ލަސް ވެގަސްގެ އިތުރުން ޑެލަވެއާގައި ބާއްވަން ހަމަޖެހިފައި އޮތް ކެމްޕޭން ޖަލްސާތައް ފަސް ކުރައްވާފައެވެ.
"އޭނާ ވަނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރައްވާފައި. ބޫސްޓަރ ޑޯޒް ވެސް ފުރިހަމަ ކުރައްވާފައި. ފެންނަނީ ބަލީގެ ވަރަށް މަދު އަލާމާތްތަކެއް،" ޜޯން-ޕިއޭ ވިދާޅުވިއެވެ. ލަސް ވެގަސުން ޑެލަވެއާއަށް ފުރާވަޑައިގަންނަވަން އެއަރ ފޯސް ވަންއަށް އަރައިވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ބައިޑަން ވިދާޅުވީ "ރަނގަޅު. އަޅުގަނޑުގެ ހާޅު ރަނގަޅު" ކަމުގައެވެ.
ބައިޑަން ކޮވިޑަށް ޕޮޒިޓިވްވެފައި މި ވަނީ ރިޔާސީ ކެމްޕޭންގެ މުހިންމު ދަނޑިވަޅެއްގައެވެ. ނޮވެންބަރުގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އޭނާއާ ވާދަކުރައްވާ ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މުހިންމު ބައެއް ސްޓޭޓްތަކުން ކުރި ހޯއްދަވަމުން ގެންދަވާ ވަގުތެއްގައެވެ. ޓްރަމްޕް މިހާރު ހުންނެވީ ރިޕަބްލިކަން ނޭޝަނަލް ކޮންވެންޝަން (އާރްއެންސީ)ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވިސްކޮންސިން ސްޓޭޓްގެ މިލްވާކީގައެވެ.
ވައިޓް ހައުސުން ބުނީ, ބައިޑަން ކުރިއަށް އޮތް ހަފުތާ ހޭދަ ކުރައްވާނީ ޑެލަވެއާގައި ކަމުގައެވެ. ކޮވިޑް ޖެހުމާ އެކު ކެމްޕޭނާ ދުރުގައި ބައިޑަން ކިހާ ދުވަހެއް ހޭދަ ކުރައްވާނެ ކަން ސާފެއް ނޫނެވެ. ބައިޑަން ކޮވިޑަށް ޕޮޒިޓިވްވެފައި މި ވަނީ, އޭނާގެ އުމުރުގެ ދޮށި ކަމާއި, ދާދި ފަހުން ބޭއްވި ރިޔާސީ ބަހުސެއްގައި ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ރިޔާސީ ޓިކެޓް ދޫކޮށްލަން ޑިމޮކްރެޓިކް ޕާޓީގެ އިސް ބައެއް މެންބަރުން ގޮވައިލަމުންދާ ދަނޑިވަޅެއްގައެވެ.
އަދި, ބައިޑަނަށް ވުރެ ޒުވާން ކެނޑިޑޭޓަކަށް ފުރުޞަތު ދިނުމަށް ގޮވައިލާ އަޑުތައް ގަދަވަމުންދާ ވަގުތެއްގައެވެ. ޒުވާން ކެނޑިޑޭޓަކާ ދަންމަރު ހަވާލު ކުރުމަށް އެންމެ ފަހުން ބައިޑަނަށް ގޮވައިލައްވާފައިވާ ބޭފުޅުންގެ ތެރޭގައި ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ, ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ކެލިފޯނިޔާ ތަމްސީލު ކުރައްވާ މެންބަރު އެޑަމް ޝިފް ހިމެނެއެވެ.
ދާދި ފަހުން ރޮއިޓަރސް އަދި އިޕްސޮސް ގުޅިގެން ނެގި ޚިޔާލު ހޯދުމުގެ ވޯޓެއްގެ ބައިވެރިންގެ ތެރެއިން ޑިމޮކްރެޓިކް ޕާޓީގައި ރަޖިސްޓަރީ ކޮށްފައިވާ މެންބަރުންގެ 40 އިންސައްތަ މީހުންގެ އެދުމަކީ ވެސް އެއީއެވެ. ވޯޓުގައި ބައިވެރިވި ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ތެރެއިން 58 އިންސައްތަ މީހުން ދެކޭ ގޮތުގައި ރިޔާސީ ރޭހަށް ކުރިމަތިލައްވަން ބައިޑަންގެ އުމުރު މާ ދޮށިވެއްޖެއެވެ. އަދި, އެއްވެސް ޕާޓީއަކަށް ތާޢީދު ނުކުރާ ވޯޓުލާ މީހުންގެ ތެރެއިން 65 އިންސައްތަ މީހުން އެ ކަމާ އެއްބަސްވެއެވެ.
ނަމަވެސް ބައިޑަން ގެންދަވަނީ އެ ކަމާ ދެކޮޅު ހައްދަވަމުންނެވެ. ބައިޑަން ވިދާޅުވީ, އެއްވެސް މީހެއްގެ އެދުމުގެ މަތިން ރިޔާސީ ރޭހުން ވަކިވެ ވަޑައިގަތުމުގެ ވިސްނުމެއް ނެތް ކަމުގައެވެ. އަދި, އޭނާއާ ނުލައި ޓްރަމްޕް ބަލި ނުކުރެވޭނެ ކަމަށް ވެސް އޭނާ ގެންދަވަނީ ވިދާޅުވަމުންނެވެ.
"ޑެލަވެއާގެ ބީޗް ހައުސްގައި އެކަހެރިވެގެން ބައިޑަން ހުންނެވި ނަމަވެސް, ރައީސް ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާ ކުރެއްވުމުގައި ދެމި ހުންނަވާނެ،" ޜޯން-ޕިއޭ ވިދާޅުވިއެވެ. ނަމަވެސް, ސެންޓަރސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ކަނޑައަޅާފައިވާ އުސޫލުތަކަށް އޭނާ ފުރިހަމައަށް އަމަލު ކުރައްވާނެ ކަމުގައި ވައިޓް ހައުސުން ބުންޏެވެ.
މިއީ ބައިޑަނަށް ކޮވިޑް ޖެހުނު ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާއަށް އެންމެ ފަހުން އެ ބަލި ޖެހިފައި ވަނީ 2022ވަނަ އަހަރުގެ ޖުލައި މަހުއެވެ. އެއަށް ފަހު, ޖުލައި 30 ވަނަ ދުވަހު ވެސް ދެވަނަ ފަހަރަކަށް އޭނާއަށް ކޮވިޑް ޖެހުނު ކަމުގައި ވައިޓް ހައުސުން ހާމަކޮށްފައިވެއެވެ.