ދުނިޔެ

"އުތުރުކޮރެއާ ކައިރީގައި ވަރުގަދަ ލަޝްކަރެއް ބާއްވަންޖެހޭ"


އުތުރުކޮރެއާގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި އެޤައުމުގެ ކައިރީގައި ބާރުގަދަ އަސްކަރީ ލަޝްކަރެއް ބޭއްވުމާއި އެޤައުމާ ކުރިމަތިލާން ކެރޭފަދަ ބައިވެރިންތަކެއް އެމެރިކާއާއެކު އޮތުން މުހިންމުކަމަށް އެމެރިކާއިން ބުނެފިއެވެ.  

ޕެސިފިކް ކަނޑުގައިވާ އެމެރިކާގެ ލަޝްކަރުގެ ކޮމާންޑަރ، އެޑްމިރަލް ހެރީ ހެރިސް ވިދާޅުވީ އުތުރުކޮރެޔާގައި ނިއުކްލިޔަރ ވޯހެޑް ހަރުކޮށްފައިވާ ދުރުރާސްތާގެ ބެލިސްޓިކް މިސައިލް އެބަހުރި ކަމަށާ، އެމެރިކާއަށް ނިއުކްލިޔަރ ޙަމަލާއެއް ދެވޭހާ ބާރު އުތުރުކޮރެއާއަށް ލިބިގެންވާ ކަމަށެވެ. އެހެންކަމުން އޭޝިޔާ ޕެސިފިކް ސަރަޙައްދުގައި އެމެރިކާއާއި އެމެރިކާގެ ބައިވެރިންނަށް އޮތް އެންމެ ބޮޑު ބިރަކީ އުތުރުކޮރެޔާ ކަމަށް އެޑްމިރަލް ހެރިސް ސިފަކުރެއްވިއެވެ. 

އެމެރިކާއިން ކުރިން ގެންދިޔައީ އުތުރުކޮރެއާއަކީ ނިއުކްލިޔަރ ބާރެއްކަމަށް އިޢުތިރާފް ވުމަށް އިންކާރު ކުރަމުންނެވެ. ނަމަވެސް އުތުރުކޮރެޔާއިން ނިއުކްލިޔަރ ހަތިޔާރާއި ދުރުރާސްތާގެ ބެލިސްޓިކް އެތައް މިސައިލެއް ކާމިޔާބުކަމާއެކު ޓެސްޓު ކުރުމާއި ގުޅިގެން އުތުރުކޮރެޔާއަކީ ޚުދު އެމެރިކާއަށްވެސް އިސްވެ ޙަމަލާދެވޭ ފަދަ ނިއުކްލިޔަރ ބާރެއްކަމަށް އެމެރިކާއިން ވަނީ އެއްބަސްވެފައެވެ.