ޚަބަރު

ޣައްޒާއަށް އެހީ ފޯރުކޮށްދޭން ހެދި ވަގުތީ ފާލަން ބޭނުންކުރުން ހުއްޓައިލައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން ނިކަމެތި ކޮށްލާފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށް ދިނުމުގެ ބޭނުމަށް އެމެރިކާއިން ބިނާކުރި ވަގުތީ ފާލަން ބޭނުން ކުރުން ހުއްޓައިލައިފިއެވެ. ޣައްޒާގެ އައްސޭރިފަށުގައި ބިނާ ކުރި ފާލަން މެދުވެރިކޮށް ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރަން ފަށާފައި ވަނީ މޭ މަހުގެ ތެރޭގައެވެ.

ވަގުތީ ފާލަމެއް ބިނާކޮށް ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދޭން މަސައްކަތް ކުރާނެ ކަން އެމެރިކާގެ ރައީސް ޖޯ ބައިޑަން އިޢުލާނު ކުރައްވާފައި ވަނީ މާރިޗު މަހުގެ ތެރޭގައެވެ. 1,200 ފޫޓު ދިގު އެ ފާލަން ބިނާ ކޮށްފައި ވަނީ ފެނުން މަތީގައި އޮންނަ ގޮތަށެވެ. އެމެރިކާގެ އަސްކަރިއްޔާގެ 1,000އަށްވުރެ ގިނަ ސިފައިންގެ މަސައްކަތުން ބިނާ ކޮށްފައިވާ އެ ފާލަން މެދުވެރިކޮށް ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ގެންދަނީ ސައިޕްރަސް މަގުންނެވެ. ފާލަން ބިނާ ކުރުމަށް އެމެރިކާއިން ގާތްގަނޑަކަށް 230 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކުރިއެވެ.

މޫސުން ގޯސްވުމާއި, ފާލަމުން ޣައްޒާއަށް ބާލާ އެހީގެ ސާމާނު ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް ފޮރުކޮށްދިނުމަށް ކުރިމަތިވި ގޮންޖެހުންތަކާ އެކު, އެ ފާލަމުގެ ބޭނުން ހިފާފައި ވަނީ އެންމެ 20 ވަރަކަށް ދުވަހުއެވެ. ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ކާބޯތަކެތި ފޯރުކޮށްދެވިފައި ނުވަނީ ޔަހޫދީ ފައުޖުން އެ ކަމަށް ހުރަސް އަޅަމުން ދިޔުމުގެ ސަބަބުންނެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ ވައިސް އެޑްމިރަލް ބްރެޑް ކުޕަރ ވިދާޅުވީ, ފާލަން މެދުވެރިކޮށް ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ހިންގަމުން ދިޔަ އޮޕަރޭޝަން ނިމުމަކަށް އައިސްފައިވާ ކަމުގައެވެ. އަދި, މީގެ ފަހުން ސައިޕްރަސް މަގުން ޣައްޒާއަށް ފޮނުވާ އެހީގެ ސާމާނު އެތެރެ ކުރާނީ ޒަޔަނިސްޓު އިސްރާއީލުގެ އަޝްދޯދް ބަނދަރުން ކަމުގައެވެ. ނަމަވެސް, އެ މަގުން ވެސް ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަން ޔަހޫދީ ފައުޖުން ދަނީ ހުރަސް އަޅަމުންނެވެ.

"މި ފާލަން މެދުވެރިކޮށް ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދޭން ހިންގި އޮޕަރޭޝަންގެ ލަނޑުދަނޑިތައް ހާސިލުވެފައިވާ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ. އެއީ, ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ޢަދަދެއްގެ އެހީގެ ސާމާނު ފޯރުކޮށްދިނުން،" ކުޕަރ ވިދާޅުވިއެވެ. ފާލަން މެދުވެރިކޮށް 9,070 ޓަނުގެ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ޣައްޒާއަށް ބާލާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި, ސައިޕްރަސްގައި ބާކީ ހުރި 2,200 ޓަނުގެ ސާމާނު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އަޝްދޯދް ބަނދަރަށް ގެންދާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ ނަމުގައި ބައިޑަން ވަގުތީ ބަނދަރެއް ބިނާ ކުރުމާ ގުޅިގެން އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގައި މި ކަމާ ގުޅޭ ގޮތުން ހޫނު ބަހުސްތަކެއް ހިނގިއެވެ. އެމެރިކާގެ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރުން ތުހުމަތު ކުރާ ގޮތުގައި, މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ބައިޑަން ކުރައްވަމުން ގެންދަވާ ކެމްޕޭންގެ ދަށުން ބޭނުން ކުޅެފައިވާ ސްޓަންޓެއް ނުވަތަ ތާޢީދު އިތުރު ކުރުމަށް ބޭނުން ކުރައްވާފައިވާ އުކުޅެކެވެ.

ރިޕަބްލިކަން ޕާޓީގެ މެންބަރުން ވަނީ މި ކަމާ ގުޅިގެން ބައިޑަނަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. "މިއީ, ބައިޑަން ހިންގާފައިވާ ފޭލުވެފައި އޮތް އޮޕަރޭޝަނެއް. މި ކަމުން އެމެރިކާއަށް ހާސިލުވީ އެންމެ ކަމެއް. އެއީ, މި ކަމުގައި ބައިވެރިވި އެމެރިކާ ސިފައިންގެ އެއްވެސް މީހެއްގެ ފުރާނަ ނުގެއްލޭ ކަން އެކަނި،" ރިޕަބްލިކަން ޕާޓީގެ ސެނެޓަރެއް ކަމުގައިވާ ރޮޖަރ ވިކަރ ސިފަ ކުރެއްވިއެވެ.

ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމުން ބުނީ, ސަލާމަތީ ސަބަބުތަކާ ގުޅިގެން ޖޫން މަހަށް ފަހު އެމެރިކާގެ ވަގުތީ ފާލަން ބޭނުން ކޮށްފައި ނުވާ ކަމުގައެވެ. އަދި, ފާލަން މެދުވެރިކޮށް ޣައްޒާގެ އައްސޭރިފަށަށް ބާލާފައިވާ ކާބޯތަކެތި, ޔަހޫދީންގެ މެދުކެނޑުމެއް ނެތް ޙަމަލާތަކާ ގުޅިގެން, އެ ސަހަރުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ފޯރުކޮށްދެވިފައި ނުވާ ކަމުގައެވެ. އެ މީހުންނާ ހަމައަށް ގެންގޮސްދެވިފައި ވަނީ މަދު ޢަދަދެއްގެ ކާބޯތަކެއްޗެވެ.

ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ފޯރުކޮށްދޭން ދުވާލެއްގެ މައްޗަށް 600އެއްހާ ލޮރީގެ ސާމާނު ޣައްޒާއަށް އެތެރެ ކުރަން ޖެހޭ ކަމުގައި އދއިން ބުނެއެވެ. ނަމަވެސް, ޔަހޫދީން ޣައްޒާއަށް އެތެރެވުމުގެ ހުއްދަ ދެނީ މަދު ޢަދަދެއްގެ ލޮރީތަކަށެވެ. މިއީ, ޣައްޒާގެ މުސްލިމުން ހައިހޫނުގައި ޖައްސަން ޔަހޫދީން ގަސްދުގައި ހިންގަމުންދާ ހަނގުރާމައިގެ ކުށެކެވެ.

މީގެ ނުވަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 38,848އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 89,459އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.