ޚަބަރު

މުޒާހަރާއަށް ހުރަސްއަޅަން ބަންގްލަދޭޝުން މޮބައިލް އިންޓަރނެޓުގެ ޚިދުމަތް ކަނޑައިލައިފި


ބަންގްލްދޭޝްގައި ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމާއި ސިޔާސަތުތަކާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކަށް ހުރަސް އެޅުމުގެ ގޮތުން މޮބައިލް އިންޓަރނެޓުގެ ބައެއް ޚިދުމަތްތައް ކަނޑައިލައިފިއެވެ. މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ގިނައީ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި މަތީ ތަޢުލީމު ހާސިލު ކުރާ ދަރިވަރުންނެވެ. މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި މަރުވި މީހުންގެ ޢަދަދު ވަނީ 12އަށް އުފުލިފައެވެ.

މުޒާހަރާތައް ހުއްޓުވަން ފުލުހުން ދަނީ ބާރުގެ ބޭނުންކޮށް, ރަބަރު ވަޒަނާއި ކަރުނަ ގޭސް ފަދަ ހަތިޔާރު ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިންނަށް ޙަމަލާ ދެމުންނެވެ. މުޒާާހަރާގެ ބައިވެރިން ވެސް ދަނީ ލަކުޑިބުރި ފަދަ ހަތިޔާރު ބޭނުން ކޮށްގެން ފުލުހުންނާ ކުރިމަތިލަމުންނެވެ. ވެރިކަން ކުރާ އަވާމީ ލީގް ޕާޓީގެ ޢާންމު މެންބަރުން ވެސް ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ނިކުމެ, ހަމަނުޖެހުން ހިންގަން ފަށާފައެވެ.

މި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ޢަދަދު 12އަށް އުފުލިފައިވާއިރު, އޭގެ ތެރެއިން ހަ މީހުން މަރުވީ ޖުލައި 18ވަނަ ދުވަހު ވެރިރަށް ދާކާގައި ހިނގި ކުރިމަތިލުންތަކުގައެވެ. އޭގެ ތެރޭގައި ބަސް ދުއްވާ ޑްރައިވަރެއް ވެސް ހިމެނެއެވެ. މަންޒަރު ފެނުނު މީހުން ބުނީ, ބަސް ޑްރައިވަރުގެ ހަށިގަނޑުގެ އެތައް ތަނަކަށް ވަޒަން އަރާފައިވާ ކަމުގައެވެ. މިހާތަނަށް މަރުވެފައިވާ މީހުންގެ ތެރޭގައި ގިނައީ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި މަތީ ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނެވެ. އަދި, އެތަކެއް ސަތޭކަ ބަޔަކު ވަނީ ޒަޚަމުވެފައެވެ.

މިއީ, ވެރިކަމުގެ ހަތަރު ވަނަ ދައުރަކަށް ޖަނަވަރީ މަހު އިންތިޚާބުވެ ވަޑައިގެންނެވި ޝައިޚް ޙަސީނާގެ ސަރުކާރާ ދެކޮޅަށް މި ދައުރުގައި ފަށާފައިވާ މި ފަދަ އެންމެ ބޮޑު މުޒާހަރާތަކެވެ. މުޒާހަރާގެ ބައިވެރިން ކަންބޮޑުވުން ފާޅު ކުރަމުންދާ އެންމެ ބޮޑު މައްސަލައަކީ, އެ ޤައުމުގެ ޒުވާނުންނަށް އޮތް ވަޒީފާގެ ފުރުޞަތުތައް މަދުވުމެވެ. ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ބަންގްލަދޭޝްގެ 170 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން ފަސްބައިކުޅަ އެއްބައި މީހުންނަކީ ވަޒީފާ ނެތް މީހުންނެވެ.

ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރާ ކޯޓާ ނިޒާމާ ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައި ވަނީ, ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގެ ބައިވެރިންގެ ޢާއިލާތަކަށް ސަރުކާރު ވަޒީފާތަކުގެ 30 އިންސައްތަ ޚާއްޞަ ކުރުމަށް އެ ޤައުމުގެ ހައި ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. އެ ނިިންމުމާ އެކު, ސަރުކާރު ވަޒީފާތަކުގެ ތެރެއިން ވަކި ބަޔަކަށް ޚާއްޞަ ކޮށްފައިވާ ވަޒީފާތަކުގެ ނިސްބަތް 50 އިންސައްތައަށް ވުރެ އިތުރުވިއެވެ. ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން އެ އަމުރު ބާޠިލު ކުރި ނަމަވެސް މުޒާހަރާތަކަށް ނިމުމެއް ގެނެސްފައެއް ނުވެއެވެ.

ބަންގްލަދޭޝްގެ ޤާނޫނީ ދާއިރާގެ ވަޒީރު އަނީސް އަލް-ޙައްޤު ވިދާޅުވީ މުޒާހަރާގެ ބައިވެރިންނާ މަޝްވަރާކޮށް, މި ކަމަށް ސުލްޙަވެރި ނިމުމެއް ގެންނަން ސަރުކާރުން ބޭނުންވާ ކަމުގައެވެ. "އަޅުގަނޑުމެން މި ތިބީ މުޒާހަރާގެ ބައިވެރިންނާ އެކު އިށީންނަން [މަޝްވަރާ ކުރަން] ތައްޔާރަށް. މަޝްވަރާ ފަށަން އެ މީހުން ބޭނުންވީމަ އެ ކަން ވާނެ،" ޙައްޤު ވިދާޅުވިއެވެ.

ނަމަވެސް, މުޒާހަރާގެ ބައިވެރިންގެ ގޮވައިލުންތަކަށް އިޖާބަ ދެއްވަން ޙަސީނާ ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި, މުޒާހަރާތަކުގެ އަޑީގައި ތިބީ ބަންގްލަދޭޝްގެ މިނިވަން ކަމަށް 1971ވަނަ އަހަރު ކުރި ހަނގުރާމައިގައި ޕާކިސްތާނުގެ އަސްކަރިއްޔާއަށް ވާގިވެރިވި ފަރާތްތަކެވެ.

މުޒާހަރާތައް ތޫޅައިލުމަށް މޮބައިލް އިންޓަރނެޓުގެ ޚިދުމަތް ކަނޑައިލައި, ބާރުގެ ބޭނުން ކުރުމުގެ އިތުރުން ބަންގްލަދޭޝް ސަރުކާރުން ވަނީ އެ ޤައުމުގައި ހިންގާ ހުރިހާ ކޮލެޖަކާއި ޔުނިވަރސިޓީއެއް އެއްވެސް މުއްދަތެއް ނެތް ގޮތަށް ބަންދު ކޮށްފައެވެ. މި މުޒާހަރާތަކާ ގުޅިގެން ދާކާގައި ހުންނަ ބޭރު ޤައުމުތަކުގެ ބައެއް އެމްބަސީތައް ވެސް ވަނީ ބަންދު ކޮށްފައެވެ. އޭގެ ތެރޭގައި އެމެރިކާގެ އެމްބަސީ ހިމެނެއެވެ.

މުޒާހަރާގެ ބައިވެރިން ހުއްޓުވަން ބަންގްލަދޭޝް ސަރުކާރުން އަމަލު ކުރަމުންދާ ގޮތަށް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ފާޑު ކިޔުންތައް ވަނީ އަމާޒުވެފައެވެ. އަދި, އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ވަނީ ހަމަނުޖެހުންތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

"ސުލްޙަވެރި މުޒާހަރާތައް ކުރަމުންދާ މީހުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރުކޮށް, ޒަޚަމުވެފައިވާ މީހުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ވަގުތުން ހަމަޖައްސަން ބަންގްލަދޭޝްގެ ސަރުކާރަށް ގޮވައިލަން،" މުޒާހަރާތައް ރޫޅައިލަން ބާރުގެ ބޭނުން ކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްނެސްޓީ އިންޓަރނޭޝަނަލުން ނެރުނު ބަޔާނެއްގައި ބުންޏެވެ.