ޚަބަރު

ޙޫޘީންގެ ޙަމަލާތަކާ ގުޅިގެން ސުވަޔިސް ކޯރުގެ ވިޔަފާރި ދަށަށް


ރަތް ކަނޑު ހުރަސްކޮށް މުދާ އުފުލުގެ ވިޔަފާރިއަށް ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޙޫޘީ ޖަމާޢަތުން ހުރަސް އަޅަން ފެށުމާ ގުޅިގެން ސުވަޔިސް މަގު ނުވަތަ ކޯރު (ސުއެޒް ކެނޭލް) ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރުގެ ޢަދަދު މަދުވެ, ވިޔަފާރި ދަށްވެއްޖެއެވެ. ސުވަޔިސް ކޯރަކީ, ރަތް ކަނޑާއި މެޑިޓެރޭނިޔަން ކަނޑު ގުޅައިދިނުމަށް މިޞްރުގައި ބިނާ ކޮށްފައިވާ މަސްނޫއީ ކޯރެކެވެ.

ޔަމަން ކައިރީގައިވާ ކަނޑުގެ ސަރަޙައްދުން ދަތުރު ކުރާ އުޅަނދުފަހަރަށް ޙޫޘީން ޙަމަލާތައް އަމާޒު ކުރަން ފަށާފައި ވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލަން ބާރު އެޅުމުގެ ގޮތުންނެވެ. ޙޫޘީންގެ އަސްކަރީ ޙަރަކާތުގެ ދަށުން އެ ޖަމާޢަތުން ދަނީ ރަތް ކަނޑާއި ޢަދަން ކަނޑުގެ އިތުރުން މެޑިޓެރޭނިޔަން ކަނޑާއި އިންޑިޔާ ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް ވެސް ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެ ޙަމަލާތަކުގައި މިހާތަނަށް ދެ އާގުބޯޓު ފައްތައިލާފައިވެއެވެ.

އޭޝިޔާއާއި ވިލާތުގެ ޤައުމުތަކުގެ ދެމެދުގައި ވިޔަފާރި މުދާ އުފުލާ އާގުބޯޓުފަހަރުތައް ރަތް ކަނޑުގެ ބަދަލުގައި މިހާރު ދަތުރު ކުރަނީ އެފްރިކާ ބައްރު ވަށައިލުމަށް ފަހު, ކޭޕް އޮފް ގުޑް ހޯޕް ކަނޑުންނެވެ. އެއީ, ޚަރަދު ބޮޑު, ދިގު ދަތުރެކެވެ. މި ކަމާ ގުޅިގެން ކަނޑު މަގުން މުދާ އުފުލުގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު, ސުވަޔިސް ކޯރު ބޭނުން ކުރާ އުޅަނދުފަހަރުން މިޞްރަށް ލިބޭ އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ.

ސުވަޔިސް ކޯރު އޮޕަރޭޓް ކުރާ މިޞްރުގެ އިދާރާގެ ވެރިޔާ އުސާމާ ރަބީޢު ވިދާޅުވީ, ޙޫޘީންގެ އަމަލުތަކުގެ ސަބަބުން އެ ކޯރުން އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީ ހަތަރުބައިކުޅަ އެއްބައި ދަށަށް ގޮސްފައިވާ ކަމުގައެވެ. މި ގޮތުން, 24-2023ގެ މާލީ އަހަރު ސުވަޔިސުން ލިބުނު އާމްދަނީ 7.2 ބިލިޔަން އެމެރިކާ ޑޮލަރަށް ވެއްޓިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އޭގެ ކުރީ މާލީ އަހަރު ސުވަޔިސަށް ލިބުނު އާމްދަނީ 9.4 ބިލިޔަން އެމެރިކާ ޑޮލަރަށް އަަރައެވެ.

ސުވަޔިސް ކޯރުން ދަތުރު ކުރާ އުޅަނދުފަހަރުގެ ޢަދަދު ވެސް, 24-2023ވަނަ އަހަރުގެ މާލީ އަހަރު 20,148އަށް ވެއްޓިފައިވާ ކަމުގައި ރަބީޢު ވިދާޅުވިއެެވެ. އޭގެ ކުރީ އަހަރު, ސުވަޔިސް މަގުން ދަތުރު ކޮށްފައިވާ އާގުބޯޓުފަހަރުގެ ޢަދަދު 25,911އަށް އަރައެވެ. ސުވަޔިސް ކޯރަކީ, މިޞްރަށް އެންމެ ގިނައިން ބޭރު ފައިސާ ލިބޭ ވިޔަފާރިއެވެ. އެ މަގުން ލިބޭ އާމްދަނީ އިތުރު ކުރަން 2015ވަނަ އަހަރުން ފެށިގެން މިޞްރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޙޫޘީންގެ ޙަމަލާތަކާ ގުޅިގެން މިޞްރުގެ އިޤުތިޞާދަށް ނޭދެވޭ އަސަރު ކުރަން ފަށާފައިވާއިރު, ކަނޑު މަގުން މުދާ އުފުލުމުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ވެސް ވަނީ ބޮޑު ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެ ސިނާޢަތުގައި ހަރަކާތްތެރިވާ އެންމެ ބޮޑު އެއް ކުންފުނި, މެޔާސްކުން ބުނީ ޙޫޘީންގެ އަމަލުތަކާ ގުޅިގެން އެ ކުންފުނީގެ މުޅި އޮޕަރޭޝަނަށް ބުރޫ އަރާފައިވާ ކަމުގައެވެ.

ރަތް ކަނޑުން ކުރަމުން ދިޔަ ދަތުރުތައް ހުސްވި އަހަރުގެ ޑިސެންބަރު މަހު ހުއްޓައިލި ފަހުން އިރުމަތީ އޭޝިޔާގެ ޤައުމުތަކާއި ވިލާތުގެ ޤައުމުތަކުގެ ބަނދަރުތަކުގައި ގިނަ ޢަދަދެއްގެ އާގުބޯޑުފަހަރު ތޮއްޖެހިފައިވާ ކަމަށާއި, މުދާ ބަރު ކޮށްފައިވާ ގިނަ ޢަދަދެއްގެ ކޮންޓެއިނަރުތައް ތާށިވެފައިވާ ކަމުގައި މެޔާސްކުން ހާމަ ކުރިއެވެ. އަދި, އެ ކުންފުނިން މުދާ އުފުލާ އެހެން ރޫޓުތައް ނުވަތަ މަގުތަކަށް ވެސް އެ ކަމުގެ އަސަރު ކުރަން ފަށައި, ބުރޫއަރަމުންދާ ކަމުގައި މެޔާސްކުން ބުންޏެވެ.

ޙޫޘީންގެ ޙަމަލާތައް އަމާޒު ކުރަނީ ޔަހޫދީ ދައުލަތަށް ނިސްބަތްވާ އަދި ޔަހޫދީންގެ މަސްލަޙަތު އޮތް ކުންފުނިތަކުގެ އާގުބޯޓުފަހަރަށާއި އެހެން އުޅަނދުތަކަށެވެ. އަދި, ޔަހޫދީންގެ މަސްލަޙަތު ހިމާޔަތް ކުރަން އެމެރިކާއާއި އިނގިރޭސިވިލާތުން ތެދުވުމުން, ޙޫޘީން ދަނީ އެ ޤައުމުތަކުގެ އަސްކަރީ މަނަވަރުތަކާއި އާގުބޯޓުފަހަރަށް ވެސް ޙަމަލާތައް އަމާޒު ކުރަމުންނެވެ. ޙޫޘީން ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ވަނީ ޔަަމަންގެ ޢާންމުން ދިރިއުޅޭ ރަށްތަކަށް ބޮން އެޅުމުގެ ކެމްޕޭނެއް ފަށާފައެވެ.