ޚަބަރު

ނޭޕާލް ބަލިކޮށް ލަންކާއިން ފެށުން ރަނގަޅުކޮށްފި


ރާއްޖޭގައި މިހާރު ކުރިއަށްދާ ކާވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގެ ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ސްރީ ލަންކާއިން ނޭޕާލް އަތްދަށުކޮށްފި އެވެ.

ނޭޕާލާއި ވާދަކޮށް ސްރީ ލަންކާ މެޗު ކާމިޔާބުކޮށްފައިވަނީ 3-1 ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ނޭޕާލުން ވަނީ ބައެއް ދަނޑިވަޅުތަކުގައި ލަންކާއަށް ނުރައްކާކޮށްފައެވެ. ނަމަވެސް ލަންކާ ކުޅުންތެރިން ވަނީ އެއް ފެންވަރެއްގައި މުޅި މެޗު ޑޮމިނޭޓުކޮށްފައެވެ.

ސޯޝްލް ސެންޓަރުގައި ކުރިއަށްދިޔަ މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މި ސެޓުގެ މެދުތެރެއިން ލަންކާއިން އިން ވަނީ ނޭޕާލްގެ މައްޗަށް ބޮޑު ލީޑެއް ނަގާފައެވެ. ލަންކާއިން މި ސެޓު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 20-25 އިންނެވެ.

ލަންކާއިން މެޗުގެ ފުރަތަމަ ސެޓު ނަގާފައިވަނިކޮށް ނޭޕާލުން ވަނީ މެޗުގެ ދެ ވަނަ ސެޓު ހޯދާފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި ސެޓު ނޭޕާލް އިން ކާމިޔާބުކޮށްފައިވަނީ 24-26ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފަހު ދެ ސެޓު ކާމިޔާބުކޮށްފައިވަނީ ލަންކާއިންނެވެ. މެޗުގެ ތިން ވަނަ ސެޓު ލަންކާއިން ކާމިޔާބުކޮށްފައިވަނީ 11-25ގެ ނަތީޖާ އަކުންނެވެ. އަދި މެޗުގެ ފަހު ސެޓު ލަންކާއިން ކާމިޔާބުކޮށްފައިވަނީ 18-25 ގެ ނަތީޖާ އަކުންނެވެ. ފަހު ދެ ސެޓުގައިވެސް ލަންކާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ލަންކާ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ އެ ޓީމުގެ ކެޕްޓަން ޗަތުރީއެވެ.