ބަންގްލްދޭޝްގައި ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމާއި ސިޔާސަތުތަކާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި މަރުވި މީހުންގެ ޢަދަދު 105އަށް އުފުލިއްޖެއެވެ. މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ގިނައީ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި މަތީ ތަޢުލީމު ހާސިލު ކުރާ ދަރިވަރުންނެވެ.
ބަންގްލަދޭޝްގެ 64 ޑިސްޓްރިކްޓުގެ ތެރެއިން 47 ޑިސްޓްރިކްޓަކަށް މުޒާހަރާތައް ފެތުރިފައިވާއިރު, މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި ޒަޚަމުވި މީހުންގެ ޢަދަދު 1,500އަށް އުފުލިފައިވާ ކަމުގައި އެ ޤައުމުގެ ނޫހެއް ކަމުގައިވާ ޕްރޮތޯމް އާލޯން ރިޕޯޓު ކުރެއެވެ.
މުޒާހަރާތަކާ ގުޅިގެން ބަންގްލަދޭޝްގެ މުވާސަލާތީ ޚިދުމަތްތަކާ ބުރޫ އެރުމާ އެކު, ހަމަނުޖެހުންތަކާ ގުޅޭ ސައްޙަ މަޢުލޫމާތު ހޯދުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. މޮބައިލް އިންޓަރނެޓުގެ ޚިދުމަތުގެ އިތުރުން ބަންގްލަދޭޝްގެ ބައެއް ބްރޯޑްކާސްޓިންގ ސްޓޭޝަންތަކުން ވެސް ވަނީ ޚިދުމަތްތައް މެދުކަނޑައިލާފައެވެ. މިއީ, ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުވާސަލާތީ ޚިދުމަތްތަކަށް ޖުލައި 19ވަނަ ދުވަހު ކުރިމަތިވި މައްސަލައާ ގުޅިގެން ކުރިމަތިވި ކަމެއް ނޫން ކަމުގައި ބަންގްލަދޭޝުން ބުނެއެވެ.
އިންޓަރނެޓުގެ ޚިދުމަތްތަކުގެ އިތުރުން ބޭރު ޤައުމުތަކަށް ކުރާ ފޯން ކޯލްތަކަށް ވެސް ވަނީ ހުރަސް އެޅިފައެވެ. އަދި, ޚަބަރު ފަތުރާ ގިނަ ނޫސްތަކުގެ ވެބްސައިޓުތަކާއި ސޯޝަލް މީޑިޔާ ވެސް އަޕްޑޭޓު ކުރުން ވެސް ވަނީ މެދުކަނޑައިލާފައެވެ. ބަންގްލަދޭޝްގެ ދަޢުލަތުގެ މީޑިޔާ, ބީޓީވީން ގެނެސްދޭ ޚަބަރާއި މަޢުލޫމާތުގެ ޕުރޮގުރާމުތައް ވަނީ ހުއްޓައިލާފައެވެ. އަދި, ހެކަރުންގެ ބަޔަކު ވަނީ މަރުކަޒީ ބޭންކާއި ބޮޑުވަޒީރުގެ އޮފީހުގެ އިތުރުން ފުލުހުންގެ ވެބްސައިޓް ހެކުކޮށް, "މިހާރު މިއީ މުޒާހަރާއެއް ނޫން. މިހާރު މިއީ ހަނގުރާމައެއް" ކަމަށް އިންޒާރުކޮށް މެސެޖެއް ޝާއިޢު ކޮށްފައެވެ.
މުވާސަލާތީ ޚިދުމަތްތައް ކަނޑައިލާފައިވާ ސަބަބު ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ސަރުކާރުން ހާމަކޮށްފައި ނުވި ނަމަވެސް, މިއީ މުޒާހަރާތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އަޅާފައިވާ ފިޔަވަޅެއް ކަމަށް ބެލެވެއެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި އެއްވެ އުޅުން މަނާ ކުރުން ވެސް ހިމެނެއެވެ. ނަމަވެސް, އެތަކެއް ހާސް ބަޔަކު ދަނީ މި އެންގުމާ ޚިލާފަށް މަގުތަކުގައި ކުރަމުންދާ މުޒާހަރާތައް އިތުރަށް ފުޅާ ކުރަން މަސައްކަތް ކުރަމުންނެވެ.
"މުޒާހަރާ ކުރަމުންދާ ދަރިވަރުންނަށް ހިތްވަރުދީ އެއްބާރުލުން ދިނުމަށް [ބަންގްލަދޭޝްގެ] ސިޔާސީ ވެރިންނާއި, އެކްޓިވިސްޓުންނާއި ޢާންމު ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެން. މުޒާހަރާތައް ހުއްޓުނަ ނުދީ ކުރިއަށް ގެންދަން އެހީތެރިވާން ޖެހޭ،" އަރުވައިލެވިގެން ހުންނެވި އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ވެރިޔާ ޠާރިޤް އަލް-ރަޙްމާން ގޮވައިލެއްވިއެވެ.
ޙަސީނާގެ ސަރުކާރާ ދެކޮޅަށް ދަރިވަރުން އިސްވެ ފަށާފައިވާ މުޒާހަރާތަކަކީ އިދިކޮޅު ސިޔާސީ ޕާޓީތައް އަޑީގައި އޮވެގެން ހިންގަމުންދާ މުޒާހަރާތަކެއް ކަމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދެއްކުމުގެ ގޮތުން އިދިކޮޅު ޕާޓީތަކުގެ އިސް މެންބަރުން ހައްުޔަރު ކުރަމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. ނަމަވެސް, ބަންގްލަދޭޝްގެ ރަސްމީ އެއްވެސް އިދާރާއަކުން މި ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ހަމަނުޖެހުންތަކުގައި ޖުލައި 19ވަނަ ދުވަހު އެކަނިވެސް ތިން މީހުން މަރުވެފައިވާ ކަމުގައި ބަންގްލަދޭޝްގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ. މުޒާހަރާތަކާ ގުޅިގެން ރޭލު ދަތުރުފަތުރުގެ ޚިދުމަތަށް ވެސް ވަނީ ބުރޫ އަރާފައެވެ. މުޒާހަރާތައް ރޫޅައިލުމަށް ފުލުހުން ދަނީ ބާރުގެ ބޭނުންކޮށް, ރަބަރު ވަޒަނާއި ކަރުނަ ގޭސް ފަދަ ހަތިޔާރު ބޭނުން ކުރަމުންނެވެ. ފުލުހުންނަށް އެހީތެރިވެދިނުމަށް ބަންގްލަދޭޝްގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ ސިފައިން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
މިއީ, ވެރިކަމުގެ ހަތަރު ވަނަ ދައުރަކަށް ޖަނަވަރީ މަހު އިންތިޚާބުވެ ވަޑައިގެންނެވި ޝައިޚް ޙަސީނާގެ ސަރުކާރާ ދެކޮޅަށް މި ދައުރުގައި ފަށާފައިވާ މި ފަދަ އެންމެ ބޮޑު މުޒާހަރާތަކެވެ. މުޒާހަރާގެ ބައިވެރިން ކަންބޮޑުވުން ފާޅު ކުރަމުންދާ އެންމެ ބޮޑު މައްސަލައަކީ, އެ ޤައުމުގެ ޒުވާނުންނަށް އޮތް ވަޒީފާގެ ފުރުޞަތުތައް މަދުވުމެވެ. ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ބަންގްލަދޭޝްގެ 170 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން ފަސްބައިކުޅަ އެއްބައި މީހުންނަކީ ވަޒީފާ ނެތް މީހުންނެވެ.
ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރާ ކޯޓާ ނިޒާމާ ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައި ވަނީ, ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގެ ބައިވެރިންގެ ޢާއިލާތަކަށް ސަރުކާރު ވަޒީފާތަކުގެ 30 އިންސައްތަ ޚާއްޞަ ކުރުމަށް އެ ޤައުމުގެ ހައި ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. އެ ނިިންމުމާ އެކު, ސަރުކާރު ވަޒީފާތަކުގެ ތެރެއިން ވަކި ބަޔަކަށް ޚާއްޞަ ކޮށްފައިވާ ވަޒީފާތަކުގެ ނިސްބަތް 50 އިންސައްތައަށް ވުރެ އިތުރުވިއެވެ. ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން އެ އަމުރު ބާޠިލު ކުރި ނަމަވެސް މުޒާހަރާތަކަށް ނިމުމެއް ގެނެސްފައެއް ނުވެއެވެ.