ފަލަސްޠީނުގެ މުސްލިމުން އަޅުވެތި ކުރުމާއި އެ މީހުންނާ މެދު އަމަލު ކުރަމުންދާ ލާއިންސާނީ ސިޔާސަތުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ސިޔާސަތުތަކެއް ކަމަށް ކަނޑައަޅައި, ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް މުސްލިމުންގެ ބިމުގެ ޤުދުރަތީ ވަސީލަތްތަކުން ޔަހޫދީން ނަފާ ހޯދަމުންދާ ކަމުގައި އދގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ން ކަނޑައަޅައިފިއެވެ. ދުނިޔޭގެ ކޯޓުގެ ފަނޑިޔާރުން ނެރެއްވި އިރުޝާދީ ލަފާގައި ބުނެފައި ވަނީ, ބައިނަލްއަޤުވާމީ ޤާނޫތަކާއި, ޖެނީވާ ކޮންވެންޝަންގެ އިތުރުން އދގެ ޗާޓަރާ ޔަހޫދީން ޚިލާފުވެފައިވާ ކަމުގައެވެ.
ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަތުމާއި, މުސްލިމުން އަޅުވެތި ކުރުން ބަލައިގަތުމާއި އެ ކަމަށް ތާޢީދު ކުރުން ހުއްޓައިލުމަށް ވެސް އައިސީޖޭގެ ފަނޑިޔާރުން ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލައްވާފައެވެ. އަދި, ފަަލަސްޠީނުގެ މުސްލިމުން އަޅުވެތި ކުރުމުގެ ގޮތުން ޔަހޫދީން އެ މީހުންގެ މައްޗަށް ހިންގަމުންދާ ސިޔާސަތުތަކާއި, ކުރިމަތި ކުރަމުންދާ ފިއްތުންތަކާއި ހުރަސްތަކަކީ ނިޒާމީ އަޅުވެތި ކަމުގެ ދަށުން ހިންގަމުންދާ ތަފާތު ކުރުމުގެ ކުށެއްގެ ގޮތުގައި ވެސް އައިސީޖޭގެ ފަނޑިޔާރުން ނެރުއްވި އިރުޝާދީ ލަފާގައި ސިފަ ކުރެއްވިއެވެ.
ދުނިޔޭގެ ކޯޓުގެ ފަނޑިޔާރުން އިތުރަށް ވިދާޅުވީ ފަލަސްޠީނުގެ މުސްލިމުންގެ އިންސާނީ ޙައްޤުތަކަށް ޔަހޫދީން އަރައިގަނެފައިވާ ކަމުގައެވެ. މި ގޮތުން, ފަލަސްޠީނުގެ މުސްލިމުންގެ މިނިވަން ކަމުގެ ޙައްޤަށް ޔަހޫދީން އަރައިގަނެފައިވާ ކަމަށާއި, އެ މީހުންގެ ބިންތައް ގަދަ ބާރުން ފޭރިގަނެފައިވާ ކަމުގައެވެ. އަދި, ފަލަސްޠީނުގެ ބިންތަކުން ގަދަ ބާރުން އެ މީހުން ބޭރު ކުރުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ހިންގަމުންދާ އަމަލެއް ކަމުގައި ވެސް ދުނިޔޭގެ ކޯޓުގެ ފަނޑިޔާރުން އެއްބަސްވެ ވަޑައިގަންނަވައެވެ.
އައިސީޖޭގެ ފަނޑިޔާރުންގެ އިރުޝާދީ ލަފާތަކަށް ޤާނޫނީ ބާރުވެރިކަން ލިބިދީފައި ނެތް ނަމަވެސް އެ ކޯޓުގެ ނިންމުންތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކުން ބާރުދޭ ނިންމުންތަކެކެވެ. އައިސީޖޭގެ ނިންމުމާ އެކު, ފަލަސްޠީނުގެ މުސްލިމުން އަޅުވެތި ކުރުމުގެ މައްސަލައިގައި ޔަހޫދީންނަށް އޮތް ތާޢީދު ފަނޑުވެގެން ދާނެ ކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.
ފަަލަސްޠީނުގެ މުސްލިމުންގެ ބިންތަކަށް ވަޒަންވެރިވެ ހިންގަމުންދާ އަމަލުތަކާއި, މުސްލިމުންނާ މެދު އަމަލު ކުރަމުންދާ ސިޔާސަތުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ޤާނޫނީ މައްސަލަތަކާ ގުޅޭ ގޮތުން އައިސީޖޭން ލަފާ އަރުވާފައި މި ވަނީ 2022ވަނަ އަހަރުގެ ފަހުކޮޅު އދގެ ޢާންމު މަޖިލީހުން އެ ކަމަށް އެދި ހުށަހެޅުމުންނެވެ. އެ ހުށަހެޅުމުގައި އެދިފައި ވަނީ, ފަލަސްޠީނުގެ މުސްލިމުންގެ ބިންތަކަށް ވެރިވެގަނެ, އެ މީހުން އަޅުވެތި ކުރުމާއި, އެ މީހުންނާ މެދު އަމަލު ކުރަމުންދާ ސިޔާސަތުތައް ދިރާސާކޮށް, އެ ކަމާ މެދު އައިސީޖޭގެ ފަނޑިޔާރުންގެ ރަޢުޔު ހާމަ ކޮށްދިނުމަށެވެ.
އެއީ, 2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ފެށި ޢުދުވާން ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން ދެކުނު އެފްރިކާއިން އިސްވެ އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައަށް ވުރެ ކުރިން އދގެ ޢާންމު މަޖިލީހުން ހުށަހަޅާފައިވާ މައްސަލައެކެވެ. ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައިލައި އައިސީޖޭން މޭ މަހު ނެރުނު ހުކުމުގައި ޣައްޒާގެ ރަފަޙުގައި ހިންްގަމުންދާ ގަތުލުއާންމު ހުއްޓައިލަން ޔަހޫދީންގެ މައްޗަށް އަމުރު ކޮށްފައިވެއެވެ.
މި އަހަރުގެ ފެބުރުވަރީ މަހު އައިސީޖޭގައި ބޭއްވި އަޑުއެހުމެއްގައި 50އަށްވުރެ ގިނަ ޤައުމުން ވަނީ, ޔަހޫދީން ފަލަސްޠީނުގެ މުސްލިމުންގެ މައްޗަށް އަޅުވެތި ކަން ހިންގަމުން ދަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ. އަދި, ފަލަސްޠީނުގެ މުސްލިމުންގެ ބިންތަކުގައި ވަޒަންވެރި ކުރުވާފައިވާ ޔަހޫދީންގެ ރަށްތައް ވަގުތުން ރޫޅައިލައި, އެ ބިންތައް މިނިވަން ކުރުމަށް ގޮވައިލުމަށް ވެސް އެ ޤައުމުތަކުން އައިސީޖޭގައި އެދިފައިވެއެވެ. އެއީ, ސައްޙަ ހުށަހެޅުންތަކެއް ކަމަށް އެއްބަސްވާ ކަމުގައި އައިސީޖޭގެ ފަނޑިޔާރުންގެ އިރުޝާދީ ލަފާގައި ފާހަގަ ކުރެއްވިއެވެ.
ހައްދުފަހަނަ އެޅި ޔަހޫދީން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެފައި ވަނީ 1967ވަނަ އަހަރުއެވެ. އޭގެ ތެރޭގައި ހުޅަނގު އައްސޭރިއާއި ޣައްޒާގެ އިތުރުން އިރުމަތީ ބައިތުލްމަޤްދިސް ހިމެނެއެވެ. އެއަށްފަހު އިސްރާއީލުން ވަނީ އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަށް ގެދޮރު ބިނާކޮށް, އެތަކެއް ސަތޭކަ ހާސް ޔަހޫދީ ވަޒަންވެރިން ފަލަސްޠީނުގެ ބިންތަކަށް ވެރި ކުރުވާފައެވެ.
އައިސީޖޭގެ މައްސަލައިގައި ފެބުރުވަރީ މަހު ބޭއްވި އަޑުއެހުންތަކުގައި އިސްރާއީލަށް ތާޢީދު ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ޔަހޫދީންގެ މަދަދުގާރުން ކަމުގައިވާ އެމެރިކާއާއި, އިނގިރޭސިވިލާތާއި ކެނެޑާ ހިމެނެއެވެ. އިނގިރޭސިވިލާތާއި ކެނެޑާއިން ވަނީ, މި ކަމުގައި އައިސީޖޭގެ ފަނޑިޔާރުން ލަފައެއް ނޭރުވުމަށް ބާރު އަޅާފައެވެ. އަދި ޔަހޫދީންގެ މަސްލަޙަތު ހިމާޔަތް ކުރަން ފޫގަޅައިގެން އޮތް އެމެރިކާއިން ވަނީ, މުސްލިމުންގެ ބިންތަކުން ޔަހޫދީން ބޭލުމަށް އަމުރެއް ނެރުމާ ދެކޮޅަށް އައިސީޖޭގެ ފަނޑިޔާރުންނަށް އިންޒާރު ކޮށްފައެވެ.
2004ވަނަ އަހަރު ވެސް އައިސީޖޭން އިސްރާއީލާ ދެކޮޅަށް ލަފައެއް ނެރުނެވެ. އެ ލަފާގައި ބުނެފައި ވަނީ, ހުޅަނގު އައްސޭރީގެ މުސްލިމުން އަޅުވެތި ކުރަން ޔަހޫދީން އެ ސަރަޙައްދު ވަށައިގެން ޖަހާފައިވާ ފެންސަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ބިނާ ކޮށްފައިވާ ފެންސެއް ކަމުގައެވެ. އަދި, ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކުރުވަމުން ދަނީ ވެސް ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ކަމުގައި އައިސީޖޭގެ ފަނޑިޔާރުން ކަނޑައެޅިއެވެ.