ޚަބަރު

ވިއްސާރަ ކޮޅިގަނޑު ރާއްޖެއާ ދުރަށް ދަތުރުކުރަން ފަށައިފި


ރާއްޖޭގެ އިރުމަތީގައި މިމަހުގެ 9 ވަނަ ދުވަހު އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެކަމަށާއި އެހެންނަމަވެސް ރާއްޖެއާ ދުރަށް ދަތުރުކުރަމުންދާކަމަށް ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ހާމަކޮށްފިއެވެ.

ދިވެހި ނަމެއްކަމަށްވާ "ރޯނު" މިނަމުން ނަންދީފައިވާ މި ތޫފާން މަޑުމަޑުން އިތުރަށް ދަތުރުކުރަމުން ގޮސް، ސްރީލަންކާ ފަހަނަޅައި ގޮސް، މިހާރު ވަނީ އިންޑިއާގެ އިރުމަތީ އައްސޭރިފަށް ކައިރިން އުތުރު ބަންގާޅު ކަނޑުގެ ސަރަޙައްދާ ހަމައަށް ގޮސްފައެވެ.

ރާއްޖޭގައި އިރުމަތީގައި އުފެދުނު މި ކޮޅިގަނޑުގައި ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި ގުގުރުމާއެކު ވިއްސާރަކޮށްފައިވެއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސަސް އިން ހާމަކުރައްވާ ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖެއަށް ގަދަވަޔާއެކު ގިނަ ޢަދަދަކަށް ވާރޭވެހިފައިވާއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ، ތ. ވޭމަންޑުއަށެވެ. އެރަށަށް ވޭތުވެދިޔަ ސައުވީސްގަޑިއިރު، 170 މިލިމީޓަރުގެ ވާރޭވެހިފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ. އަދި ލ. ކައްދުއަށް 107 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.

ވޭތުވެދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި އެންމެ ބާރަށް ވައިޖެހުނު ކަމަށް ރެކޯޑްކުރެވިފައިވަނީ ގަޑިއަކު 52 މޭލް ބާރު މިނުގައެވެ. މޯލްޑިވްސް މީޓިއޮރިލޮޖިކަކް ސަރވިސަސް އިން ލަފާކުރައްވާ ގޮތުގައި ކުރިޔަށް އޮތް ސައުވީސް ގަޑިއިރުގެ ތެރޭގައިވެސް ގުގުރުމާއެކު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެއެވެ.