ޚަބަރު

ޕާކިސްތާނުން އަލް-ޤަޢިދާގެ އިސް ނިރުބަވެރިޔަކު ހައްޔަރު ކޮށްފި


ނިރުބަވެރިންގެ ޖަމާޢަތެއް ކަމުގައިވާ އަލް-ޤަޢިދާގެ އިސް ވެރިޔަކު ޕާކިސްތާނުން ހައްޔަރު ކޮށްފިއެވެ. ޕާކިސްތާނުގެ ކައުންޓަރ-ޓެރެރިޒަމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އަމީން މުޙައްމަދު އަލް-ޙައްޤު ސާމް ޚާނެވެ. އޭނާއަކީ, އަލް-ޤަޢިދާގެ މަރައިލާފައިވާ ވެރިޔާ އުސާމާ ބިން ލާދިނާ ގާތް ގުޅުމެއް ބޭއްވި މީހެކެވެ. އަދި, އދގެ ނިރުބަވެރިންގެ ލިސްޓުގައި ހިމަނާފައިވާ, އަދި ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ މީހުންގެ ލިސްޓުގައި ހިމެނޭ މީހެކެވެ.

ޙައްޤު ހައްޔަރު ކޮށްފައި ވަނީ ޕާކިސްތާނުގެ ކައުންޓަރ-ޓެރެރިޒަމް ޑިޕާޓްމަންޓް (ސީޓީޑީ)ން ޕަންޖާބް ޕުރޮވިންސުގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. އެއީ, ގިނަ އަހަރުތަކަކަށް ފަހު ޕާކިސްތާނުން އަލް-ޤަޢިދާގެ އިސް ވެރިޔަކު ހައްޔަރު ކޮށްފައިވާ ފުރަތަމަ ފަހަރެވެ. ޙައްޤު ހައްޔަރު ކޮށްފައި ވަނީ, މުހިންމު ޢުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ޙަމަލާތަކެއް ދޭން ރޭވުމުގެ ތުހުމަތުގައެވެ. ނަމަވެސް, ސީޓީޑީން އެ ރޭވުންތަކުގެ އިތުރު ތަފްސީލު ހާމަ ކޮށްފައެއް ނުވެއެވެ.

"ނިރުބަވެރިކަމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ދަށުން, ޖާސޫސީ އިދާރާތަކާ ގުޅިގެން, އަޅުގަނޑުމެން ވާނީ އަލް-ޤަޢިދާގެ އިސް ވެރިޔެއް ކަމުގައިވާ އަމީން އަލް-ޙައްޤު ކާމިޔާބު ކަމާ އެކު ހައްޔަރަށް ގެންގޮސްފައި. އޭނާއަކީ އދން އެކުލަވައިލާފައިވާ ނިރުބަވެރިންގެ ލިސްޓުގައި ހިމެނޭ މީހެއް،" ސީޓީޑީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ޙައްޤު ހައްޔަރު ކުރުމާ ގުޅޭ ގޮތުން ޕާކިސްތާނުގެ ދާޚިލީ ވުޒާރާއިން ވަކި އެއްޗެއް ހާމަ ކޮށްފައެއް ނެތެވެ.

އދން އެކުލަވައިލާފައިވާ އައިއެސް ޖަމާޢަތާއި އަލް-ޤަޢިދާއާ ގުޅުން އޮތް މީހުންނާއި, އެ ޖަމާޢަތުގެ ނިރުބަވެރިންގެ ލިސްޓުގައި އަލް-ޙައްޤުގެ ނަން ހިމަނާފައި ވަނީ 2001ވަނަ އަހަރުގެ ޖަނަވާރީ މަހުއެވެ. އޭނާއަކީ މަރައިލާފައިވާ އަލް-ޤަޢިދާގެ ވެރިޔާ ބިން ލާދިންގެ ސަލާމަތީ ކަންކަން އިންތިޒާމު ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވަމުން ދިޔަ މީހެއް ކަމުގައި އދން ގަބޫލު ކުރެއެވެ.

އަލް-ޤަޢިދާގެ އިތުރުން އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާނުންނަށް ވެސް ޙައްޤު އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ގޮސްފައިވާ ކަމުގައި އދގެ ޕެނަލަކުން ހާމަ ކޮށްފައިވެއެވެ. އޭގެ ތެރޭގައި ނިރުބަވެރިންގެ ޖަމާޢަތްތަކަށް ހަތިޔާރާއި ގޮވާތަކެތި ފޯރުކޮށްދިނުމާއި, ހަތިޔާރާއި ގޮވާތަކެތި އުފައްދަން ބޭނުންވާ ސާމާނާއި އާލާތްތައް ފޯރުކޮށްދިނުން ހިމެނެއެވެ.

އެމެރިކާ ސިފައިންގެ ޚާއްޞަ ފައުޖަކުން ހިންގި ޙަރަކާތެއްގައި ބިން ލާދިން މަރައިލާފައި ވަނީ 2011ވަނަ އަހަރުއެވެ. އޭނާ މަރައިލާފައި ވަނީ, އެމެރިކާގެ ސިފައިންގެ ބަޔަކު ޕާކިސްތާން ސަރުކާރުގެ ހުއްދައެއް ނެތި އެ ޤައުމުގެ އުތުރުގައި އޮންނަ އެބޮޓްއާބާދަށް ސިއްރިޔާތުގައި އަރައި ހިންގި އޮޕަރޭޝަނެއްގައެވެ.