ޚަބަރު

ޢަރަބި ބަސް ކިޔަވައިދިނުމަށް އިންސްޓިޓިއުޓެއް ރާއްޖޭގައި ޤާއިމްކުރުމަށް މަޝްވަރާކޮށްފި


  • މަޝްވަރާ ކުރީ އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީއާއެކު

  • ކޯސް އެކްރެޑިޓްކުރުމާއި ގުޅޭގޮތުން މަޢުލުމާތު ހިއްސާކުރި

ޢަރަބި ބަސް ކިޔަވައިދިނުމަށް ރާއްޖޭގައި "އަރަބިކް ލޭންގްއޭޖް އިންސްޓިޓީއުޓް" ގެ ނަމުގައި އިންސްޓިޓިއުޓް އެއް ޤާއިމުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ދިވެހި ރާއްޖޭގައި ޢަރަބި ބަސް ކިޔަވައިދިނުމަށް އިސްޓިޓީއުޓެއް ޤާއިމުކުރުމުގެ ޝައުވެރިކަން ފާޅުކޮށްފައިވަނީ ސަޢުދި ޢަރަބިއްޔާގެ ޔުނިވަރސިޓީއެއް ކަމަށްވާ، އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަރސިޓީންނެވެ.

އެ ޔުނިވަރސިޓީއިން، އިންސްޓިއުޓެއް ހުޅުވުމަށް ޝައުގުވެރިކަން ފާޅުކުރައްވާ، މިދިޔަ ބުރާސްފަތިދުވަހު، މަތީ ތަޢުލީމާއިި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއައެކު ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި، މަތީ ތަޢުލީމާއިި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ވެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުން ކަމަށްވާ، އަޙްމަދު ޝަފީއު އަދި ޑރ. އަބްދުﷲ ނަޒީރެވެ. އަދި އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު ޔުނިވަރސިޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ޔުނިވަރސިޓިގެ ވެރިންނެވެ.

އެ ވުޒާރާއިން ވިދާޅުވީ މި ބައްދަލުވުމުގައި، އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު ޔުނިވާސިޓީއިން ދިވެހިރާއްޖޭގައި ޢަރަބި ބަސް ކިޔަވައިދޭ މަރުކަޒެއް ޤާޢިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އެގޮތުން، މި މަރުކަޒުގެ ރަޖިސްޓްރީގެ މަސައްކަތާއި މޯލްޑިވިސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން ކޯސް އެކްރެޑިޓްކުރުމާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކޮށްފައިވާކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އަރަބިކް ލެންގުއެޖް އިންސްޓިޓިއުޓްގެ ނަމުގައި ޢަރަބި ބަސް ކިޔަވައިދިނުމައްޓަކާ އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަރސިޓީން ދިވެހި ރާއްޖޭގައި ހުޅުވުމަށް ހަމަޖެހިފައިވާ އިންސްޓިއުޓް ރަޖިސްޓްރީކުރުމުން ދިވެހިރާއްޖެއާއި ސަޢުދި ޢަރަބިއްޔާއާއި ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދާނެކަން ވެސް މި ބައްދަލުވުމުގައި ދެ ފަރާތުންވަނީ ފާހަގަކުރައްވާފައެވެ.

ސަޢުދީ ޢަރަބިއްޔާގެ ޔުނިވަރސިޓީއަކާ ގުޅިގެން، މިދަފަ ތަޢުލީމީ މަރުކަޒެއް ދިވެހިރާއްޖޭގައި ހުޅުވުމަކީ ދިވެހިރާއްޖޭގެ ދަރިވަރުންނަށް ޢަރަބި ބަސް ދަސްވެ، އެބަހުގައި ކުރިއަރައިގެން ދިޔުމަށް ލިބިގެންދާ ރަނުގެ ފުރުޞަތެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން، މި އިންސްޓިއުޓަކީ ޢަރަބި ބަސް އުގެނުމަށް ޝައުގުވެރިވާ ރާއްޖެއިން ބޭރު ދަރިވަރުންނަށް ވެސް ހުޅުވިފައިވާ ފުރުޞަތަކަށްވާނެކަމަށްވެސް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.