ޚަބަރު

ކާބޯތަކެތި ވިއްކާ ތަންތަން ޗެކްކުރުމަށް ޚާއްޞަ އޮޕަރޭޝަނެއް


ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ދެމެހެއްްޓުމަށްޓަކައި ކާބޯތަކެތި ވިއްކާ ތަންތަން ބަލާ ފާސްކުރުމަށް ޚާއްޞަ އޮޕަރޭޝަނެއް ފެށުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވެއްޖެއެވެ. 

ހެލްތް މިނިސްޓްރީން ވިދާޅުވީ މި އޮޕަރޭޝަނުގައި ކާބޯތަކެތި ރައްކާތެރިކޮށް ގެންގުޅުމާއި ގުދަންކުރުމުގައި އަމަލު ކުރަންވީ ގޮތުގެ މަޢުލޫމާތާއި އިސްލާހު ކުރަންޖެހޭ ކަންތައްތަކުގެ މަޢުލޫމާތު ދިނުން ހިމެނޭކަމަށެވެ. އަދި މިއޮޕަރޭޝަނަށްފަހު މިކަންކަން އިސްލާހުނުކުރާ ފަރާތްތަކަށް، "މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ޤާނޫނު" އަދި "އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު"ގެ ދަށުން ފިޔަވަޅު އަޅުއްވާނޭކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.