ފަލަސްޠީނުގެ މުސްލިމުންގެ ބިންތަކަށް ވެރިވެގަނެ, ޔަހޫދީން އެ މީހުން އަޅުވެތި ކޮށްފައި ވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ކަމުގައި އދގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ން ކަނޑައެޅުމުން އެމެރިކާއިން އެ ކަމާ މެދު ނުރުހުން ފާޅު ކޮށްފިއެވެ. ފަލަސްޠީނުގެ މުސްލިމުންނާ މެދު ޔަހޫދީ ފައުޖުން ޢަމަލު ކުރަމުން ދަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ސިޔާސަތުތަކެއް ކަމަށާއި, އެ ޤާނޫނުތަކާ ޚިލާފަށް މުސްލިމުންގެ ބިންތަކުން ޔަހޫދީން ނަފާ ހޯދަމުންދާ ކަމުގައި ވެސް ދުނިޔޭގެ ކޯޓުގެ ފަނޑިޔާރުން ނެރުއްވި އިރުޝާދީ ލަފާގައި ކަނޑަ އަޅުއްވާފައިވެއެވެ.
ދުނިޔޭގެ ކޯޓުގެ ނިންމުމަށް ފާޑުކިޔައި އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ, އެ ކޯޓުގެ އިރުޝާދީ ލަފާގެ ސަބަބުން މެދުއިރުމަތީގައި ސުލްޙަ ގާއިމު ކުރަން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅޭނެ ކަމުގައެވެ. އަދި, ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަން ޔަހޫދީ ސަރުކާރުން ހިންގަމުންދާ ޕުރޮގުރާމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ޕުރޮގުރާމެއް ކަން ގަބޫލު ކުރާ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ. ނަމަވެސް, އައިސީޖޭގެ ލަފައަކީ, ސުލްޙައަށް އޮތް ހުރަހެއްގެ ގޮތުގައި އެމެރިކާއިން ދެކޭ ކަމުގައި އެ ވުޒާރާއިން ބުންޏެވެ.
ޖުލައި 19ވަނަ ދުވަހު ނެރުނު ލަފާގައި އައިސީޖޭގެ ފަނޑިޔާރުން ވަނީ ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަތުމާއި, މުސްލިމުން އަޅުވެތި ކުރުން ބަލައިގަތުމާއި އެ ކަމަށް ތާޢީދު ކުރުން ހުއްޓައިލުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލައްވާފައެވެ. އަދި, ފަަލަސްޠީނުގެ މުސްލިމުން އަޅުވެތި ކުރުމުގެ ގޮތުން ޔަހޫދީން އެ މީހުންގެ މައްޗަށް ހިންގަމުންދާ ސިޔާސަތުތަކާއި, ކުރިމަތި ކުރަމުންދާ ފިއްތުންތަކާއި ހުރަސްތަކަކީ ނިޒާމީ އަޅުވެތި ކަމުގެ ދަށުން ހިންގަމުންދާ ތަފާތު ކުރުމުގެ ކުށެއްގެ ގޮތުގައި ވެސް އައިސީޖޭގެ ފަނޑިޔާރުން ނެރުއްވި އިރުޝާދީ ލަފާގައި ސިފަ ކުރެއްވިއެވެ.
ދުނިޔޭގެ ކޯޓުގެ ފަނޑިޔާރުންގެ ލަފާގައި އިތުރަށް ވިދާޅުވީ ފަލަސްޠީނުގެ މުސްލިމުންގެ އިންސާނީ ޙައްޤުތަކަށް ޔަހޫދީން އަރައިގަނެފައިވާ ކަމުގައެވެ. އެ ގޮތުން, ފަލަސްޠީނުގެ މުސްލިމުންގެ މިނިވަން ކަމުގެ ޙައްޤަށް ޔަހޫދީން އަރައިގަނެފައިވާ ކަމަށާއި, އެ މީހުންގެ ބިންތައް ގަދަ ބާރުން ފޭރިގަނެފައިވާ ކަމުގައެވެ. އަދި, ފަލަސްޠީނުގެ ބިންތަކުން ގަދަ ބާރުން އެ މީހުން ބޭރު ކުރުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ހިންގަމުންދާ އަމަލެއް ކަމުގައި ވެސް ދުނިޔޭގެ ކޯޓުގެ ފަނޑިޔާރުން އެއްބަސްވެ ވަޑައިގަންނަވައެވެ.
ފަލަސްޠީނުގެ މުސްލިމުންގެ ބިންތަކުން ޔަހޫދީން ބޭލުމަށް އައިސީޖޭގެ ފަނޑިޔާރުންގެ ލަފާގައި ގޮވައިލާފައިވުމާ އެކު, ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ވަނީ އެ ކަމާ މެދު ވެސް ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ, އެ ގޮވައިލުމަކީ މިހާރު އަމަލު ކުރަމުންދާ ސިޔާސަތުތަކާ ދެކޮޅު ގޮވައިލުމެއް ކަމުގައެވެ. ސުލްޙަ ގާއިމު ކުރެވޭނީ މުސްލިމުންނާއި ޔަހޫދީންނާ ދެމެދު މަޝްވަރާ ކޮށްގެން ކަމުގައި ވެސް އެމެރިކާއިން ބުންޏެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރި ގޮތުގައި, އައިސީޖޭގެ ލަފައަށް އެމެރިކާއިން ދެކޮޅު ހެދުމުގެ ގޮތުން ދައްކާފައިވާ ބަހަނާތަކުން ދޭހަ ވަނީ, ޔަހޫދީ ފައުޖުން ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަމަލުތަކަކީ ސުލްޙައިގެ މަގުޗާޓުގެ ދަށުން ހިންގަމުންދާ އަމަލުތަކެއްގެ ގޮތުގައި އެމެރިކާއިން ގަބޫލު ކުރާ ކަމެވެ.
ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ގެ ރައީސް މަޙްމޫދު ޢައްބާސްގެ ސަރުކާރުން ވަނީ ދުނިޔޭގެ ކޯޓުގެ ލަފައަށް މަރުޙަބާ ކިޔާފައެވެ. ނަމަވެސް, އައިސީޖޭގެ ފަނޑިޔާރުންގެ ލަފާ ބޭނުން ކޮށްގެން ޔަހޫދީންނާ ދެކޮޅަށް އެއްވެސް އަމަލެއް ހިންގައިގެން ނުވާނެ ކަމަށް ބުނެ އެމެރިކާއިން ވަނީ އިންޒާރު ކޮށްފައެވެ. ސަބަބަކީ, އެ ލަފައަކީ އެމެރިކާއިން ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން ފޫގަޅައިގެން އޮތް ޔަހޫދީންނާ ދެކޮޅަށް ނެރެފައިވާ ލަފައަކަށްވުމެވެ.
އައިސީޖޭގެ ފަނޑިޔާރުންގެ އިރުޝާދީ ލަފާތަކަށް ޤާނޫނީ ބާރުވެރިކަން ލިބިދީފައި ނެތް ނަމަވެސް އެ ކޯޓުގެ ނިންމުންތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކުން ބާރުދޭ, އަދި ބަލައިގަންނަ ނިންމުންތަކެކެވެ. އައިސީޖޭގެ ނިންމުމާ އެކު, ފަލަސްޠީނުގެ މުސްލިމުން އަޅުވެތި ކުރުމުގެ މައްސަލައިގައި ޔަހޫދީންނަށް އޮތް ތާޢީދު ފަނޑުވެގެން ދާނެ ކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.
ފަަލަސްޠީނުގެ މުސްލިމުންގެ ބިންތަކަށް ވަޒަންވެރިވެ ހިންގަމުންދާ އަމަލުތަކާއި, މުސްލިމުންނާ މެދު އަމަލު ކުރަމުންދާ ސިޔާސަތުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ޤާނޫނީ މައްސަލަތަކާ ގުޅޭ ގޮތުން އައިސީޖޭން ލަފާ އަރުވާފައި މި ވަނީ 2022ވަނަ އަހަރުގެ ފަހުކޮޅު އދގެ ޢާންމު މަޖިލީހުން އެ ކަމަށް އެދި ހުށަހެޅުމުންނެވެ. އެ ހުށަހެޅުމުގައި އެދިފައި ވަނީ, ފަލަސްޠީނުގެ މުސްލިމުންގެ ބިންތަކަށް ވެރިވެގަނެ, އެ މީހުން އަޅުވެތި ކުރުމާއި, އެ މީހުންނާ މެދު އަމަލު ކުރަމުންދާ ސިޔާސަތުތައް ދިރާސާކޮށް, އެ ކަމާ މެދު އައިސީޖޭގެ ފަނޑިޔާރުންގެ ރަޢުޔު ހާމަ ކޮށްދިނުމަށެވެ.