ޚަބަރު

ބަންގްލަދޭޝްގެ ވަޒީފާދޭ ކޯޓާ ނިޒާމުގެ ބައެއް މާއްދާތައް ސުޕްރީމް ކޯޓުން ބާޠިލު ކޮށްފި


ބަންގްލްދޭޝްގައި ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމުގެ ބައެއް މާއްދާތަށް އެ ޤައުމުގެ ސުޕްރީމް ކޯޓުން ބާޠިލު ކޮށްފިއެވެ. ސުޕްރީމް ކޯޓުން މި ކަމާ މެދު ގޮތެއް ނިންމާފައި މި ވަނީ, ކޯޓާ ނިޒާމާ ދެކޮޅަށް އަޑު އުފުލުމަށް ކުރަމުން ދިޔަ މުޒާހަރާތައް ރޫޅައިލަން ފުލުހުންނާއި ސިފައިން ބާރުގެ ބޭނުން ކުރުމާ ގުޅިގެން މަރުވި މީހުންގެ ޢަދަދު 114އަށް އުފުލިފައިވާ ވަނިކޮށެވެ. މުޒާހަރާތައް ރޫލައިލުމުގެ ގޮތުން ބަންގްލަދޭޝްގެ ގިނަ ޑިސްޓްރިކްޓުތަކެއްގައި ކަރފިޔު އިޢުލާނުކޮށް, ހަތިޔާރު އެޅި ސިފައިން ދަނީ ފޯރިމަރަމުންނެވެ. އަދި, ހަމަނުޖެހުންތަކުގައި އެތަކެއް ސަތޭކަ ބަޔަކު ވަނީ ޒަޚަމުވެފައެވެ.

ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމާ ދެކޮޅަށް ކޮލެޖުތަކާއި ޔުނިވަސިޓީތަކުގައި މަތީ ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުން މުޒާހަރާ ކުރަން ފަށާފައި ވަނީ, ކުރިން އަމަލު ކުރުން ހުއްޓައިލާފައި އޮތް ކޯޓާ ނިޒާމަށް އަމަލު ކުރަން އެ ޤައުމުގެ ދަށު ކޯޓަކުން ހުސްވި ޖޫން މަހު ސަރުކާރުގެ މައްޗަށް އަމުރު ކުރުމާ ގުޅިގެންނެވެ. ކޯޓާ ނިޒާމަށް އަމަލު ކުރުން ކުރިން ހުއްޓައިލާފައި ވަނީ 2018ވަނަ އަހަރުއެވެ.

ދަށު ކޯޓުން އަމުރު ކޮށްފައި ވަނީ, ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގެ ބައިވެރިންގެ ޢާއިލާތަކަށް ސަރުކާރު ވަޒީފާތަކުގެ 30 އިންސައްތަ ޚާއްޞަ ކުރުމަށެވެ. އެ ހުކުމާ އެކު, އެކި ފަރާތްތަކަށް ޚާއްޞަ ކޮށްފައިވާ ވަޒީފާތަކުގެ އިންސައްތަ 50އަށްވުރެ މައްޗަށް އުފުލިގެން ދިޔައެވެ. ކޯޓާ ނިޒާމުގެ ބައެއް ބައިތައް ސުޕްރީމް ކޯޓުން ބާޠިލު ކުރުމާ އެކު, ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން 93 އިންސައްތަ ވަޒީފާއަށް މީހުން ޢައްޔަން ކުރުމުގައި ދެން އިސްކަން ދޭން ޖެހޭނީ ވަޒީފާއަށް އެދި ކުރިމަތިލާ މީހުންގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށެވެ.

މީގެ އިތުރުން, ޕާކިސްތާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ބައިވެރިވި ބަންގްލަދޭޝްގެ ރައްޔިތުންގެ ޢާއިލާގެ މެންބަރުންނަށް ޚާއްޞަ ކޮށްފައިވާ 30 އިންސައްތަ ކޯޓާ ފަހެއް އިންސައްތައަށް ދަށް ކުރަން ވެސް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ. ބާކީ އޮތް ދޭއް އިންސައްތައަކީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި, ވަކި ދަރިފަސްކޮޅުތަކަށް ނިސްބަތްވާ މީހުންގެ ޢާއިލާތަކަށް ޚާއްޞަ ކޮށްފައިވާ ކޯޓާތަކެވެ.

މި މައްސަލައިގައި ހުކުމް އިއްވުމަށް ސުޕްރީމް ކޯޓުން ތައްޔާރުވެފައި އޮތް ދަނޑިވަޅުގައި ވެރިރަށް ދާކާގެ މަގުތައް އޮތީ ހަމަހިމޭންވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ސަބަބަކީ, މުޒާހަރާތަކަށް ހުރަސް އެޅުމުގެ ގޮތުން ކަރފިޔު ހިންގައި, އަސްކަރިއްޔާގެ ސިފައިން ހަތިޔާރާ އެކު މަގުތަކުގައި ފޯރިމަރަމުން ދިޔުމެވެ. ސުޕްރީމް ކޯޓުގެ ކުރިމަތީގައި ވެސް އަސްކަރީ ޓޭންކުފަހަރުތައް ހަރަކާތްތެރިވަމުން ދިޔައެވެ.

ކަރފިޔު އިޢުލާނު ކުރުމުގެ އިތުރުން މުޒާހަރާތައް ހުއްޓުވުމުގެ ގޮތުން ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ހުރިހާ އޮފީސްތަކާއި މުވައްސަސާތައް ވެސް ބަންދު ކޮށްފައެވެ. އަދި, އާދީއްތައާއި ހޯމަ ދުވަހަކީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

މިއީ, ވެރިކަމުގެ ހަތަރު ވަނަ ދައުރަކަށް ޖަނަވަރީ މަހު އިންތިޚާބުވެ ވަޑައިގެންނެވި ޝައިޚް ޙަސީނާގެ ސަރުކާރާ ދެކޮޅަށް މި ދައުރުގައި ފަށާފައިވާ މި ފަދަ އެންމެ ބޮޑު މުޒާހަރާތަކެވެ. މުޒާހަރާގެ ބައިވެރިން ކަންބޮޑުވުން ފާޅު ކުރަމުންދާ އެންމެ ބޮޑު މައްސަލައަކީ, އެ ޤައުމުގެ ޒުވާނުންނަށް އޮތް ވަޒީފާގެ ފުރުޞަތުތައް މަދުވުމެވެ. ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ބަންގްލަދޭޝްގެ 170 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން ފަސްބައިކުޅަ އެއްބައި މީހުންނަކީ ވަޒީފާ ނެތް މީހުންނެވެ.

މުޒާހަރާތަކަށް ނިމުމެއް ގެނައުމުގެ ގޮތުން ޙަސީނާގެ ސަރުކާރުން ވަނީ ކޮލެޖުތަކާއި ޔުނިވަރސިޓީތައް ވެސް ބަންދު ކޮށްފައެވެ. އަދި, މޮބައިލް އިންޓަރނެޓުގެ ޚިދުމަތާއި ބޭރު ޤައުމުތަކަށް ފޯނު ކުރުމުގެ ޚިދުމަތްތައް ވެސް ހުރަސް އަޅާފައެވެ. މީގެ އިތުރުން, ޚަބަރު ފަތުރާ ގިނަ ނޫސްތަކުގެ ވެބްސައިޓުތަކާއި ސޯޝަލް މީޑިޔާ ވެސް އަޕްޑޭޓު ކުރުން ވެސް ވަނީ ހުއްޓައިލާފައެވެ.

ބަންގްލަދޭޝްގެ ދަޢުލަތުގެ މީޑިޔާ, ބީޓީވީން ގެނެސްދޭ ޚަބަރާއި މަޢުލޫމާތުގެ ޕުރޮގުރާމުތައް ވަނީ ހުއްޓައިލާފައެވެ. އަދި, ހެކަރުންގެ ބަޔަކު ވަނީ މަރުކަޒީ ބޭންކާއި ބޮޑުވަޒީރުގެ އޮފީހުގެ އިތުރުން ފުލުހުންގެ ވެބްސައިޓް ހެކުކޮށް, "މިހާރު މިއީ މުޒާހަރާއެއް ނޫން. މިހާރު މިއީ ހަނގުރާމައެއް" ކަމަށް އިންޒާރުކޮށް މެސެޖެއް ޝާއިޢު ކޮށްފައެވެ.