ޚަބަރު

އެމެރިކާގައި އޮތް ޖިންސީ އަދި ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް ތެދުވަން ހެރިސް ތައްޔާރުތަ؟


އެމެރިކާއަކީ ޖިންސީ އަދި ނަސްލީ ތަފާތު ކުރުންތަކުގެ ދިގު ތާރީޚެއް އޮތް ޤައުމެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި ނިކުންނާނެ ކަމަށް ބެލެވެނީ މިހާރު ނައިބު ރައީސް ކަމަލާ ހެރިސެވެ. އޭނާއަކީ ކަޅު ނަސްލުގެ ބޭފުޅެކެވެ. އަދި, އޭޝިޔާ ދަރިފަސްކޮޅަށް ނިސްބަތްވާ ބޭފުޅެކެވެ. ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓަކީ ހެރިސް ކަމުގައި ކަނޑައަޅައިފި ނަމަ, އިދިކޮޅު ރިޕަބްލިކަން ޕާޓީގެ އިތުރުން އޭނާއަށް ނިކުމެވަޑައިގަންނަވަން ޖެހޭނީ ޖިންސީ އަދި ނަސްލީ ތަފާތު ކުރުންތަކާ ވެސް ދެކޮޅަށެވެ.

ހެރިސަކީ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު ކަމަށް ބެލެވެން ފެށީ, ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގަތުމަށް ކެމްޕޭން ކުރައްވަމުން ގެންދެވި ރައީސް ޖޯ ބައިޑަން ރިޔާސީ ރޭހުން ފެޔަށް ޖެހިވަޑައިގަތުމުންނެވެ. އަދި, އޭނާގެ ބަދަލުގައި ހެރިސަށް ޓިކެޓު އެރުވުމަށް ގޮވައިލައްވައި, ހެރިސަށް ތާޢީދު ކުރައްވާ ކަން ބައިޑަން ހާމަ ކުރެއްވުމުންނެވެ.

"2020 ވަނަ އަހަރުގެ އިންތިޚާބުގެ ޓިކެޓް އެރުވުމުން އަޅުގަނޑުގެ އެންމެ ފުރަތަމަ ނިންމުމަކަށްވީ ރަނިންގ މޭޓަކީ ކަމަލާ ހެރިސް ކަމުގައި ކަނޑައެޅުން. އެއީ އަޅުގަނޑަށް މިހާތަނަށް ނެގުނު އެންމެ ރަނގަޅު ނިންމުން. މިއަދު އަޅުގަނޑު ބޭނުމީ ކަމަލާއަކީ ޕާޓީގެ ކެނޑިޑޭޓުގެ ގޮތުގައި ބަލައިގަނެ, އޭނާއަށް ފުރިހަމައަށް ތާޢީދު ކުރުން،" ބައިޑަން ވިދާޅުވިއެވެ.

ކޮވިޑް-19 ޖެހިގެން އެކަހެރިވެގެން ހުންނެވި ބައިޑަން އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަން އިޢުލާނު ކުރެއްވީ އެކްސްގައި ޝާއިޢު ކުރެއްވި ސިޓީއެއްގައެވެ. ރިޔާސީ ރޭހުުން ވަކިވެ ވަޑައިގަންނަވަން ނިންމަވާފައި ވަނީ ޕާޓީއާއި ޤައުމީ މަސްލަޙަތު އިސް ކުރެއްވުމުގެ ގޮތުން ކަމުގައި ބައިޑަން ވިދާޅުވިއެވެ. 81 އަހަރުގެ ބައިޑަން ރިޔާސީ ރޭހުން ފެޔަށް ޖެހިވަޑައިގަންނަވާފައި ވަނީ, އޭނާގެ އުމުރު މާ ދޮށިވެއްޖެ ކަމަށް ބުނެ, ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް އެހެން ބޭފުޅަކަށް ހަވާލު ކުރުމަށް ޕާޓީގެ ގިނަ މެންބަރުންތަކެއް ގޮވައިލަމުންދާ ދަނޑިވަޅެއްގައެވެ.

ފާއިތުވި 200އެއްހާ އަހަރު އެމެރިކާގައި ވެރިކަން ކުރައްވާފައި ވަނީ ކަޅު ނަސްލުގެ އެންމެ ބޭފުޅެކެވެ. އެއްވެސް އަންހެނަކު އެ މަޤާމަށް އިންތިޚާބު ކޮށްފައެއް ނެތެވެ. މިއާ އެކު, އެމެރިކާގައި އޮތް ޒަމާންވީ ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް ތެދުވެ, ހެރިސަށް ކާމިޔާބީ ހޯދޭނެ ކަމާ މެދު ކަޅު ނަސްލުގެ ވޯޓުލާ މީހުންގެ މެދުގައި ވެސް ވަނީ ސުވާލު އުފެދިފައެވެ.

"ކުރިއަށް އޮތް އިންތިޚާބުގައި ޖިންސު އަދި ނަސްލަކީ މައްސަލައަކަށް ވާނެތަ؟ އެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް،" ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ކަޅު ނަސްލުގެ މީހުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ބްލެކް ވޯޓަރސް މެޓަރ ފަންޑުގެ ވެރިޔާ އަދި ސިޔާސީ މަސްރަޙު ދިރާސާ ކުރައްވާ ލަތޯޝާ ބްރައުން ވިދާޅުވިއެވެ.

ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓު އަރުވައިފި ނަމަ, 59 އަހަރުގެ ހެރިސަށް ކުރިމަތިވާނެ އިތުރު ގޮންޖެހުންތަކެއް ވެސް އެބަހުއްޓެވެ. ކެމްޕޭން ކުރައްވަން އޭނާއަށް ލިބިވަޑައިގަންނަވާނީ އެންމެ ތިން މަސް ދުވަހުގެ ކުރު މުއްދަތެކެވެ. އަދި, އެ މުއްދަތުގެ ތެރޭގައި ޑިމޮކްރެޓިކް ޕާޓީގެ ޢާންމު މެންބަރުން އެކަތިގަނޑަކަށް ހަދައި, ޑިމޮކްރެޓިކް ޕާޓީއަށް ޚަރަދު ކުރާ ފަރާތްތަކުގެ ތަޢީދު އެ މުއްދަތުގެ ތެރޭގައި ކަށަވަރު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.

އިންތިޚާބުގައި ހެރިސަށް ވާދަ ކުރައްވަން ޖެހިވަޑައިގަންނަވާނެ ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އަޅައިބަލާއިރު ހެރިސަކީ އުމުރުން ހަގު ބޭފުޅެކެވެ. އޭނާއަކީ ދަރިމައިވުމުގެ ޞިއްޙަތާއި ޙައްޤުތައް ހިމާޔަތް ކުރަން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ނައިބު ރައީސެކެވެ. އެހެންކަމުން, ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ތެރޭގައި ހިމެނޭ ޒުވާން އުމުރު ފުރައިގެ މީހުންނާއި ކަޅު ނަސްލުގެ މީހުންގެ ތާޢީދު ހޯއްދަވަން ހެރިސަށް ފަސޭހަވެގެން ދާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

ނޮވެންބަރު 5ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އެއްފަޅީގައި ތިއްބެވީ ދޮން ނަސްލުގެ ދެ ފިރިިހެން ބޭފުޅުންނެވެ. އެއީ, ޓްރަމްޕާއި އޭނާގެ ރަނިންގ މޭޓް, އޮހާޔޯގެ ސެނެޓަރު ޖޭޑީ ވޭންސެވެ. އަނެއް ކޮޅުގައި ހުންނެވީ ކަޅު ނަސްލުގެ, އޭޝިޔާ ދަރިކޮޅަށް ނިސްބަތްވާ އަންހެން ކެނޑިޑޭޓެކެވެ. "އެއް ފަޅިން އަޅުގަނޑަށް ދޭހަ ވަނީ އެމެރިކާގެ [ނަސްލީ ތަފާތު ކުރުން ތަކުގެ] ތާރީޚު. އަނެއް ކޮޅުގައި ހުންނެވި ހެރިސަކީ އެމެރިކާގެ މިއަދާއި މާދަމާގެ ކުރިމަގު،" ބްރައުން ވިދާޅުވިއެވެ.

ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާތަކުން ފެނިގެން ގޮސްފައި ވަނީ އިންތިޚާބުގައި ހެރިސާއި ޓްރަމްޕް ކުރިމަތިލައްވައިފި ނަމަ, ދެ ބޭފުުންނަށް ވެސް ވަރަށް އެއްހަމަކޮށް ތާޢީދު އޮތް މަންޒަރެވެ. އެ ގޮތުން, ޓްރަމްޕް އަވަހާރަ ކޮށްލަން ދާދި ފަހުން ދިން ޙަމަލާއަށް ފަހު ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓެއްގައި ބައިވެރިވި މީހުންގެ ތެރެއިން 44 އިންސައްތަ މީހުންގެ ތާޢީދު ހެރިސަށް ލިބިވަޑައިގެންނެވިއިރު, ޓްރަމްޕް ވެސް ވަނީ އެ ވަރަށް ތާޢީދު ހޯއްދަވާފައެވެ. ބައިޑަނާއި ޓްރަމްޕްގެ ކުރިމަތިލުމެއްގައި ޓްރަމްޕް ކުރި ހޯއްދަވާނެ ކަމަށް ވެސް ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާތަކުން ފެނެއެވެ.

"ރިޔާސީ ރޭހުން ބައިޑަން ވަކިވެ ވަޑައިގަތުމަށް ތާޢީދު ކުރި ހުރިހާ މެންބަރުން އޭނާގެ ބަދަލުގައި ހެރިސަށް ތާޢީދު ކުރާނެ ކަމަށް ބެލުމަކީ ކުށް ހީއެއް. އެއްވެސް ރަނގަޅު ކެނޑިޑޭޓަކު ނެތް،" ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ޑިމޮކްރެޓިކް ޕާޓީ ތަމްސީލު ކުރައްވާ އަލެގްޒާންޑްރާ އޮކާޒިޔޯ-ކޯޓޭޒް ވިދާޅުވިއެވެ.

އެމެރިކާގައި މިހާތަނަށް ވެރިކަން ކުރައްވާފައިވާ ކަޅު ނަސްލުގެ ހަމައެކަނި ރައީސަކީ ބަރާކް އޮބާމާއެވެ. އޭނާ އިންތިޚާބުވެ ވަޑައިގަތީ 2008ވަނަ އަހަރުއެވެ. 2016ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަ ކުރައްވާފައި ވަނީ އޮބާމާގެ ޚާރިޖީ ވަޒީރު ކަމުގެ މަޤާމު ފުރުއްވި, ކުރީގެ ރައީސް ބިލް ކްލިންޓަންގެ އަނބިކަނބަލުން ހިލަރީ ކްލިންޓަނެވެ. ނަމަވެސް, ޓްރަމްޕް ވަނީ ކްލިންޓަންގެ މައްޗަށް ކާމިޔާބީ ހޯއްދަވާފައެވެ.