ބަންގްލްދޭޝްގައި ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމުގެ ބައެއް މާއްދާތަށް ބާޠިލު ކުރަން އެ ޤައުމުގެ ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން, ކޯޓާ ނިޒާމާ ދެކޮޅަށް ކުރަމުން ދިޔަ މުޒާހަރާތައް މައިތިރިވެ, މަގުތައް ހަމަހިމޭންވެއްޖެއެވެ. ކޯޓާ ނިޒާމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމާފައި ވަނީ, އެ ނިޒާމާ ދެކޮޅަށް އަޑު އުފުލުމަށް ކުރަމުން ދިޔަ މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުން ކުރުމާ ގުޅިގެން މަރުވި މީހުންގެ ޢަދަދު 139އަށް އުފުލިފައިވާ ވަނިކޮށެވެ.
ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމާ ދެކޮޅަށް ކޮލެޖުތަކާއި ޔުނިވަސިޓީތަކުގައި މަތީ ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުން މުޒާހަރާ ކުރަން ފަށާފައި ވަނީ, ކުރިން އަމަލު ކުރުން ހުއްޓައިލާފައި އޮތް ކޯޓާ ނިޒާމަށް އަމަލު ކުރަން އެ ޤައުމުގެ ދަށު ކޯޓަކުން ހުސްވި ޖޫން މަހު ސަރުކާރުގެ މައްޗަށް އަމުރު ކުރުމާ ގުޅިގެންނެވެ. ކޯޓާ ނިޒާމަށް އަމަލު ކުރުން ކުރިން ހުއްޓައިލާފައި ވަނީ 2018ވަނަ އަހަރުއެވެ.
ދަށު ކޯޓުން އަމުރު ކޮށްފައި ވަނީ, ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގެ ބައިވެރިންގެ ޢާއިލާތަކަށް ސަރުކާރު ވަޒީފާތަކުގެ 30 އިންސައްތަ ޚާއްޞަ ކުރުމަށެވެ. އެ ހުކުމާ އެކު, އެކި ފަރާތްތަކަށް ޚާއްޞަ ކޮށްފައިވާ ވަޒީފާތަކުގެ އިންސައްތަ 50އަށްވުރެ މައްޗަށް އުފުލިގެން ދިޔައެވެ. ކޯޓާ ނިޒާމުގެ ބައެއް ބައިތައް ސުޕްރީމް ކޯޓުން ބާޠިލު ކުރުމާ އެކު, ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން 93 އިންސައްތަ ވަޒީފާއަށް މީހުން ޢައްޔަން ކުރުމުގައި ދެން އިސްކަން ދޭން ޖެހޭނީ ވަޒީފާއަށް އެދި ކުރިމަތިލާ މީހުންގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށެވެ.
ސުޕްރީމް ކޯޓުން މި ގޮތަށް ނިންމާފައި ވަނީ ޖުލައި 21ވަނަ ދުވަހުއެވެ. އެއަށް ފަހު, ވެރިރަށް ދާކާއާއި މުޒާހަރާތައް ކުރިއަށް ދިޔަ އެހެން ރަށްތަކުގެ މަގުތައް ވަނީ ހަމަހިމޭންވެފައެވެ. އެއް ސަބަބަކީ, މުޒާހަރާތައް ރޫޅައިލުމުގެ ނަމުގައި ސަރުކާރުން ކަރފިޔު އިޢުލާނުކޮށް, މަގުތަކުގައި ފޯރިމަރަން އަސްކަރިއްޔާގެ ހަތިޔާރު އެޅި ސިފައިން ނެރުމެވެ. ޖުލައި 22ވަނަ ދުވަހު ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު އެއްވެސް ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.
ނަމަވެސް, މުޒާހަރާތައް ހުއްޓައިލުމުގެ ވިސްނުމެއް ނެތް ކަމުގައި މުޒާހަރާތައް އިންތިޒާމު ކުރާ ދަރިވަރުން ބުންޏެވެ. އެ މީހުން މިހާރު ގޮވައިލަމުން ދަނީ, މުޒާހަރާތަކުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދަރިވަރުން މިނިވަން ކުރުމަށެވެ. އަދި, ކަރފިޔު އުވައިލައި, ބަންދު ކޮށްފައިވާ ކޮލެޖުތަކާއި ޔުނިވަރސިޓީތައް އަލުން ހުޅުވައިލުމަށެވެ. މި ކަންކަމާ މެދު ގޮތެއް ނިންމަން މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރަށް 48 ގަޑިއިރުގެ މުހުލަތެއް ދީފައެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ދަރިވަރުންގެ މެދުގައި ކަންބޮޑުވުންތައް އިތުރުވެފައި ވަނީ ވަޒީފާގެ ބާޒާރުގައި އޮތް ހުރަސްތަކާއި, އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި ޒުވާނުންނަށް އޮތް ވަޒީފާގެ ފުރުޞަތުތައް މަދުވުމުން ކަމުގައެވެ. މި ކަމާ ގުޅިގެން, ސަރުކާރު ވަޒީފާތަކަށް އޮތް ޝައުޤުވެރި ކަން އިތުރުވެފައިވާ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ. ނަމަވެސް, ކޯޓާ ނިޒާމާ ގުޅިގެން ވަޒީފާ ހޯދުމަށް ގިނަ ބަޔަކަށް އޮތީ ހުރަސްތަކެއް ކުރިމަތިވެފައެވެ.