ޚަބަރު

ވިއްސާރަ އަލިވާން ފަށައިފި


ހަފްތާއެއްހާ ދުވަސްވަންދެން ރާއްޖޭގެ ސަރަޙައްދަށް ގަދަވަޔާއި ގުގުރުމާއެކު ވިއްސާރަކުރުމަށްފަހު މޫސުން މިހާރު ރަނގަޅުވަމުން އަންނަކަމަށް ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެ. އަދި ކުރިއަށް ލަފާކުރެވޭ ގޮތުންވެސް މިހާރު ވައި ގަދަވާ މިންވަރު ދަށްވެ، ވިއްސާރަ ވިލާތައްވެސް މަދުވަމުން އަންނަކަން ލަފާކުރެއްވޭކަމަށް މޯލްޑިވްސް މީޓިއޮރިލޮޖިކަލް ސަރވިސަސްއިން ހާމަކުރައްވައެވެ.

އެހެންނަމަވެސް، މިއީ ހުޅަނގު މޫސުމުގެ ކުރީކޮޅުކަމަށްވުމާއި ކޮންމެ އަހަރެއްގެވެސް މެއިމަހުގެ މެދުތެރެއިން ފެށިގެން ޖޫންމަހާއި ޖުލައިމަހަކީ އަހަރުގެ ތެރޭގައި ޢާންމުކޮށް ވައިގަދަވެ، ކަނޑުގަދަވުމާއި ވިއްސާރަވެހުން އިތުރު ދުވަސްވަރަކަށްވާތީ އެކަމަށް ހުރިހާ ފަރާތްތަކަކުންވެސް ފަރުވާތެރިވާންޖެހޭނެކަން މޫސުމާބެހޭ އިދާރާއިން ފާހަގަކުރައްވައެވެ. ޚާއްޞަކޮށް ކަނޑުދަތުރު ފަށާއިރު މޫސުމާބެހޭ މަޢުލޫމާތު ހޯދުމަށް ބާރުއަޅުއްވައެވެ.

img:http://s2.psmnews.mv/images/660x400/14636531294973.jpg|އެމްއެންޑީއެފުން، ފޮނަދޫގައި ފެން ހިއްކުމުގެ މަސައްކަތް ކުރަނީ- ފޮޓޯ: އެމްއެންޑީއެފް

މޫސުމާބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ މޫސުމުން ލަފާކުރައްވާ ގޮތުގައި، ކުރިއަށް އޮތް ސައުވީސް ގަޑިއިރުވެސް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެއެވެ. އަދި އެ ސަރަޙައްދަށް ގުގުރުންވެސް އެކަށީގެންވެއެވެ. މީގެ އިތުރަށް ދެކުނުގެ އަތޮޅުތަކަށްވެސް ކެރީގެ އަސަރުފޯރާނެއެވެ. ކުރިއަށް އޮތް ސައުވީސް ގަޑިއިރުވެސް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް ވަނީ ލަފާކުރައްވާފައެވެ. ޢާންމުކޮށް ވައިޖެހޭނެކަމަށް ލަފާކުރައްވާފައިވަނީ، ގަޑިއަކު ދިހަމޭލާއި ވިހިމޭލާ ދެމެދުގެ ބާރު މިނެއްގައެވެ.

ފާއިތުވެދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހުޅަނގުމޫސުމުގެ ވިއްސާރައިގެ ސަބަބުން އަދި ޚާއްޞަކޮށް ގަދަވަޔާއި ވިއްސާރައިގެ ސަބަބުން، ރާއްޖޭގެ ބައެއް ރަށްރަށުގައި ފެންބޮޑުވެ ބައެއް ގެއްލުންތައް ލިބިފައިވެއެވެ. އަދި ވައިގަދަވުމުގެ ސަބަބުން ބައެއް ގޭގޭގެ ފުރާޅު އެއްލާލުމާއި ރުއްގަސް ވެއްޓުން ފަދަ ޙާދިސާތަކާއި ކަނޑުމަތީގެ ބައެއް ޙާދިސާތައް ކުރިމަތިވެފައިވެއެވެ. އެހެންނަމަވެސް މި ވިއްސާރައިގެ ސަބަބުން ޖިސްމާނީގޮތުން އެއްވެސް މީހަކަށް ކަމެއްވީކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. 

img:http://s1.psmnews.mv/images/660x400/14635743357645.jpg|ތ އަތޮޅުގައި ފެންބޮޑުވުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ / ފޮޓޯ: ޕޮލިސް މީޑިއާ

ވިއްސާރައިގެ ސަބަބުން ފަނަރައަށްވުރެ ގިނަ ރަށަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. އަދި 42 މީހުން ހިމެނޭ ގޮތުން 15 ގޭބިސީއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްކުރެވިފައިވެއެވެ. ބޮޑަށް ގެއްލުން ލިބުނު ރަށެއްގެ ގޮތުގައި ރެކޯޑްކުރެވިފައިވަނީ ތ. ތިމަރަފުށްޓެވެ.

މި ވިއްސާރައިގައި ގެއްލުން ލިބުނު ޢާއިލާތަކަށް މާލީ އެހީތެރިކަން ދެއްވާނެކަން ސަރުކާރުން ވަނީ އިޢުލާން ކުރައްވާފައެވެ. އަދި ލިބުނު ގެއްލުންތަކުގެ މަޢުލޫމާތު އެއްކުރެއްވުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ގެންދަވަނީ ކުރައްވަމުންނެވެ.