އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުން ބޭއްވި މުޒާހަރާތަކަކާ ގުޅިގެން މުޒާހަރާގެ ބައިވެރިން ޖަލަށް ލާން ޔޫއޭއީގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ. ޔޫއޭއީގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުން މުޒާހަރާ ކޮށްފައި ވަނީ ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށެވެ. އެއީ, ބަންގްލްދޭޝްގައި ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމާ ދެކޮޅަށް ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުން ފެށި މުޒާހަރާތަކަށް ތާޢީދު ކުރުމުގެ ގޮތުން ޔޫއޭއީގައި ބޭއްވި މުޒާހަރާތަކެވެ.
އެ މުޒާހަރާތަކާ ގުޅިގެން އަބޫ ދާބީ ފެޑެރަލް ކޯޓް އޮފް އެޕީލުން ވަނީ ބަންގްލަދޭޝްގެ 53 ރައްޔިތަކު 10 އަހަރު ދުވަހަށް ޖަލަށްލުމަށް ޙުކުމް ކޮށްފައެވެ. އަދި, އިތުރު މީހަކު 11 އަހަރަަށް ޖަލަށްލުމަށް ޙުކުމް ކޮށްފައިވާއިރު, ތިން މީހަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ވެސް އެ ކޯޓުން ވަނީ އިއްވާފައެވެ. އަދި, އެ މީހުން ވަގުތުން ޑީޕޯޓްކޮށް އަނބުރާ ޤައުމަށް ފޮނުވައިލަން ވެސް ކޯޓުން އަމުރު ކޮށްފައިވެއެވެ.
އެ މީހުން ޖަލަށް ލާން ޙުކުމް ކޮށްފައި ވަނީ ބަންގްލަދޭޝް ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ރާވައި, ބަންގްލަދޭޝް ރައްޔިތުން ޔޫއޭއީގެ މަގުތަކަށް ނެރި, މުޒާހަރާތައް އިންތިޒާމު ކުރުމުގެ ކުށުގައި ކަމަށް ޔޫއޭއީން ބުންޏެވެ. އޭގެ އިތުރުން, ޔޫއޭއީގެ ހަމަޖެހުން ނަގައިލައި, ހަމަނުޖެހުން އުފެއްދުމުގެ ދަޢުވާ ވެސް މުޒާހަރާ އިންތިޒާމު ކުރި މީހުންގެ މައްޗަށް އުފުލާފައިވެއެވެ. އެ މައްސަލައިގައި ކޯޓުން އަވަސް ނިޔާ އިއްވާފައި ވަނީ, މުޒާހަރާތަކާ ގުޅިގެން ހައްޔަރު ކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތުންގެ ތަޙުޤީޤާއި ޝަރިޢަތް އަވަސް ކުރުމަށް ޔޫއޭއީގެ ސަރުކާރުން ގޮވައިލުމާ ގުޅިގެންނެވެ.
ބަންގްލަދޭޝްގެ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި މަތީ ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައި ވަނީ ކުރިން އަމަލު ކުރުން ހުއްޓައިލާފައި އޮތް ކޯޓާ ނިޒާމަށް އަމަލު ކުރަން އެ ޤައުމުގެ ދަށު ކޯޓަކުން ހުސްވި ޖޫން މަހު ސަރުކާރުގެ މައްޗަށް އަމުރު ކުރުމާ ގުޅިގެންނެވެ. ކޯޓާ ނިޒާމަށް އަމަލު ކުރުން ކުރިން ހުއްޓައިލާފައި ވަނީ 2018ވަނަ އަހަރުއެވެ.
ދަށު ކޯޓުން އަމުރު ކޮށްފައި ވަނީ, ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގެ ބައިވެރިންގެ ޢާއިލާތަކަށް ސަރުކާރު ވަޒީފާތަކުގެ 30 އިންސައްތަ ޚާއްޞަ ކުރުމަށެވެ. އެ ހުކުމާ އެކު, އެކި ފަރާތްތަކަށް ޚާއްޞަ ކޮށްފައިވާ ވަޒީފާތަކުގެ އިންސައްތަ 50އަށްވުރެ މައްޗަށް އުފުލިގެން ދިޔައެވެ.
ނަމަވެސް, ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން ވަނީ ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޙުކުމް ކޮށްފައެވެ. ކޯޓާ ނިޒާމުގެ ބައެއް ބައިތައް ސުޕްރީމް ކޯޓުން ބާޠިލު ކުރުމާ އެކު, ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން 93 އިންސައްތަ ވަޒީފާއަށް މީހުން ޢައްޔަން ކުރުމުގައި ދެން އިސްކަން ދޭން ޖެހޭނީ ވަޒީފާއަށް އެދި ކުރިމަތިލާ މީހުންގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށެވެ.
ޔޫއޭއީގައި ވަޒީފާ އަދާކުރާ ބޭރު މީހުންގެ އާބާދީގައި ތިންވަނައަށް އެންމެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ ބަންގްލަދޭޝްގެ ބިދޭސީންނެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އެންމެ ދަށް ފަންތީގެ ވަޒީފާތައް އަދާ ކުރާ މީހުންނެވެ. ޔޫއޭއީގެ 9.2 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން 90 އިންސައްތައަކީ ބިދޭސީން ކަން ފާހަގަ ކޮށްލަން ޖެހެއެވެ.