ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން އިންޑިއާއަށް ދިޔަ ރާއްޖޭގެ ޒުވާނުން މުހިންމު ތަޖުރިބާތަކެއް ކުރުމަށްފަހު އެނބުރި ޤައުމަށް އަތުވެއްޖެއެވެ.
45 ޒުވާނުންނާއި ފަސް އޮފިޝަލުން ބައިވެރިވި މި ދަތުރުގައި އިންޑިއާގެ މުހިންމު، އަދި މަޝްހޫރު ތަންތަނަށް ވަނީ ޒިޔާރަތްކޮށްފައެވެ.
އިންޑިއާ އާއި ރާއްޖެއާއި ދެމެދު ވެފައިވާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ރާއްޖެއިން އިންޑިއާއަށް ދިޔަ ޒުވާނުން ވަނީ އިންޑިއާގައި 8 ދުވަސް ހޭދަކޮށްފައެވެ. މި އަށްދުވަހުގެ ތެރޭގައި މި ޒުވާނުންނަށް ވަނީ އިންޑިއާގެ ފާހަގަކޮށްލެވޭ ތަންތަނަށް ޒިޔާރަތްކުރެވި، މުހިންމު ގިނަ މަޢުލޫމާތުތަކެއް ލިބިފައެވެ. މިގޮތުން މި ދަތުރުގެ ބައިވެރިން ވަނީ ނިއުދިއްލީގެ ކްރާފްޓް މިޔުޒިއަމްއާއި ޤުތުބް މިނާ، އިންޑިއާގެ ފޮރިންގ ސާވިސް އިންސްޓިއުޓް-އެފް.އެސް.އައި، އިންޑިއާ ގޭޓް، ނޭޝަނަލް މިޔުޒިއަމް، ރާޝްތްރަޕަތީ ބަވަން، ތާޖްމަހަލް ފަދަ ތަންތަނަށް ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން މެޓްރޯ ރޭލްގައި ދަތުރު ކުރުމުގެ ފުރުސަތުވެސް އިންޑިއާ ސަރުކާރުން ވަނީ މިޓީމަށް ދީފައެވެ.
މި ދަތުރުގައި އިންޑިއާގެ ކުޅިވަރާ ބެހޭ މިނިސްޓަރ ސަރްބަނަންދާ ސޮނޮވާލް ، ރާއްޖެއިން އިންޑިއާއަށް ދިޔަ ޒުވާނުންނާ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ކުޅިވަރުގެ ދާއިރާގައި އިންޑިއާއިން ރާއްޖެއަށް އެހީތެރިވެދޭނެކަން ހާމަކުރެއްވިއެވެ. އަދި ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް އަންނަ އަހަރުވެސް ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
އިންޑިއާގެ ދިއްލީގެ އިތުރަށް ރާޖިސްތާނަށްވެސް މިޓީމުންވަނީ ޒިޔާރަތްކޮށްފައެވެ. ރާޖިސްތާނަށް ދިޔުމާއި އެކު ޖެއިޕޫރުގެ ޗޯކީދާނީން ވަނީ މި ޓީމަށް އެމީހުންގެ އާދަ ކާދަ އާއި އެއްގޮތްވާ ގޮތުގެ މަތިން މަރުހަބާ ކިޔާފައެވެ. އަދި ރާޖިސްތާންގެ ޘަޤާފީ ކެޔުމެއް އިންސާފްކޮށްލުމުގެ ފުރުޞަތު ވަނީ މިޓީމަށް ދީފައެވެ. އެއަށްފަހު ޖެއިޕޫރުގެ ޔޫތްކްލަބް ކޭމްޕަށް ޒިޔާރަތްކޮށް ރާއްޖޭގެ ޓީމުން ވަނީ ރާއްޖޭގެ ޘަޤާފީ ކުޅިވަރުތަކެއް ހުށަހަޅައިދީފައެވެ.
މީގެ އިތުރަށް ޖެއިޕޫރުގެ ސިޓީ ޕެލަސް އާއި، ޖަންތްރަ މަންތްރަ އަށާއި ހަވާ މެހެލް ވަނީ މި ބައިވެރިންނަށް ދައްކާލާފައެވެ. މިދަތުރާއި މެދު މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑެޕިޔުޓީ މިނިސްޓަރ ނާއިފް ޝައުކަތު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށާއި ދެ ސަރުކާރުގެ ދެމެދު އޮތް ގުޅުން ފާހަގަވެގެންދިޔަކަމަށެވެ.
މި ދަތުރުގައި އިންޑިއާ ސަރުކާރުން ވެ ދެއްވި އެއްބާރުލެއްވުމާއި ބެހެއްޓެވި ގާތްކަމަށް ރާއްޖޭގެ ޒުވާނުން ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. އަދި އާ ކަންތައްތަކެއް އެނގި އާ ތަޖުރިބާތަކެއް ލިބިގެންދިޔުމަކީ މި ދަތުރުގެ ބައިވެރިން އެންމެ ބޮޑަށް ފާހަގަކުރި އެއްކަންތަކެވެ.