ޚަބަރު

ވަޒީފާ ކޯޓާއަށް ބަދަލު ގެންނަ ސުޕްރީމް ކޯޓުގެ އަމުރު ބަންގްލަދޭޝް ސަރުކާރުން ބަލައިގަނެފި


ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރު ބަލައިގަންނަން އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. ކޯޓާ ނިޒާމުގެ ދަށުން ސަރުކާރު ވަޒީފާތަކުގެ 56 އިންސައްތައަކީ ވަކި ފަރާތްތަކަށް ޚާއްޞަ ކޮށްފައިވާ ވަޒީފާތަކެކެވެ. ނަމަވެސް, ސުޕްރީމް ކޯޓުން އަމުރު ކޮށްފައި ވަނީ އެކި ފަރާތްތަކަށް ޚާއްޞަ ކޮށްފައިވާ ކޯޓާތައް 7 އިންސައްތައަށް ދަށް ކުރުމަށެވެ.

ކޯޓާ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސުޕްރީމް ކޯޓުން ޙުކުމް ކޮށްފައި ވަނީ, ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި މަތީ ތަޢުލީމު ހާސިލު ކުރާ އެތަކެއް ސަތޭކަ ދަރިވަރުން ކޯޓާ ނިޒާމާ ދެކޮޅަށް އަޑު އުފުލުމަށް ބަންގްލަދޭޝްގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މުޒާހަރާތަކެއް ބޭއްވުމާ ގުޅިގެންނެވެ. އެ މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުން ކުރުމާ ގުޅިގެން 150 މީހުން މަރުވިއެވެ. އަދި, 1,600އަށްވުރެ ގިނަ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ގިނައީ ދަރިވަރުންނެވެ.

މުޒާހަރާތައް ހުއްޓުވުމުގެ ގޮތުން ބަންގްލަދޭޝް ސަރުކާރުން ވަނީ ކަރފިޔު އިޢުލާނުކޮށް, މަގުތަކުގައި އަމަން ގާއިމު ކުރުމަށް އަސްކަރިއްޔާގެ ސިފައިން ހަތިޔާރާ އެކު މަގުތަކަށް ނެރެފައެވެ. މި ކަމާ ގުޅިގެން ގިނަ ރަަށްތަކުގެ މަގުތައް ހަމަހިމޭންވެފައި އޮތް ނަމަވެސް, މުޒާހަރާތައް ހުއްޓައިލަން ދަރިވަރުން ދަނީ ދެކޮޅު ހަދަމުންނެވެ.

މުޒާހަރާގެ ބައިވެރިން މިިހާރު ބާރު އަޅަމުން ދަނީ ކަރފިޔު އުވައިލުމަށެވެ. އަދި, މުޒާހަރާތައް ހުއްޓުވުމުގެ ނަމުގައި ކަނޑައިލާފައިވާ މޮބައިލް އިންޓަރނެޓުގެ ޚިދުމަތް އަލުން ގުޅައިދީ, ބަންދު ކޮށްފައިވާ ކޮލެޖުތަކާއި ޔުނިވަރސިޓީތައް އަލުން ހުޅުވައިދިނުމަށެވެ. މީގެ އިތުރުން, ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި ފޯރިމަރަމުންދާ ފުލުހުން އެ ތަންތަން ދޫކޮށް ދިޔުމަށް ވެސް ދަރިވަރުން ދަނީ ގޮވައިލަމުންނެވެ. ސުޕްރީމް ކޯޓުގެ އަމުރު ބަލައިގަނެފައިވާ ކަން ސަރުކާރުން ހާމަ ކުރި ނަމަވެސް, މުޒާހަރާތަކުގެ ބައިވެރިން ބާރު އަޅަމުންދާ ބައެއް ކަންކަމާ މެދު ސަރުކާރުން އަމަލު ކުރާނެ ގޮތެއް އަދި ސާފެއް ނޫނެވެ.

"ސުޕްރީމް ކޯޓުގެ އަމުރަށް ސަރުކާރުން މި ވަނީ އިޖާބަ ދީފައި،" ކޯޓާ ނިޒާމަށް ބަދަލުތަކެއް ގެނެސްފައިވާ ކަން އިޢުލާނުކޮށް ގެޒެޓުގައި ޝާއިޢު ކޮށްފައިވާ ސިޔާސަތު ދައްކައިލަމުން ބަންގްލަދޭޝްގެ ޤާނޫނީ ދާއިރާގެ ވަޒީރު އަނީސް އަލް-ޙައްޤު ވިދާޅުވިއެވެ. "ކޯޓާ ނިޒާމަށް އެ އޮތީ ބަދަލު ގެނެސްފައި. [މުޒާހަރާތައް ހުއްޓައިލުމަށް ފަހު] ދަރިވަރުން ދެން ކިޔެވުމައިގެން މަސްއޫލުވާނެ ކަމަށް އުންމީދު ކުރަން."

ނަމަވެސް, މުޒާހަރާތައް ހުއްޓައިލަން ދަރިވަރުން އަދިވެސް ދަނީ ދެކޮޅު ހަދަމުންނެވެ. މުޒާހަރާތައް އިންތިޒާމު ކުރާ ދަރިވަރުން ބުނީ ސަރުކާރަށް ޝަރުޠުތަކެއް ހުށަހަޅާފައިވާނެ ކަމަށާއި, އެ ކަންކަން ކުރުމަށް 48 ގަޑިއިރުގެ މުހުލަތެއް ދީފައިވާނެ ކަމުގައެވެ. އެ ޝަރުޠުތަކުގެ ތެރޭގައި, މުޒާހަރާތަކުގެ ތެރެއިން މަރުވި ކުދިންގެ ޢާއިލާތަކުގެ ކިބައިން ބޮޑުވަޒީރު ޝައިޚް ޙަސީނާ މަޢާފަށް އެދިވަޑައިގަތުން ހިމެނެއެވެ. މުހުލަތު ފަހަނައަޅައިފި ނަމަ ދެން އަމަލު ކުރާނެ ގޮތް ދަރިވަރުން ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތައް ރޫޅައިލުމުގެ ގޮތުން މެދުކަނޑައިލި ބައެއް ޚިދުމަތްތައް އަލުން ގުޅައިދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. މި ގޮތުން, މުވާސަލާތީ ޚިދުމަތްތައް ގުޅައިދީފައިވީ ނަމަވެސް, މޮބައިލް އިންޓަރނެޓުގެ ޚިދުމަތް ހޯދުމަށް އަދިވެސް ދަތިތަކެއް ހުރި ކަމުގައި ރިޕޯޓުތައް ބުނެއެވެ. މޮބައިލް އިންޓަރނެޓުގެ ޚިދުމަތް އަލުން ދީފައިވީ ނަމަވެސް, އިންޓަރނެޓުގެ ދުވެލި ވަރަށް ދަށް ކަމަށް މުޒާހަރާގެ ބައިވެރިން ބުންޏެވެ.

ބަންގްލަދޭޝްގެ އާބާދީ 170 މިލިޔަނަށް އަރާއިރު, އޭގެ ތެރެއިން ބޮޑު އިންސައްތައެއް ޒުވާނުން ހިއްސާ ކުރެއެވެ. ނަމަވެސް, ޒުވާން އުމުރުފުރައިގެ އާބާދީގެ ތެރެއިން 32 މިލިޔަން މީހުންނަކީ މަތީ ތަޢުލީމު ހާސިލު ކުރާނެ ފުރުޞަތާއި ވަޒީފާ ނެތް މީހުންނެވެ. ކޯޓާ ނިޒާމުގެ ބައެއް ބައިތައް ސުޕްރީމް ކޯޓުން ބާޠިލު ކުރުމާ އެކު, ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން 93 އިންސައްތަ ވަޒީފާއަށް މީހުން ޢައްޔަން ކުރުމުގައި ދެން އިސްކަން ދޭން ޖެހޭނީ ވަޒީފާއަށް އެދި ކުރިމަތިލާ މީހުންގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށެވެ.