ސްޕެއިނުގެ ރެއާލް މެޑްރިޑުން ނިމިދިޔަ ސީޒަންގައި އާމްދަނީގެ ގޮތުގައި 1 ބިލިއަން ޔޫރޯ ހޯދާފައިވާ ކަމަށް އެ ކްލަބުގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން، ރެއާލުން ނެރުނު މާލީ ހިސާބުތަކުން ދައްކާގޮތުގައި، އެ ކްލަބަށް އާމްދަނީގެ ގޮތުގައި ލިބުނު 1.073 ބިލިއަން ޔޫރޯ (1.16 ބިލިއަން އެމެރިކާ ޑޮލަރު) ގެ ތެރޭގައި ކުޅުންތެރިން ވިއްކައިގެން ލިބުނު ޓްރާންސްފާ ފީ ނުހިމެނެއެވެ. އަދި މިއީ އޭގެކުރީ އަހަރާ އަޅާބަލާއިރު 27 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ވެސް އެކްލަބުން ވަނީ ބުނެފައެވެ.
މިދިޔަ މާލީ އަހަރުގައި ރެއާލަށް ފައިދާ ގޮތުގައި 16 މިލިއަން ޔޫރޯ (17.3 މިލިއަން އެމެރިކާ ޑޮލަރު) ވަނީ ލިބިފައެވެ. އަދި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ކްލަބުގެ ދަރިނި ހުރީ 8 މިލިއަން ޔޫރޯ (8.6 މިލިއަން އެމެރިކާ ޑޮލަރު) ގައެވެ.
ނިމިދިޔަ ސީޒަން ހުރިހާ ގޮތަކުން ވެސް ރެއާލަށް ކާމިޔާބެވެ. އެ ކްލަބުން 15 ވަނަ ފަހަރަށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދިއިރު، ސްޕެނިޝް ލީގާއި ސުޕަ ކަޕް ކާމިޔާބުކުރިއެވެ. މީގެއިތުރުން، ރެއާލްގެ ބާސްކެޓް ޓީމު ވެސް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ވަނީ ހާސިލްކޮށްފައެވެ. އެ ޓީމުން ސްޕެނިޝް ލީގާއި، ކިންގްސް ކަޕްގެ އިތުރުން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކުރިއިރު ޔޫރޯ ލީގުގެ ފައިނަލަށް ވަނީ ދަތުރުކޮށްފައެވެ.
ރެއާލުން މިދިޔަ އަހަރު ހޯދީ ހިންގުމުގެ އާމްދަނީ ވެސް ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން، ނިމިދިޔަ ސީޒަނުގައި ވަނީ ކުރީ އަހަރަށްވުރެ އިތުރަށް 230 މިލިއަން ޔޫރޯ (249 މިލިއަން އެމެރިކާ ޑޮލަރު) ހިންގުމުގެ އާމްދަނީގެ ގޮތުގައި ލިބިފައެވެ. މި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ވިޔަފާރީގެ އެކި ރޮނގުތަކުގެ ތެރެއިން މާކެޓިންގ އާއި ދަނޑާއި ގުޅުންހުރި އާމްދަނީ އިތުރުވުމެވެ.
ނިމިދިޔަ ސީޒަންގައި ލަލީގާގެ ބްރޯޑްކާސްޓިންގ އާމްދަނީ ދަށްވިއިރު، މާކެޓިންގ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނާއި، އެޗްޕީ އާއެކު ހެދި ޖާޒީގެ އެއްބަސްވުމާއެކު މާލީގޮތުން ކުރިއެރުން ލިބުމަށް މަގުފަހިވެގެންދިޔައެވެ. އަދި އިންޓަރެސްޓް އާއި ޓެކުހާއި ޑިޕްރިސިއޭޝަންގެ އިތުރުން އެމޯޓައިޒޭޝަނަށް ކެނޑުމަށްފަހު ލިބުނު އާމްދަނީ ވެސް އޭގެ ކުރީ އަހަރަށްވުރެ 71 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.
އެ ކްލަބުން މިހާރު ކުރިއަށްގެންދާ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށްވާ، ސަންޓިއާގޯ ބާނެބެއު ސްޓޭޑިއަމްގެ މަރާމާތުގެ މަސައްކަތްތަކަށް ވެސް ގާތްގަނޑަކަށް 1.163 ބިލިއަން ޔޫރޯ (1.262 ބިލިއަން އެމެރިކާ ޑޮލަރު) ވަނީ ހޭދަކޮށްފައެވެ.