ޚަބަރު

ވެލާ ކަހަނބާ ގުޅޭގޮތުން ނައިފަރުގައި ފެސްޓިވަލެއް ބާއްވަނީ


ވެލަޔާއި ކަހަނބަކީ، ރާއްޖޭގައި އަހަރުތަކެއް ކުރިން، ޢާންމުކޮށް ހިފައި އެކި ބޭނުންތަކަށް ބޭނުންކުރަމުން އައި އެއްޗެކެވެ. ވެލާ ޢާންމުކޮށް ހިފަނީ، އޭގެ ބަނޑުގައިވާ ބިސް ނަގައިގެން ކާބޯތަކެތި ތައްޔާރުކުރުމަށާއި އޭގެ މަސް އެކި ގޮތްގޮތަށް ރޯފިލުވައިގެން ކެއުމަށާއި އަދި އޮޑިދޯނިފަހަރުގެ ލަކުޑިގަނޑުގެ ރައްކަލަށްޓަކައި އޭގެ ތެޔޮ ބޭނުންކުރުމަށްޓަކައެވެ. ކަހަނބުވެސް ބޭނުންކުރަނީ ވެލައިން ކުރަމުން އައި ބޭނުންތައް ކުރުމަށެވެ. މީގެ އިތުރުން ކަހަނބުގެ ތޮށިގަނޑުގެ ބޭރު ފަށަލަ ނުވަތަ ކަހަނބު ފަތަކީވެސް ބައެއް ބާވަތުގެ އުފެއްދުންތައް އުފައްދަން ބޭނުންކުރާ އެއްޗެކެވެ.

ނަމަވެސް ވެލާ ޢާއިލާގެ ބާވަތްތަކަކީ ދުނިޔޭގައި މަދުވަމުން އަންނަ އެއްޗަކަށް ވުމާއި، ވެލައަކީ ތިމާވެށީގެ ރައްޔާތެރިކަމަށް މުހިންމު އެއްޗަކަށް ވުމުން ރާއްޖޭގެ ސަރަޙައްދުން ވެލާހިފުމާއި މެރުން ވަނީ ޤާނޫނީގޮތުން މަނާކުރައްވާފައެވެ. އަދި މި ޖަނަވާރު މެރުމާ ދެކޮޅުހަދާ މުޖުތަމަޢުތަކުގެ މީހުން ފަތުރުވެރިންގެ ގޮތުގައި ރާއްޖެ އައިސް، ވެލާ ނުމެރުމަށް ބާރުއެޅުމާއި ފަތުރުވެރިން ފީނުމުގެ ތެރޭގައި ދެކެން ޝައުޤުވެރިވާ އެކައްޗަކީ ވެލާ ކަހަނބަށް ވުމުން ރާއްޖޭގެ ސަރަޙައްދުން ވެލާހިފުމާއި މެރުމަކީ ދިވެހި މުޖުތަމަޢުގެ މަދު މީހަކު ނޫނީ ދެކޮޅުހަދާ ކަމެކެވެ.

img:http://s2.psmnews.mv/images/660x400/14637447315769.jpg|ވެލާ ކަހަނބު އާލާކުރުމަށް ރާއްޖޭގެ ރިސޯޓަކުން ހިންގި ޕްރޮގްރާމެއްގައި އާލާކޮށްފައިވާ ވެލައެއް - ފައިލް ފޮޓޯ: ޕީއެސްއެމް

ވެލާ ހިފުމާއި މެރުން ހުއްޓާލުމުގެ އިތުރަށް ދިވެހިރާއްޖޭގެ ސަރަޙައްދުގައި ވެލައަށް ގެއްލުމެއް ލިބިދާނެ ކަންކަމުން ދުރުހެލިވުމަށާއި އަދި މި ޢާއިލާގެ ޖަނަވާރު އާލާކޮށް އިތުރުކުރުމަށް ދިވެހިންގެ އެތައް ބަޔަކު އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި އެ މުއައްސަސާތަކުގެ ބާރުއެޅުއްވުމާއި އެއްބާރުލެއްވުމާއެކު ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކާއި ޖަމްޢިއްޔާތައް ފާހަގަކޮށްލެވެއެވެ.

މިފަދަ ޙަރަކާތްތައް ހިންގަމުން އަންނަ އެއް ރަށަކީ، ފާދިއްޕޮޅު ނައިފަރެވެ. އެރަށުގައި ވެލާ ކަހަނބު އާލާކުރުމުގެ މަސައްކަތްކުރާތާ އަހަރުތަކެއް ވަނީ ވެފައެވެ. އެރަށުގައި އޮންނަ ޙަރަކާތްތެރި ޖަމްޢިއްޔާއެއްކަމަށްވާ، ނައިފަރު ޖުވެނަލް ޖަމްޢިއްޔާއިން ވަނީ "ޓާޓުލް ފެސްޓިވަލް" ގެ ނަމުގައި ޚާއްޞަ ފެސްޓިވަލެއް މިއަހަރުވެސް ބޭއްވުމަށް ނިންމާފައެވެ. މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫންމަހުގެ 4 ވަނަ ދުވަހު ހެނދުނު 10:00 އިން ރޭގަނޑު 10:00އަށެވެ. މިއީ އެއަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ ފެސްޓިވަލެކެވެ.

ނައިފަރު ޖުވެނަލްއިން ބުނާގޮތުގައި މި ފެސްޓިވަލް ބޭއްވުމުގެ ބޭނުމަކީ، ވެލާކަހަނބު ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި ރަނގަޅުގޮތުގައި ކުނިމެނޭޖްކުރުމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ވެލާ ކަހަނބުގެ ނަސްލު ދެމެހެއްޓުމަށް މަސައްކަތްކުރާނެ ދަރިންތަކެއް އުފެއްދުމެވެ. އެ ޖަމްޢިއްޔާއިން ދަނީ މި ފެސްޓިވަލް ބޭއްވުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންނެވެ. މިފެސްޓިވަލް ބާއްވަނީ، އެޓޯލް ވޮލަންޓިއަރސް އަދި އެޓޯލް މެރިން ސެންޓަރާއި ގުޅިގެންނެވެ.

ނައިފަރު ޖުވެނަލްއިން ބުނާގޮތުގައި، މިފެސްޓިވަލްގައި ޅ. އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލްތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެއްދުވަހުގެ މިފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ ނައިފަރު ޖުވެނައިލްއިން ނައިފަރުގައި ހިންގަމުންގެންދާ މެރިންސެންޓަރ ސަރަޙައްދުގައެވެ. މި ފެސްޓިވަލްގެ މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ފީއެސްއެމްއެވެ.

މިފެސްޓިވަލްގައި ޅ. އަތޮޅުގެ ސްކޫލްތަކުން ހުށަހަޅައިދޭ ތަފާތު އައިޓަމްތަކާއި، އުކާލެވޭ ތަފާތު ބާވައްތަކުން ތައްޔާރުކޮށްފައިވާ ވެލާ ކަހަނބު ޙިމާޔަތްކުރުމުގެ މުހިންމުކަމުގެ ހޭލުންތެރިކަން އިތުރުކުރުމާ ގުޅޭ ތަފާތު ސްޓޯލްތަކާއި، ރައްކާތެރިގޮތުގައި ކުނިމެނޭޖްކުރުމާގުޅޭ މަޢުލޫމަތު ފޯރުކޮށްދޭ ސްޓޯލްތަކާއި، ތަފާތު ކުޅިވަރު ސްޓޯލްތައް ބެހެއްޓުމަށް ހިމެނޭނެއެވެ. އަދި ފެސްޓިވަލާ ގުޅިގެން ބޭއްވޭ ޓީޝާޓު ޑިޒައިން ކުރުމުގެ މުބާރާތާއި، ކުރެހުމުގެ މުބާރާތާއި، ކްރިއޭޓިވިޓީ މުބާރާތާއި، ފޮޓޯނެގުމުގެ މުބާރާތާއި، އަދި ސޭންޑް ސްކަލްޕްޗާ މުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތަކަށް އިނާމްދިނުމަށް ވަނީ ހަމަޖެހިފައެވެ.