ޚަބަރު

ސުލްޙައިގެ މަޝްވަރާތަކާ މެދު ރަޝިޔާ-ޔޫކްރެއިންގެ ޚިޔާލު އެއްގޮތް: ޕިސްކޯފް


ސުލްޙައިގެ މަޝްވަރާތަކާ މެދު ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ޚިޔާލު އެއްގޮތްވެފައިވާ ކަމުގައި ރަޝިޔާގެ ރިޔާސީ ގަނޑުވަރު, ކްރެމްލިންގެ ތަރުޖަމާނު ދިމިތްރީ ޕިސްކޯފް ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ, ރަޝިޔާއިން ހެޔޮ ނިޔަތެއްގައި ސުލްޙައިގެ މަޝްވަރާތައް ބާއްވަން ބޭނުންވާ ނަމަ, އެ ކަމަށް އެއްބާރުލުން ދޭން ޔޫކްރެއިނުން ތައްޔާރަށް އޮތް ކަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ދިމިތްރޯ ކޫލެބާ ވިދާޅުވުމާ ގުޅިގެންނެވެ.

ރަޝިޔާއާ އެކު ސުލްޙައިގެ މަޝްވަރާތައް ބާއްވަން ޔޫކްރެއިނުން ތައްޔާރަށް އޮތް ނަމަވެސް, އެ ކަމާ މެދު ރަޝިޔާގެ ފަރާތުން ހެޔޮ ނިޔަތެއް ފެނިފައި ނުވާ ކަމުގައި ކޫލެބާ ވިދާޅުވިއެވެ. މަޝްވަރާތަކަށް ޔޫކްރެއިނުން ތައްޔާރަށް އޮތް ކަން ހާމަކުރުމަކީ ހެޔޮ ފާލެއްގެ ގޮތުގައި ޕިސްކޯފް ސިފަ ކުރެއްވިއެވެ. އަދި, މަޝްވަރާތަކާ މެދު ޔޫކްރެއިންގެ ޚިޔާލު ހުރިނެތްގޮތުގެ އިތުރު ތަފުސީލު ހާމަ ކުރުމަށް ވެސް އޭނާ ވަނީ އެދިވަޑައިގަންނަވާފައެވެ.

"[ކޫލެބާ] ދެއްވާފައި މެސެޖަކީ މި ކަމުގައި ރަޝިޔާއިން ގެންގުޅޭ ވިސްނުމާ އެއްގޮތް ޚިޔާލެއް. ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވަން ޖެހޭނެ, މަޝްވަރާ ކުރުމާ ރަޝިޔާއިން ދުވަހަކު ވެސް ދެކޮޅު ނުހަދާނެ ކަން. އަޅުގަނޑުމެން އަބަދު ވެސް މި ދަނީ މަޝްވަރާތަކަށް އާނއެކޭ ބުނަމުން. ނަމަވެސް, މި ކަމާ މެދު [ޔޫކްރެއިނުން ދެކޭ ގޮތުގެ] ގިނަ މަޢުލޫމާތު ސާފެއް ނޫން،" ޕިސްފޯކް ވިދާޅުވިއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނެސް, ދެ ޤައުމުގެ ދެމެދުގައި ސުލްޙަ ގާއިމު ކުރުމާ ގުޅޭ މަޝްވަރާތައް ފެށުމަށް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ފެބުރުވަރީ މަހު ވެސް ހުށަހެޅުއްވި ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. މަޝްވަރާތައް ފެށުމާ ގުޅޭ ގޮތުން ދެ ފަރާތުގެ ދެމެދުގައި ވާހަކަ ދައްކަން ފަށާފައިވާ ކަން ވެސް ރަޝިޔާއިން ހާމަކުރިއެވެ. ނަމަވެސް, ރަޝިޔާއިން ތުހުމަތު ކުރި ގޮތުގައި އެ ކަމަށް ހުރަސް އަޅާފައި ވަނީ އެމެރިކާއިންނެވެ.

ޔޫކްރެއިނާ އެކު މަޝްވަރާ ކޮށްގެން ހަނގުރާމައަށް ނިމުމެއް ގެންނަން ތައްޔާރަށް އޮތް ކަން މޭ މަހު ވެސް ރަޝިޔާއިން ހާމަ ކޮށްފައިވެއެވެ. ނަމަވެސް, އެ ކަމަށް ޔޫކްރެއިނާއި އެމެރިކާއިން ދެކޮޅު ހަދާ ނަމަ, ރަޝިޔާގެ ލަނޑުދަނޑިތައް ހާސިލު ކުރެވެން ދެން ހަނގުރާމަ ކުރިއަށް ގެންދަން ޕުޓިން ތައްޔާރަށް ހުންނެވި ކަން ވެސް މޭ މަހު ރިޕޯޓު ކޮށްފައިވެއެވެ.

މި ކަމާ ގުޅޭ ގޮތުން ޖޫން މަހު ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވީ, ނޭޓޯގެ މެންބަރު ކަން ހޯދަން ޔޫކްރެއިނުން ކުރަމުންދާ މަސައްކަތްތައް ހުއްޓައިލައި, ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކަކީ ރަޝިޔާގެ ބައިތަކެއްގެ ގޮތުގައި ބަލައިގަންނަން ޔޫކްރެއިނުން އެއްބަސްވުމުން ހަނގުރާމަ ހުއްޓައިލާނެ ކަމުގައެވެ. ނަމަވެސް, ޔޫކްރެއިނުން ވަނީ އެ ހުށަހެޅުންތަކަށް ނޫނެކޭ ބުނެފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެެވެ. މި ހަނގުރާމައިގެ ތެރެއިން ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގައި ހިމެނޭ ލުހާންސްކާއި ދޮންޏެސްކުގެ އިތުރުން ދެކުނުގައި އޮތް ޒަޕޮރީޜިޔާ ހިމެނެއެވެ. ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާ އަކީ ރަޝިޔާއިން 2014ވަނަ އަހަރު އަތްގަދަ ކޮށްފައިވާ ސަރަޙައްދެކެވެ.