ޚަބަރު

ކަރފިޔުއަށް ލުއި ދިނުމުން ބަންގްލަދޭޝްގެ ކާރުޚާނާތަކާއި ބޭންކުތައް ހުޅުވަނީ


ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި ބަންގްލަދޭޝް ސަރުކާރުން އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް ފެށި ބޮޑެތި މުޒާހަރާތަކަށް ހުރަސް އެޅުމުގެ ގޮތުން އެ ޤައުމުގައި އިޢުލާނު ކޮށްފައިވާ ކަރފިޔުއަށް ލުއިދޭން ފަށައިފިއެވެ. ބަންގްލަދޭޝްގައި އަމަލު ކުރަމުން ދިޔަ ކަރފިޔުއަށް ލުއިދޭން ފަށާފައި މި ވަނީ, ޤައުމު ހުއްޓުމަކަށް އައިސްފައި އޮންނަތާ ހަތަރު ދުވަސް ފަހުންނެވެ.

ކަރފިޔުއަށް ލުއިދިނުމުގެ ގޮތުން ބަންގްލަދޭޝް ސަރުކާރުން ވަނީ ޖުލައި 24 އަދި 25ވަނަ ދުވަހު ހަތް ގަޑިއިރުގެ މުއްދަތަކަށް ކަރފިޔު ހިންގުން މެދުކަނޑައިލާފައެވެ. އަދި, ހެނދުނު 11ން މެންދުރު 3އާ ދެމެދު އޮފީސްތައް ހުޅުވުމަށް ވެސް ހުއްދަ ދީފައެވެ. މިއާ އެކު, ކަރފިއު ހިންގުން މެދުކަނޑައިލާފައިވާ ވަގުތުތަކުގައި ވެރިރަށް ދާކާގެ މަގުތަކުގައި ޢާންމުންނާއި އެއްގަމު އުޅަނދުފަހަރު އިތުރު, ޢާންމު ހާލަތަކަށް ރުޖޫޢަވިއެވެ.

ވަޒީފާ ދިނުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި އިސް ދައުރެއް އަދާ ކޮށްފައި ވަނީ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި މަތީ ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނެވެ. މުޒާހަރާތައް ރޫޅައިލުމަށް ފުލުހުން ބާރުގެ ބޭނުން ކުރުމާ ގުޅިގެން މަރުވި މީހުންގެ ޢަދަދު ވަނީ 150އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ދަރިވަރުންނެވެ. އަދި, 1,600އަށްވުރެ ގިނަ މީހުން ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވެއެވެ.

މުޒާހަރާތަކަށް ހުރަސް އެޅުމުގެ ގޮތުން ބަންގްލަދޭޝް ސަރުކާރުން މެދުކަނޑައިލާފައިވާ ގިނަ ޚިދުމަތްތަކެއް ވެސް މިހާރު ވަނީ ގުޅައިދޭން ފަށާފައެވެ. އޭގެ ތެރޭގައި މުވާސަލާތީ ޚިދުމަތްތަކާއި މޮބައިލް އިންޓަރނެޓުގެ ޚިދުމަތްތައް ހިމެނެއެވެ. ނަމަވެސް, ސޯޝަލް މީޑިޔާ ޕްލެޓްފޯމްތައް ބޭނުން ކުރުމަށް ސަރުކާރުން އަދިވެސް ހުރަސް އަޅަމުންދާ ކަމުގައި މުޒާހަރާ އިންތިޒާމު ކުރި ދަރިވަރުން ބުންޏެވެ.

މުޒާހަރާތަކަށް ނިމުމެއް އައިސް ހަމަޖެހުން ގާއިމުވެފައި ވަނީ, ކޯޓާ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސުޕްރީމް ކޯޓުން ސަރުކާރަށް އަމުރު ކުރުމާ ގުޅިގެން ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އަދި, ކަރފިޔު އިޢުލާނުކޮށް, ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ސަރުކާރުން ވަނީ އަމަން ބެލެހެއްޓުމުގެ މަސައްކަތް އަސްކަރިއްޔާގެ ހަތިޔާރު އެޅި ސިފައިންނާ ހަވާލު ކޮށްފައެވެ.

މައްސަލަ ގޯސްވި ކޯޓާ ނިޒާމުގެ ދަށުން ސަރުކާރު ވަޒީފާތަކުގެ 56 އިންސައްތައަކީ ވަކި ފަރާތްތަކަށް ޚާއްޞަ ކޮށްފައިވާ ވަޒީފާތަކެކެވެ. ނަމަވެސް, ސުޕްރީމް ކޯޓުން އަމުރު ކޮށްފައި ވަނީ އެކި ފަރާތްތަކަށް ޚާއްޞަ ކޮށްފައިވާ ކޯޓާތައް 7 އިންސައްތައަށް ދަށް ކުރުމަށެވެ. ސަރުކާރުން ވަނީ ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ކޯޓާ ނިޒާމަށް ބަދަލު ގެންނަން އެއްބަސްވެފައެވެ.

މުޒާހަރާތަކާ ގުޅިގެން އިޢުލާނު ކޮށްފައިވާ ކަރފިޔުއަށް ލުއިދޭން ފެށުމާ ގުޅިގެން, ބަންގްލަދޭޝްގެ އެންމެ ބޮޑު ސިނާޢީ ވިޔަފާރި ކަމުގައިވާ އަންނައުނު އުފެއްދުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ކާރުޚާނާތައް ވަނީ ހުޅުވަން ފަށާފައެވެ. "ބަންދު ކޮށްފައި ހުރި ހުރިހާ ކާރުޚާނާތަކެއް މިހާރު ހުޅުވައިފި. ހުރިހާ ކަމެއް ވެސް ކުރިއަށް ދަނީ ވަރަށް އޮމާން ކޮށް،" ބަންގްލަދޭޝްގެ އަންނައުނު އުފެއްދުމުގެ ވިޔަފާރިއާ ބެހޭ އިދާރާގެ ރައީސް އެސްއެމް މަންނާން ވިދާޅުވިއެވެ.

މީގެ އިތުރުން, ސްޓޮކް އެކްސްޗޭންޖާއި ބޭންކުތައް ވެސް ވަނީ ހުޅުވާފައެވެ. އަދި, އަދާހަމަ ކުރުން މެދުކަނޑައިލާފައި އޮތް ޚަބަރު ފަތުރާ ނޫސްތަކުގެ ވެބްސައިޓުތަކުގައި އަލުން ޚަބަރުތައް ޝާއިޢު ކުރަން ފަށާފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ކަރފިޔު ހިންގުމާ ގުޅިގެން ގިނަ ރަަށްތަކުގެ މަގުތައް ހަމަހިމޭންވެފައި އޮތް ނަމަވެސް, މުޒާހަރާތައް ހުއްޓައިލަން ދަރިވަރުން އަދިވެސް ދަނީ ދެކޮޅު ހަދަމުންނެވެ. މުޒާހަރާގެ ބައިވެރިން މިިހާރު ބާރު އަޅަމުން ދަނީ ކަރފިޔު ހިންގުން ހުއްޓައިލުމަށެވެ. އަދި, މުޒާހަރާތައް ހުއްޓުވުމުގެ ނަމުގައި ބަންދު ކޮށްފައިވާ ކޮލެޖުތަކާއި ޔުނިވަރސިޓީތައް އަލުން ހުޅުވައިދިނުމަށެވެ.

މީގެ އިތުރުން, ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި ފޯރިމަރަމުންދާ ފުލުހުން އެ ތަންތަން ދޫކޮށް ދިޔުމަށް ވެސް ދަރިވަރުން ދަނީ ގޮވައިލަމުންނެވެ. މުޒާހަރާތަކުގެ ތެރެއިން މަރުވި ކުދިންގެ ޢާއިލާތަކުގެ ކިބައިން ބޮޑުވަޒީރު ޙަސީނާ މަޢާފަށް އެދިވަޑައިގަތުމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ބާރު އަޅަމުންނެވެ. އަދި, މި ކަންކަން ކުރުމަށް ދަރިވަރުން ވަނީ ސަރުކާރަށް 48 ގަޑިއިރުގެ މުހުލަތެއް ދީފައެވެ. މުހުލަތު ފަހަނައަޅައިފި ނަމަ ދެން އަމަލު ކުރާނެ ގޮތް ދަރިވަރުން ހާމަކޮށްފައެއް ނުވެއެވެ.

ބަންގްލަދޭޝްގެ އާބާދީ 170 މިލިޔަނަށް އަރާއިރު, އޭގެ ތެރެއިން ބޮޑު އިންސައްތައެއް ޒުވާނުން ހިއްސާ ކުރެއެވެ. ނަމަވެސް, ޒުވާން އުމުރުފުރައިގެ އާބާދީގެ ތެރެއިން 32 މިލިޔަން މީހުންނަކީ މަތީ ތަޢުލީމު ހާސިލު ކުރާނެ ފުރުޞަތާއި ވަޒީފާ ނެތް މީހުންނެވެ. ކޯޓާ ނިޒާމުގެ ބައެއް ބައިތައް ސުޕްރީމް ކޯޓުން ބާޠިލު ކުރުމާ އެކު, ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން 93 އިންސައްތަ ވަޒީފާއަށް މީހުން ޢައްޔަން ކުރުމުގައި ދެން އިސްކަން ދޭން ޖެހޭނީ ވަޒީފާއަށް އެދި ކުރިމަތިލާ މީހުންގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށެވެ.