ޚަބަރު

މަރުވެފައިވާ ބައެއް ޔަހޫދީންގެ ހަށިތައް ޣައްޒާއިން ހޯދައިފި


ޔަހޫދީންގެ އަޅުވެތިކަމާ ދެކޮޅަށް ތެދުވެ ޖިހާދު ކުރުމުގެ ގޮތުން ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީންގެ ރަށްތަކަށް ދިން ޙަމަލާގައި މަރުވި ފަސް ޔަހޫދީންގެ ހަށިގަނޑު ހޯދައިފިއެވެ. އެ މީހުންގެ ހަށިގަނޑު ފެނިފައި ވަނީ ޣައްޒާގެ ޚާން ޔޫނިސްގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން މިހާރު ހިންގަމުންދާ ގަތުލުއާންމުގެ ތެރެއިންނެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ޔަހޫދީ އިސްތިޢުމާރީ ފައުޖަށް ނިޞްބަތްވާ ސިފައިންނެވެ.

2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޙަމާސުން ހިންގި އަސްކަރީ ޙަރަކާތުގައި ގިނަ ޢަދަދެއްގެ ޔަހޫދީން ރަހީނު ކޮށްގެން ޣައްޒާއަށް ގެންގޮސްފައިވެއެވެ. އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު އެ ޖަމާޢަތުން މިނިވަންކޮށްފައިވެއެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި 120 ވަރަކަށް އަސީރުން އަދިވެސް ތިބި ކަމުގައި ޔަހޫދީ ފައުޖުން ބުނެއެވެ. އަދި, އޭގެ ތެރެއިން ތިންބައި ކުޅަ އެއްބައި މީހުން މަރުވެފައިވާ ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުނެއެވެ.

ޙަމާސުން ބުނީ, އަސީރުން މަރުވެފައި ވަނީ ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނަށް އަމާޒުކޮށް ދެމުންދާ ރަޙުމު ކުޑަ ޙަމަލާތަކުގައި ކަމުގައެވެ. ޙަމާސުން މިނިވަން ކޮށްފައިވާ ބައެއް އަސީރުން ވެސް ބުނީ, ޙަމާސްގެ މުޖާހިދުން އެ މީހުންނާ މެދު އަމަލު ކޮށްފައި ވަނީ އިންސާނިއްޔަތު ކަމާއެކު ކަމަށެވެ.

ޙަމާސްގެ ޖިހާދާ ގުޅިގެން ޣައްޒާގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ކުރަމުން ދިޔަ މަޝްވަރާތައް މެދުކެނޑިފައި އޮތް ނަމަވެސް, މަޝްވަރާތައް އަލުން ފެށުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. މަޝްވަރާތައް މެދުކެނޑިފައި ވަނީ, ސުލްޙަވުމުގެ ނިޔަތް ޔަހޫދީންގެ ކިބައިގައި ނެތުމުންނެވެ. އަދި, މަޝްވަރާތަކަށް އެ މީހުން ހުރަސް އަޅާތީއެވެ.

ނަމަވެސް, މަޝްވަރާތަކުގެ އައު ބުރެއް އަލުން ފެށުމަށް, މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު މަޝްވަރާތައް ވިލަރެސް ކުރާ ޤަޠަރާއި މިޞްރުން ދަނީ މަސައްކަތް ފަށަމުންނެވެ. ކުރިއަށް އޮތް ހަފުތާގައި ވާހަކަތައް އަލުން ފަށާނެ ކަން, އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ހާމަކޮށްފައިވެއެވެ. އޭނާ ބުނީ, ޙަމާސްގެ އަތްދަށުގައި ތިބި ރަހީނުން މިނިވަން ކުރަން މަޝްވަރާތަކުގައި މަސައްކަތް ކުރާނެ ކަމުގައެވެ.

ނަމަވެސް, ނިރުބަވެރި ނަތަންޔާހޫގެ މި ބަސްތައް އިސްރާއީލުގެ ޢާންމު ރައްޔިތުން ވެސް ބަލައެއް ނުގަނެއެެވެ. އަދި, އޭނާގެ ސަރުކާރާ ދެކޮޅަށް އެތަކެއް ސަތޭކަ ހާސް ބަޔަކު ދަނީ އިސްރާއީލުގެ ވެރިރަށް ތެލް އަވީވުގައި މުޒާހަރާ ކުރަމުންނެވެ. އެ މީހުން ބުނަނީ, އަސީރުން މިިނިވަން ކުރަން ހައްދުފަހަނަ އެޅި ނަތަންޔާހޫ މަސައްކަތް ނުކުރާ ކަމުގައެވެ. އަދި, އޭނާގެ ހަމައެކަނި ބޭނުމަކީ ޣައްޒާއިން ވީހާ ވެސް ގިނަ ޢަދަދެއްގެ މުސްލިމުން ޝަހީދު ކޮށްލުން ކަމުގައެވެ.

މީގެ ނުވަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 39,145އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 90,257އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.