ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓްގައި ރޭ ހަމަނުޖެހުންތަކަކާ ހެދި ދެ ގަޑިއިރަށް މެދުކަނޑާލަންޖެހުނު މެޗުގައި މޮރޮކޯ އަތުން 2-1 އިން އާޖެންޓީނާ ބަލިވެއްޖެއެވެ.
ސެއިންޓް އެޓިއެންގައި ހުންނަ ސްޓޭޑް ޖެފްރޯއީ-ގިޗާޑްގައި ރޭ ކުޅުނު މި މެޗުގައި މައްސަލަ ގޯސްވީ، މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު 2-1 އިން މޮރޮކޯ ލީޑްގައި އޮއްވާ، މެޗު ނިމެންދަނިކޮށް އިތުރުވަގުތުގެ 16 ވަނަ މިނެޓުގެ ތެރޭގައި އާޖެންޓީނާ އިން ލަނޑެއްޖަހައި، އެއްވަރުކުރުމާ ގުޅިގެން ސަޕޯޓަރުން ދަނޑަށް އެރުމުންނެވެ.
އެކަމާ ހަމަނުޖެހުން އުފެދުމުން، މެޗުގެ ކުޅުން މެދުކަނޑާލިއިރު، ވީއޭއާރް އިން ބެލުމަށްފަހު އާޖެންޓީނާގެ ކްރިސްޓިއަން މެޑީނާ ކާމިޔާބުކުރި ލަނޑު، ރެފްރީ ވަނީ އޮފްސައިޑްކަމަށް ނިންމާ، ބަލައިނުގަނެފައެވެ. އެއަށްފަހު މެޗުގެ ބާކީބައި ދެ ގަޑިއިރުގެ މެދުކެނޑުމަކަށްފަހު ކުޅުނީ ސަޕޯޓަރުންނާ ނުލައި، ހުސް ދަނޑެއްގައެވެ.
މި މެޗުގައި މޮރޮކޯ އިން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ސޫފިއާން ރަހީމީ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ރަހީމީ ކާމިޔާބުކުރީ ބިލާލް އެލް ހަންނޫސް ދިން ބޯޅައަކުންނެވެ. އޭގެފަހުން، ފަހު ހާފުގެ ކުރީކޮޅު ރަހީމީ އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދިނީ ލިބުނު ޕެނަލްޓީއަކުންނެވެ.
އާޖެންޓީނާ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖިއުލިއާނޯ ސިމިއޯނީ އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ހޫލިއޯ ސޮލެއާ ދިން ބޯޅައަކުންނެވެ. އާޖެންޓީނާގެ ކުރީގެ ލެޖެންޑް އަދި އެތުލެޓިކޯ މެޑްރިޑްގެ ކޯޗު، ޑިއޭގޯ ސިމިއޯނީގެ ދަރިފުޅު، ޖިއުލިއާނޯ ސިމިއޯނީ ކުޅެން ނިކުތީ ފަހު ހާފުގެ ކުރީކޮޅު އެވެ.
މި އަހަރުގެ އޮލިމްޕިކްސްގައި އާޖެންޓީނާ އަށް ދެން އޮތީ އިރާގާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. މި ގްރޫޕުގައި އާޖެންޓީނާ އާއި މޮރޮކޯ އަދި އިރާގުގެ އިތުރުން ދެން އޮތީ ޔޫކްރޭނެވެ.
މީގެކުރީން، އާޖެންޓީނާ ވަނީ 2004 އާއި 2008 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ފިރިހެނުންގެ ފުޓްބޯޅައިގައި ރަން މެޑެލް ހާސިލްކޮށްފައެވެ. މިފަހަރުގެ އޮލިމްޕިކްސް އަށް އާޖެންޓީނާ ނިކުތީ މީގެ 15 ވަރަކަށް އަހަރުކުރީން އެ ޓީމުން ރަން މެޑެލް ހޯދިއިރު ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދިޔަ ޑިފެންޑަރު، ހަވިއޭ މަޝަރާނޯގެ އިރުޝާދުގެ ދަށުންނެވެ.
އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓްގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ފްރާންސުން ވަނީ 3-0 އިން އެމެރިކާ ބަލިކޮށްފައެވެ. މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ކެޕްޓަން، އަލެކްސެންޑާ ލަކަޒޭ، މައިކަލް އޮލީސޭ އަދި ލޮއިކް ބާޑޭ އެވެ. ސްޕެއިނުން 2-1 އިން އުޒްބެކިސްތާން އަތުން މޮޅުވިއިރު، ޖަޕާނުން ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޕެރަގުއޭ ބަލިކޮށްފައެވެ.