ސޫރިޔާގެ ރައީސް ބައްޝާރް ހާފިޛް އަލް-އަސަދު ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ވަޑައިގަންނަވައި އެ ޤައުމުގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުމުގައި ޕުޓިން ވަނީ ސޫރިޔާއާއި ތުރުކީވިލާތާ ދެމެދު ހީނަރުވެފައިވާ ގުޅުންތައް އަލުން ރުޖޫޢަ ކުރުމަށް އަސަދަށް ބާރު އަޅުއްވާފައެވެ. އަދި, އަސަދު ވަނީ ސޫރިޔާއަށް ބޮން އަޅަމުންދާ ޒަޔަނިސްޓު އިސްރާއީލްގެ ހައްދުފަހަނަ އެޅި ޔަހޫދީ ފައުޖު މައިތިރި ކުރުމުގައި ރަޝިޔާގެ އެހީތެރި ކަމަަށް އެދިވަޑައިގަންނަވާފައެވެ.
ރަޝިޔާއަކީ ސޫރިޔާގެ އެންމެ ގާތް އެއް އެކުވެރިޔާގެ ގޮތުގައި ބެލެވެއެވެ. 12 އަހަރަށް ދެމިގެންދިޔަ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވެ ރަޝިޔާއިން ސޫރިޔާގެ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަސަދުގެ ސަރުކާރު ވައްޓައިލެވިފައި ނުވަނީ ރަޝިޔާގެ އެހީތެރިކަމާ އެކުގައި ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.
ރަޝިޔާގެ ރިޔާސީ ގަނޑުވަރު, ކްރެމްލިނުން ބުނީ ދެ ބޭފުޅުންގެ ބައްދަލު ކުރެއްވުމުގައި ބައިނަލްއަޤުވާމީ މަސްރަޙާއި ސަރަޙައްދީ ސުލްޙައާއި ހަމަޖެހުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަން އަސަދު ހުށަހެޅުއްވި ކަމުގައެވެ. އަދި, އެ ކަންކަމާ ގުޅޭ ގޮތުން އަސަދުގެ ޚިޔާލު ޕުޓިންއާ ހިއްސާ ކުރެއްވި ކަމަށާއި, އެ ޚިޔާލުތަކާ މެދު ޝައުޤުވެރިވާ ކަމަށް ޕުޓިން ވިދާޅުވެފައިވާ ކަމުގައެވެ.
"ހިތާމައަކީ [ބައިނަލްއަޤުވާމީ މައިދާނުގެ އިތުރުން ސަރަޙައްދުގެ] ކުރިމަގު ފެންނަނީ ނުތަނަވަސް ކަމާއި ހަމަނުޖެހުމަކާ ދިމާލަށް ފިޔަވަޅު އަޅަމުންދާ މަންޒަރު. އޭގެ ތެރޭގައި ސޫރިޔާގެ މަސްރަޙު ވެސް ހިމެނޭ،" ޕުޓިން ވިދާޅުވިއެވެ. ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާނާ ބައްދަލު ކުރައްވަން ޕުޓިން އަސަދަށް ބާރު އަޅުއްވާފައި ވަނީ, އެ ދެ ޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސް ކަން ހައްލު ކުރެއްވުމުގެ ބޭނުމުގައެވެ. ސޫރިޔާގެ ދާާޚިލީ ހަނގުރާމައިގައި ތުރުކީވިލާތުން ވަނީ އަސަދުގެ ސަރުކާރާ ދެކޮޅަށް ހަތިޔާރު އުފުލި ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
2011ވަނަ އަހަރު ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށުމާ އެކު ތުރުކީވިލާތުން ސޫރިޔާއާ އެކު ބާއްވަމުން ދިޔަ ގުޅުންތައް ކަނޑައިލިއެވެ. ސޫރިޔާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކޮށްފައި ވަނީ ޓެރެރިސްޓުން ކަމަށް އަސަދު ދެކެވަޑައިގަންނަވާއިރު, ޕުޓިން ބޭނުން ވަނީ ސޫރިޔާއާއި ތުރުކީވިލާތާ ދެމެދު އޮތް ނުތަނަވަސް ކަމަށް ނިމުމެއް ގެންނަވާށެވެ. އަންނަ އޮގަސްޓު މަހު އަސަދާއި އުރުދުޣާނާ ދެމެދު ބައްދަލުވުމެއް ބާއްވާނެ ކަމަށް ދާދިފަހުން މީޑިޔާތަކުގައި ރިޕޯޓު ކޮށްފައިވެއެވެ. ނަމަވެސް, ތުރުކީވިލާތުގެ ޚާރިޖީ ވުޒާރާގެ އޮފިޝަލަކު ވަނީ އެ ޚަބަރު ދޮގު ކުރައްވާފައެވެ.
ޕުޓިންއާއި އަސަދާ ދެމެދު ބޭއްވެވި ވާހަކަތަކުގައި ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޢުދުވާނެއް ހިންގަމުންދާ ޒަޔަނިސްޓު އިސްރާއީލުގެ ޔަހޫދީ ފައުޖު މައިތިރި ކުރުމުގައި ޕުޓިންގެ އެހީތެރި ކަމަށް އަސަދު އެދިވަޑައިގަންނަވާފައިވޭތޯ ސުވާލު ކުރުމުން ކްރެމްލިންގެ ތަރުޖަމާނު ދިމިތްރީ ޕިސްކޯފް ވިދާޅުވީ, ސަރަޙައްދީ ސުލްޙައާއި ހަމަޖެހުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމުގައެވެ. "ތިޔަ ސުވާލު ކުރެއްވި ގިނަ ކަންކަމާ މެދު ދެ ބޭފުޅުން މަޝްވަރާ ކުރެއްވި. ބުނެދެވޭނީ އެ ވަރަށް،" ޕިސްކޯފް ވިދާޅުވިއެވެ.
އިސްރާއީލުގެ ހައްދުފަހަނަ އެޅި ޔަހޫދީ ފައުޖު މައިތިރި ކުރުމުގައި ޕުޓިންގެ އެހީތެރި ކަމަށް އަސަދު އެދިވަޑައިގަންނަވާފައި މި ވަނީ, ސޫރިޔާގެ މިނިވަންކަމާއި ސިޔާދަތަށް ބެލުމެއް ނެތި ޔަހޫދީ ފައުޖުން އެ ޤައުމުގެ ވެރިރަށް ދިމިޝްޤާއި އެހެން ރަށްތަކަށް ރަޙުމު ކުޑަ ޙަމަލާތަކެއް އަމާޒު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޔަހޫދީން ސޫރިޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަންނަމުން ދިޔަ ނަމަވެސް, ހުޅަނގަށް އެއީ އެއްވެސް މައްސަލައަކަށް ނުވެއެވެ.