ޚަބަރު

ތިމަރަފުއްޓަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް ސާރވޭކުރަނީ


ވޭތުވެދިޔަ ތިންދުވަހު ރާއްޖެއަށް ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ކޮޅުމަޑުލު ތިމަރަފުށީގެ ގެތަކަށް ލިބިފައިވާ ގެއްލުން ދެނެގަތުމައްޓަކައި ސާރވޭކުރުމުގެ މަސައްކަތް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ފަށްޓަވައިފިއެވެ.

މިވިއްސާރައިގައި ތިމަރަފުށީގެ 70 ގެއަކަށް ވަނީ އެކިވަރުގެ ގެއްލުންވެފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ކޮޅުމަޑުލު އަތޮޅު ކައުންސިލުގެ ތިމަރަފުށީ ދާއިރާގެ މެންބަރ ޙަސަން ޒަރީރު ވިދާޅުވީ، ތިމަރަފުށީގައި ބޮޑުވި ފެން މިހާރު ވަރަށް ބޮޑަށް ހިކިފައިވާކަމަށާއި، ވިއްސާރައިގައި ގެއްލުން ލިބުނު ގެތައް ސާފުކުރުމުގެ މަސައްކަތް އެގެތަކުގެ ރައްޔިތުން މިހާރު ކުރަމުންދާކަމަށެވެ. މީގެ ތެރެއިން 6 ގެއަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާއިރު، ގިނަ ގެތަކުގެ ހިފާގެންގުޅޭ ބައްސާމާނާއި، ގޭގޭގެ ފަރުނީޗަރ ހަލާކުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުން ލިބޭ ފަރާތްތަކަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވަނީ ވިދާޅުވެފައެވެ. މިހާރު ހަދަމުންދާ  އެސެސްމެންޓް ނިމުމުން އެ ޢާއިލާތަކަށް ފޯރުކޮށްދެއްވަންޖެހޭ މާލީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށެވެ.

ތިމަރަފުށީގައި އިތުރަށް ފެންބޮޑުވެދާނެކަމަށްޓަކައި މޫދަށް ފެންދާހެން ކޯރުކަނޑާފައެވެ. ތިމަރަފުށި ހިމެނޭ ސަރަޙައްދަށް މިހާރު ބަނަކޮށްދެއްކި ނަމަވެސް މިއަދު އެރަށަށް ވާރޭ ވެހިފަނުވެއެވެ. އެންމެ ބޮޑަށް ގެއްލުންވި ތިމަރަފުށްޓަށް އެމްއެންޑީއެފާ ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.