ޚަބަރު

ސްރީލަންކާގެ ރިޔާސީ އިންތިޚާބު ސެޕްޓެންބަރު 21އަށް ތާވަލު ކޮށްފި


ސްރީލަންކާގެ ރިޔާސީ އިންތިޚާބު ސެޕްޓެންބަރު މަހުގެ 21ވަނަ ދުވަހު ބާއްވަން ތާވަލު ކޮށްފިއެވެ. އެ ޤައުމުގެ އިންތިޚާބުތަކާ ބެހޭ އިދާރާއިން ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚު އިޢުލާނު ކޮށްފައި މި ވަނީ, މާލީ ހާލަތު ގޯސްވެ, އެ ޤައުމަށް އިޤުތިޞާދީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ސެޕްޓެންބަރުގައި ބާއްވާ އިންތިޚާބު ކާމިޔާބު ކުރާ ކެނޑިޑޭޓެއްގެ އެންމެ ބޮޑު ޒިންމާއަކަށް ވެގެން ދާނީ, ވަޅުގަނޑަކަށް ވެއްޓިފައިވާ އިޤުތިޞާދު ދިރުވައި, ކޮޅަށް ޖެހުމެވެ.

ސްރީލަންކާގެ އިންތިޚާބުތަކާ ބެހޭ އިދާރާއިން ވަނީ, ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް ކެނޑިޑެސީ ހުށަހެޅުމުގެ ފުރުޞަތު އޮގަސްޓު 15އާ ހަމައަށް ހުޅުވައިލާފައެވެ. އެ ފުރުޞަތު ހުޅުވައިލުމާ އެކު, އެންމެ ފުރަތަމަ ވެސް ކެނޑިޑެސީ ފޯމު ހުށަހަޅުއްވާފައިވާ ބޭފުޅަކީ ރައީސް ރަނިލް ވިކްރަމަސިންހައެވެ. 75 އަހަރުގެ ވިކްރަމަސިންހަ ރައީސް ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަތީ 2022 ޖުލައިގައި, އެ މަޤާމު ފުރުއްވަމުން ގެންދެވި ގޮތަބަޔަ ރާޖަޕަކްސަ އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.

ރައީސް ކަމުގެ މަޤާމަށް ވިކްރަމަސިންހަ އިންތިޚާބު ކޮށްފައި ވަނީ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުންނެވެ. އޭނާއާ އެ މަޤާމު ހަވާލު ކޮށްފައި ވަނީ, 2019ވަނަ އަހަރުގެ ނޮވެންބަރު މަހު ވެރިކަމާ ހަވާލުވި ރާޖަޕަކްސަގެ ސަރުކާރުގެ ދައުރުގެ ބާކީ އޮތް މުއްދަތަށެވެ. ރާޖަޕަކްސަ އިސްތިޢުފާ ދެއްވާފައި ވަނީ, އޭނާގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން ކުރި ބޮޑެތި މުޒާހަރާތަކާ ގުޅިގެން ޤައުމު ދޫކޮށް ވަޑައިގެންނެވުމަށް ފަހުއެވެ.

"ރިޔާސީ އިންތިޚާބު އިޢުލާނު ކޮށްފައި މި ވަނީ ސްރީލަންކާއަށް ވަރަށް މުހިންމު ދަނޑިވަޅެއްގައި. މިއީ, ޑިމޮކުރަސީއަށް ވެސް ވަރަށް މުހިންމު ވަގުތެއް. އަވަހަށް މިިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވިގެން ދިޔުމަކީ މި ވަގުތު ޤައުމަށް އޮތް އެންމެ ރަނގަޅު ގޮތް،" ސިޔާސީ މަސްރަޙު ދިރާސާ ކުރައްވާ މާހިރެއް ކަމުގައިވާ ބަވާނި ފޮންސޭކާ ވިދާޅުވިއެވެ. ސްރީލަންކާގެ 22 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން 17 މިލިޔަން މީހުންނަށް އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.

ސްރީލަންކާގެ އިޤުތިޞާދު ހަމައަކަށް އެޅުވުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފު)ން ވަނީ އެ ޤައުމަށް 2.9 ބިލިޔަން އެމެރިކާ ޑޮލަރުގެ ލޯނެއް ދީފައެވެ. އަދި, ވިކްރަމަސިންހަގެ ސަރުކާރުން ވަނީ, އިންފްލޭޝަން ރޭޓު ނުވަތަ ތަކެތީގެ އަގުތައް 70 އިންސައްތައަށް އުފުލިގެން ދިޔަ ދަނޑިވަޅެއްގައި އައިއެމްއެފްގެ އެހީތެރިކަމާ އެކު އިންފްލޭޝަން ރޭޓު 1.5 އިންސައްތައަށް ތިރި ކޮށްފައެވެ.

2023ވަނަ އަހަރު ސްރީލަންކާގެ އިޤުތިޞާދީ ދުވެލި 2.3 އިންސައްތަ ދަށަށް ދިޔައެވެ. އަދި, މާލީ ކާރިސާގެ ތެރެއިން އިޤުތިޞާދީ ކުރިއެރުން 7.3 އިންސައްތައަށް ވެއްޓިގެން ދިޔައެވެ. ނަމަވެސް, މާލީ އިދާރާތަކުގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި އެ ޤައުމުގެ އިޤުތިޞާދު މި އަހަރު 3 އިންސައްތައިން ކުރިއަރާނެއެވެ.

ސްރީލަންކާގެ ބޭރުގެ ދަރަނި 34.8 ބިލިޔަން އެމެރިކާ ޑޮލަރަށް (އޭޕްރިލް 2022އާ ހަމައަށް) އުފުލިފައިވާއިރު, އޭގެ ތެރެއިން 10 ބިލިޔަން އެމެރިކާ ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ޖަޕާނާއި ޗައިނާގެ އިތުރުން އިންޑިޔާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އިތުރު 12.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ސްރީލަންކާއިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ކުރިއަށް އޮތް އިންތިޚާބުގައި އިދިކޮޅު ލީޑަރު ސަޖިތް ޕްރޭމަދާސައާއި ޤާނޫނު ހަދާ މަޖިލީހުގެ ރައީސް, އަދި ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ) ޕާޓީގެ ވެރިޔާ އަނުރަ ކުމާރަ ދިސާނަޔަކަ ވާދަ ކުރައްވާނެ ކަމަށް ބެލެވެއެވެ. އެ ދެ ބޭފުޅުން ވެސް ވަނީ, އައިއެމްއެފް ބެއިލްއައުޓް ޕުރޮގުރާމު އިތުރަށް ހަރުދަނާކޮށް, ދިރިއުޅުމުގެ ޚަރަދުތައް ތިރި ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ވަޢުދުވެފައެވެ.