ފަލަސްޠީނުގެ ޣައްޒާގައި ހަލުވިކަމާ އެކު ޕޯލިޔޯ ޖައްސާ ވައިރަސް ފެތުރެން ފެށުމާ ގުޅިގެން, ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ޕޯލިޔޯ ވެކްސިންގެ 1 މިލިޔަން ޑޯޒް އެ ސަހަރަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ. ޣައްޒާގައި ވެކްސިން ޖަހައިދިނުމުގެ ކެމްޕޭނެއް ފެށުމަށް ތައްޔާރުވަމުންދާ ކަން ހާމަކުރައްވައި އެ ޖަމުޢިއްޔާގެ ޑިރެކްޓަރ-ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ވިދާޅުވީ, މި ކެމްޕޭނުގެ އަމާޒަކީ ޕޯލިޔޯ ވައިރަސްގެ ނުރައްކާތެރި ކަމުން ޣައްޒާގެ ކުޑަކުދިން ސަލާމަތް ކުރުން ކަމުގައެވެ.
"އެެއްވެސް އިންސާނެއްގެ ހަށިގަނޑުން ޕޯލިޔޯ ވައިރަސްގެ އަސަރު ފެނިފައި ނެތް ނަމަވެސް, ވަގުތުން ފިޔަވަޅުތައް އަޅައިގެން މެނުވީ, ޣައްޒާގެ އެތަކެއް ހާސް ކުޑަކުދިންނަށް ރައްކާތެރި ކަން ކަށަވަރުކޮށެއް ނުދެވޭނެ،" ޓެޑްރޯސް ވިދާޅުވިއެވެ. ޕޯލިޔޯގެ ނުރައްކާތެރި ކަން އެންމެ ބޮޑީ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނަށް ކަމަށާއި, އުމުރުން ދެ އަހަރުން ދަށުގެ ކުދިންގެ ހަށިގަނޑަށް އެ ބަލީގެ ވައިރަސްގެ އަސަރު ކޮށްފި ނަމަ, އެ ކުދިންގެ ފުރާނައަށް ނުރައްކާވުމުގެ ބިރު އޮތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޣައްޒާގައި ޕޯލިޔޯ ވައިރަސް ފެތުރެން ފަށާފައި ވަނީ, 2023ވަނަ އަހަރުގެ އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ. އެ ޢުދުވާނާ އެކު ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ޞިއްޙީ ނިޒާމު ފުނޑުފުނޑު ކޮށްލާފައެވެ. ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކަށް ރަޙުމު ކުޑަ ޙަމަލާތައްދީ, އެ ތަންތަން ވަނީ ސުންނާތި ކޮށްލާފައެވެ.
މި ކަމާ ގުޅިގެން, ސާފުތާހިރުވެވޭނެ މަގުތައް ޣައްޒާގެ ރައްޔިތުންނަށް ވަނީ ބަންދުވެފައެވެ. ނަރުދަމާ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު, ސާފު ބޯފެން ލިބޭނެ ގޮތެއް ވެސް ނެތެވެ. ހަށިގަނޑުގެ ގުނަން ގުނަނަށް ޕޯލިޔޯ ވައިރަސްގެ ސަބަބުން ޖެހޭ ނުރައްކާތެރި ބަލީގެ ސަބަބުން އެ ގުނަންތަކުގެ ބާރު ނެތިކޮށްލައެވެ.
ޣައްޒާގެ ފެނުގެ ނިޒާމުން ފެނިފައި ވަނީ ވެކްސިންގެ ފުށުން ފެތުރޭ ޕޯލިޔޯ ވައިރަސް ޓައިޕް 2އެވެ. އެ ވައިރަހަކީ ތަޣައްޔަރުވެފައިވާ ފެނުގެ ޒަރީއާއިން ފެތުރުމުގެ ގާބިލު ކަން ލިބިފައިވާ ވައިރަހެކެވެ. 1988ވަނަ އަހަރު ދުނިޔޭގައި ފެށި ޕޯލިޔޯ ވެކްސިން ކެމްޕޭނުގެ ދަށުން އެ ބަލީގެ ކޭސްތަކުގެ ޢަދަދު 99 އިންސައްތައަށް ދަށް ކުރެވައިފައިވާ ކަން ފާހަގަ ކުރެވެއެވެ.
ޣައްޒާއިން ޕޯލިޔޯ ވައިރަސް ފެނުމާ ގުޅިގެން އިތުރު ދިރާސާތައް ހެދުމަށް ޑަބްލިޔުއެޗްއޯއާއި އދގެ ކުޑަކުދިންނާ ބެހޭ ފަންޑު ކަމުގައިވާ ޔުނިސެފުން ދަނީ ތައްޔާރުވަމުންނެވެ. ޣައްޒާ އަދި ހުޅަނގު އައްސޭރިއަށް ކަނޑައަޅާފައި ހުންނަވާ ޑަބްލިޔުއެޗްއޯގެ އިސް އޮފިޝަލެއް ކަމުގައިވާ އަޔާދިލް ސަޕަރްބެކޮވް ވިދާޅުވީ, މި ހިނގާ ހަފުތާގެ ތެރޭގައި އެ އިދާރާތަކުގެ އޮފިޝަލުން ޣައްޒާއަށް ދަތުރު ކުރާނެ ކަމުގައެވެ. އަދި, ބޮޑުކަމުދާ ތަކެތީގެ ސާމްޕަލް ނަގައި ތަހުލީލު ކުރާނެ ކަމުގައެެވެ.
ޣައްޒާއިން ޕޯލިޔޯ ވައިރަސް ފެނިފައިވާ ކަމަށް ރިޕޯޓު ކުރުމާ ގުޅިގެން, އެ ސަހަރަށް އަރައިގަނެ ގަތުލުއާންމު ހިންގަމުންދާ ޔަހޫދީ ފައުޖުގެ ސިފައިންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ޔަހޫދީ ސަރުކާރުން ވެސް ވަނީ ފަށާފައެވެ. އަދި, ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އެހީތެރިކަމާ އެކު ޣައްޒާގެ މިލިޔަނަކަށް ވުރެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯދާފައިވާ ކަމުގައި ވެސް ޔަހޫދީން ބުންޏެވެ.
ޕޯލިޔޯގެ އިތުރުން ނުރައްކާތެރި އެހެން ބަލިތަކުގެ ވައިރަސްތަކާއި ޖަރާސީމު ޣައްޒާގައި ފެތުރެމުންދާ ކަން އދއިން ހާމަކުރެއެވެ. މި ގޮތުން ހެޕަޓައިޓިސް އޭ, ޑައިސެންޓްރީ އަދި ގޭސްޓްރިޔޯއެންޓެރިޓިސް ފަދަ ބަލިތައް ފަތުރާ ވައިރަހާއި ޖަރާސީމު ޣައްޒާގައި ފެތުރެމުންދާ ކަމަށް ބުނެ, ދާދިފަހުން އދއިން ވަނީ އިންޒާރު ކޮށްފައެވެ. މިއާ އެކު, ލާއިންސާނީ ޢުދުވާނާ ގުޅިގެން ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.3 މިލިޔަން މުސްލިމުންނަށް މި ވަނީ އިތުރު ނުރައްކަލަކާ ކުރިމަތިލާން ޖެހިފައެވެ.