ފަލަަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ވަގުތުން ހުއްޓައިލުމަށް ޔަހޫދީންގެ މަދަދުގާރުން ކަމުގައިވާ އޮސްޓްރޭލިޔާއާއި ކެނެޑާއިން ގޮވައިލައިފިއެވެ. ޔަހޫދީންގެ އިސްރާއީލާ އެކު ސިޔާސީ ގުޅުން ގާއިމުކޮށްފައިވީ ނަމަވެސް, ޣައްޒާ ޢުދުވާނާ ދެކޮޅު ކަން މީގެ ކުރިން ވެސް ހާމަކޮށްފައިވާ ނިއު ޒިލެންޑުން ވެސް ވަނީ އޮސްޓްރޭލިޔާ އަދި ކެނެޑާގެ ގޮވައިލުންތަކުގައި ބައިވެރިވެފައެވެ.
އދގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ން ހުސްވި ހަފުތާގައި އިސްރާއީލާ ދެކޮޅަށް ނެރުނު އިރުޝާދީ ލަފައަށް ޖަވާބުދާރީ ވުމަށް ވެސް އެ ތިން ޤައުމުގެ ވެރިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ގޮވައިލާފައިވެއެވެ. ދުނިޔޭގެ ކޯޓުގެ ފަނޑިޔާރުން ނެރުއްވި އިރުޝާދީ ލަފާގައި ބުނެފައި ވަނީ, ޔަހޫދީން ފަލަސްޠީނުގެ ބިންތަކަށް ވެރިވަގަނެފައި ވަނީ, އަދި ފަލަސްޠީނުގެ މުސްލިމުން އަޅުވެތި ކޮށްފައި ވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ކަމުގައެވެ.
"އިސްރާއީލުން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުންތައް އަޑުއަހަން ޖެހޭނެ،" އޮސްޓްރޭލިޔާ, ކެނެޑާ އަދި ނިއު ޒިލެންޑުގެ ގުޅިފައިވާ ބަޔާނުގައި ބުނެފައިވެއެވެ. "ޢާންމު ރައްޔިތުންގެ ފުރާނައަށް ފާރަވެރިވެ, އެ މީހުންގެ ފުރާނައަށް ނުރައްކާވިޔަ ނުދިނުމަކީ ބައިނަލްއަޤުވާމީ ޤާނޫނުން ލާޒިމު ކުރާ ކަމެއް. [ޣައްޒާގައި ވެރިކަން ކުރާ] ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައި [ޔަހޫދީ ފައުޖުން] ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ އަގު ފަލަސްޠީނުގެ ޢާންމު ރައްޔިތުން އަދާ ކުރާކަށް ނުޖެހޭނެ. މި ކަން ހުއްޓަން ޖެހޭ."
މީގެ އިތުރުން, ހައްދުފަހަނަ އެޅި ޔަހޫދީން ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ރަޙުމު ކުޑަ ޙަމަލާތައް ހުއްޓުވުމަށް ވެސް އެ ތިން ޤައުމުގެ ވެރިން ވަނީ ޒަޔަނިސްޓު ދަޢުލަތުގެ މައްޗަށް ގޮވައިލާފައެވެ. އަދި, ވެރިވެގަނެފައިވާ ހުޅަނގު އައްސޭރީގައި ވަޒަންވެރި ކުރުވާފައިވާ ޔަހޫދީން އެ ބިންތަކުން ބާލައި, ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ގާއިމު ކޮށްދިނުމަށް ވެސް އެ ތިން ޤައުމުން ވަނީ ގޮވައިލާފައެވެ.
ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތައް މިނިވަން ކުރުމަށް ގޮވައިލައި ދުނިޔޭގެ ކޯޓުގެ ފަނޑިޔާރުން ދެއްވި އިރުޝާދީ ލަފައަށް ޖަވާބުދާރީވުމަށް އެ ތިން ޤައުމުގެ ވެރިން ގޮވައިލާފައިވާއިރު ޔަހޫދީން ވަނީ އައިސީޖޭގެ ގޮވައިލުމަށް ގޮންޖަހާފައެވެ. ޔަހޫދީންގެ ޚާރިޖީ ވުޒާރާއިން ބުނީ ދުނިޔޭގެ ކޯޓުގެ ފަނޑިޔާރުން ދީފައި ވަނީ ވަކި އަތަކަށް ބުރަވެފައިވާ ލަފައެއް ކަމުގައެވެ. އަދި, ބަޔަކު ގޮވައިލާ ގޮވައިލުމަކަށް އިޖާބަ ނުދޭނެ ކަމަށާއި, ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ގާއިމު ކުރެވޭނީ އެ ކަމާ މެދު ދެ ފަރާތުގެ ދެމެދުގައި މަޝްވަރާ ކޮށްގެން ކަމުގައި ވެސް ޔަހޫދީންގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ. ނަމަވެސް, ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ގާއިމު ކޮށްދިނުމާ ދެކޮޅަށް ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލިސް, ކްނެސެޓުން ދާދި ފަހުން ވަނީ ޤަރާރެއް ފާސް ކޮށްފައެވެ.
އޮސްޓްރޭލިޔާއާއި ކެނެޑާގެ އިތުރުން ނިއު ޒިލެންޑުން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކުރަމުންދާ މުސްލިމުންގެ ޢަދަދު އެތަކެއް ހާހަކަށް އުފުލިފައިވާތީ, އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކޮށްފައިވެއެވެ. އަދި, ޔަހޫދީންގެ ޢުދުވާނާ ގުޅިގެން ސަރަޙައްދީ ހަނގުރާމައެއް ފެށުމުގެ ބިރު ހީވެފައިވާ ކަން ވެސް ފާހަގަ ކުރިއެވެ.
އެ ތިން ޤައުމުން ގުޅިގެން ޔަހޫދީންނާ ދެކޮޅަށް ބަޔާނެއް ނެރެފައި މި ވަނީ, ނޮވެންބަރު މަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަ ކުރައްވާނެ ކަމަށް ބެލެވޭ, ނައިބު ރައީސް ކަމަލާ ހެރިސް ވެސް ޢުދުވާންތައް ހުއްޓައިލަން ޔަހޫދީންނަށް ބާރު އަޅުއްވާފައިވާ ދަނޑިވަޅެއްގައެވެ. ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލު ކުުރައްވައި ވާހަކަފުޅު ދައްކަވަމުން ހެރިސް ވަނީ ޢުދުވާން ހުއްޓައިލައި, ފަލަސްޠީނުގެ ޢާންމުންނަށް އަނިޔާ ދިނުން ހުއްޓައިލަން ނިރުބަވެރި ނަތަންޔާހޫއަށް ގޮވައިލައްވާފައެވެ.
ޔަހޫދީން ފަލަސްޠީނުގެ ބިންތައް ކަމުގައިވާ ހުޅަނގު އައްސޭރިއާއި, ޣައްޒާގެ އިތުރުން އިރުމަތީ ބައިތުލްމަޤްދިސަށް ވެރިވެގަނެފައި ވަނީ 1967ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައިގައެވެ. އެއަށް ފަހު, އިސްރާއީލުން ދަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް މުސްލިމުންގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަމުންނެވެ. ނަމަވެސް, އެ ކަން ހުއްޓުވަން އިނގިލި ކުރި ހިތްލައިލަން ކެރޭ ވެރިއަކު ދުނިޔޭގެ އެއްވެސް ޤައުމަކުން ފެންނާކަށް ނެތެވެ. ޔަހޫދީންނާ ދެކޮޅަށް ތެދުވެފައި ވަނީ ލުބްނާންގެ ޙިޒްބުاللهގެ އިތުރުން ޔަމަނާއި, ޢިރާޤާއި ސޫރިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތައް އެކަންޏެވެ.