ޚަބަރު

ކުންފުނި ހަރުދަނާކުރުމަށް ކުރާ މަސައްކަތުގައި ދެމިއޮންނާނަން: މިފްކޯ


  • މިކަމުގައި ރައީސްއަށް ކުންފުނީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ

  • އިސްރާފު ކުޑަކުރުމަށް ރައީސް ދެއްވާ އަހައްމިޔަތު ވަނީ ފާހަގަކޮށްފައި

މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ފެއްޓެވި މަސައްކަތުގައި އެ ކުންފުނި އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވައިފިއެވެ. މިފްކޯއިން މި ޔަޤީންކަން ވަނީ ރައީސަށާއި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރާއި ސިނާއަތުގެ ހިއްސާދާރުންނަށާއި، ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވާފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެންމެ ފުރަތަމަ ހަމަމަގަށް އަޅުވަން މަސައްކަތް ފެއްޓެވީ މިފްކޯގެއެވެ. މިއީ މިފްކޯއަށް ލިބުނު ވަރަށް ބޮޑު ފަހުރެއްގެ ގޮތުގައި އެ ކުންފުނިން ވަނީ ސިފަކޮށްފައެވެ. އެކަމަށްޓަކައި ކުންފުނީގެ ބޯޑާއި، މެނޭޖުމެންޓުގެ އިތުރުން، މުވައްޒަފުންގެ ފަރާތުން ވަނީ ރައީސްއަށް ޝުކުރު ދަންނަވާފައެވެ.

ކުންފުނީގެ ހިންގުން ހަރުދަނާކުރުމާއި، އިސްރާފު ކުޑަކުރުމަށް ރައީސް ދެއްވާ އަހައްމިޔަތުކަން ފާހަގަކުރާކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. ޚާއްސަކޮށް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ތެރޭގައި މަސައްކަތްކުރާ އެއްވެސް ފަރާތަކާ ގުޅުމެއް ނެތް، އެހެން ނަމަވެސް ދުނިޔޭގެ ފެންވަރުގެ ކުންފުނިތައް ހިންގަވާފައިހުރި، ކަމުގެ ތަޖުރިބާކާރު ބޭފުޅަކާ މިފްކޯގެ ހިންގެވުން ހަވާލުކުރައްވަން ރައީސް ޑރ. މުޢިއްޒު ނިންމެވުމަކީ، މި ކުންފުނިން ދެކޭގޮތުގައި ވަރަށް ހިތްވަރުފުޅުގަދަ ނިންމެވެއް ކަމުގައި މިފްކޯއިން ވަނީ ފަހަގަކޮށްފައެވެ. އަދި އެއީ ސިނާއަތުގެ ތެރޭގައި ހުރި ނޭދެވޭ ކަންކަން ހުއްޓުމަކަށް ގެނައުމަށް އެމަނިކުފާނު ދެއްވާ ޚާއްސަ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މިފްކޯ ހަމަ މަގަށް އެޅުވުމަށްޓަކައި މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، ކުންފުނީގެ އެފިޝިންޓްކޮށް ހިންގުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން މިފްކޯއިން ވަނީ ފާހަގަކޮށްފައެވެ.

މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށް ސިނީއަރ މެނޭޖްމަންޓުގެ މުސާރަތައް ކުޑަކުރުމަށް ނިންމާފައިވާކަންވެސް އެކުންފުނިން ދާދިފަހުން ވަނީ ހާމަކޮށްފައެވެ.