ޚަބަރު

ދޮންޏެސްކުގެ އިތުރު އަވަށެއް ރަޝިޔާގެ ބާރުގެ ދަށަށް


ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގެ ސަރަޙައްދެއް ކަމުގައިވާ ދޮންޏެސްކުގެ އިތުރު އަވަށަކަށް ރަޝިޔާ ސިފައިން އަތްގަދަ ކޮށްފިއެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ އެ ޤައުމުގެ ސިފައިން އަތްގަދަ ކޮށްފައި ވަނީ ލޮޒުވެޓްސްކޭއަށް ކަމުގައެވެ. އެ ސަރަޙައްދަށް ރަޝިޔާ ސިފައިން އަތްގަދަ ކޮށްފައި ވަނީ, އެ ރަށް ދިފާޢު ކުރަން މަސައްކަތް ކުރަމުން ދިޔަ ޔޫކްރެއިންގެ ފައުޖުތަކާ ދެމެދު ހިނގި ވަރުގަދަ ކުރިމަތިލުންތަކަކަށް ފަހުއެވެ.

ރަޝިޔާ ސިފައިން ލޮޒުވެޓްސްކޭއަށް އަތްފަދަ ކޮށްފައިވާ ކަން ޔޫކްރެއިންގެ އަސްކަރިއްޔާއިން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ނަމަވެސް, އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ ރަޝިޔާގެ ފައުޖުތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާ ކަމުގައި ޔޫކްރެއިންގެ އަސްކަރިއްޔާގެ ޖެނެރަލް ސްޓާފުން ހާމަ ކުރިއެވެ.

ދޮންޏެސްކުގެ ބޮޑު ސަރަޙައްދެއް މިހާރު ވެސް އޮތީ ރަޝިޔާގެ އަތްދަށުގައެވެ. އަދި, ބާކީ އޮތް ސަރަޙައްދުތަކަށް އަތްގަދަ ކުރަން ރަޝިޔާގެ ފައުޖުން މަސައްކަތް ކުރަމުންދާތާ މަސްތަކެއް ފާއިތުވެއްޖެއެވެ. ނަމަވެސް, ޔޫކްރެއިންގެ ދިފާޢާ ގުޅިގެން އެ ކަމުގެ ދުވެލި ވަނީ މަޑު ޖެހިފައެވެ. ފެބުރުވަރީ މަހު ރަޝިޔާއިން ވަނީ ދޮންޏެސްކުގެ ބޮޑު ރަށެއް ކަމުގައިވާ އަވްދީވްކާއަށް ވެސް އަތްގަދަ ކޮށްފައެވެ.

މީގެ އިތުރުން, ޕޯކްރޮވްސްކު ސަރަޙައްދަށް އަތްގަދަ ކުރަން ރަޝިޔާގެ ފައުޖުން މަސައްކަތް ކުރަމުންދާ ކަމުގައި ޔޫކްރެއިންގެ އަސްކަރިއްޔާއިން ހާމަކުރިއެވެ. އެ ސަރަޙައްދު ދިފާޢު ކުރުމާ ގުޅޭގޮތުން ރައީސް ވޮލޮޑޮމީރް ޒެލެންސްކީ, އަސްކަރިއްޔާގެ އިސް ކޮމާންޑަރު އޮލެގްސާންދްރަ ސިރްސްކީއާ ދާދިފަހުން މަޝްވަރާ ކުރެއްވިއެވެ. އެ ސަރަޙައްދަށް އަރައިގަންނަން ރަޝިޔާގެ ފައުޖުން 17 ފަހަރަކު މަސައްކަތް ކޮށްފައިވާ ކަމަށާއި, ނަމަވެސް ޔޫކްރެއިންގެ ފައުޖުން އެ ސަރަޙައްދު ދިފާޢު ކޮށްފައިވާ ކަމުގައި ވެސް ޔޫކްރެއިންގެ އަސްކަރިއްޔާގެ ޖެނެރަލް ސްޓާފުން ހާމަކުރިއެވެ.

ޔޫކްރެއިންގެ ވެރިރަށް ކީވްގެ އިތުރުން މީހުން ދިރިއުޅޭ ބޮޑެތި ރަށްތަކަަށް ވެސް ރަޝިޔާއިން ދަނީ ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ. ރަޝިޔާއިން އެންމެ ފަހުން ދީފައިވާ ޙަމަލާތަކުގައި ޢާންމުންގެ ފަސް މީހުން މަރުވި ކަމުގައި ޔޫކްރެއިނުން ބުންޏެވެ. އޭގެ ތެރެއިން ތިން މީހުން މަރުވީ ދެކުނުގައި އޮންނަ ޚަރްސަނުގެ ރަށެއް ކަމުގައިވާ ބެރިސްލާވަށް ދިން ޙަމަލާތަކެއްގައެވެ.

2022 ފެބުރުވަރީ 24ގައި ފެށި ހަނގުރާމައިގެ ކުރީކޮޅު ރަޝިޔާގެ ފައުޖުތަކުން ވަނީ ޚަރްސަންގެ ބޮޑު ބަޔަކަށް އަތްގަދަ ކޮށްފައެވެ. ނަމަވެސް, ޔޫކްރެއިންގެ ސިފައިން ވަނީ ރައްދު ޙަމަލާގެ ކެމްޕޭނެއް ފަށައި, އެ ސަރަޙައްދު މިނިވަން ކޮށްފައެވެ. އޭގެ ފަހުން ރަޝިޔާއިން ދަނީ އެ ރަށަށް ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ.

ޚަރްސަންގެ އިތުރުން އިރުއުތުރުގައި އޮންނަ ސޫމީއަށް ރަޝިޔާއިން ދިން ޙަމަލާތަކެއްގައި 14 އަހަރުގެ ފިރިހެން ކުއްޖަކު މަރުވެ, އިތުރު 12 މީހުން ޒަޚަމުވި ކަމުގައި ޔޫކްރެއިނުން ބުންޏެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ސޫމީގެ ކުޑަ ރަށެއް ކަމުގައިވާ ހްލޫހިވްގައި ޢާންމުން ދިރިއުޅޭ ގެއަކާއި, އެޕާޓްމަންޓް ޢިމާރާތަކާއި މަދަރުސާއަކަށެވެ. އެ ޙަމަލާގައި ހަ ކުޑަކުދިން ޒަޚަމުވި ކަމުގައި ވެސް ޔޫކްރެއިނުން ބުންޏެވެ. ފަސްވަނަ މީހާ މަރުވެފައި ވަނީ, ޔޫކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ރަށް ޚަރްކިވް ސަރަޙައްދަށް ރަޝިޔާއިން ދިން ޙަމަލާއެއްގައެވެ. ޚަރްކިވްގެ ސަރަޙައްދީ ގަވަރުނަރު އޮލެހް ސިންޔެހުބޮވް ވިދާޅުވީ ރަޝިޔާގެ ޙަމަލާތަކުގައި ޗުހުއިވްގައި ޢާންމުން ދިރިއުޅޭ ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައެވެ.

ޔޫކްރެއިނުން ވެސް ދަނީ ރަޝިޔާގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. ދެ ޤައުމުގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ރަޝިޔާގެ ބިޔެލްގޮރޮދުގެ ގަވަރުނަރު ވިޗެސްލާވް ގްލަޑްކޯފް ވިދާޅުވީ, އެ ސަރަޙައްދުގައި ޢާންމުން ދިރިއުޅޭ ގެއަކަށް އަމާޒުކޮށް ޔޫކްރެއިނުން ދިން ޑްރޯން ޙަމަލާއެއްގައި އެކަކު މަރުވެ, އިތުރު ދެ މީހުން ޒަޚަމުވި ކަމުގައެވެ. އަދި, ޢާންމުން ދިރިއުޅޭ އިތުރު އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައެވެ.

މީގެ އިތުރުން, ރަޝިޔާގެ ކޫރްސްކް ސަރަޙައްދަށް ވެސް ޔޫކްރެއިނުން ވަނީ ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ކޫރްސްކްގައި ހުންނަ ތެޔޮ ރައްކާ ކުރާ ގުދަންތަކެއް ހުރި ސަރަހައްދަކަށެވެ. އެ ޙަމަލާތަކާ ގުޅިގެން ތެޔޮ ރައްކާ ކުރާ ތިން ޓޭންކަށް ގެއްލުންވެ, ބޮޑު އަލިފާންގަނޑެއް ރޯވި ކަމުގައި އެ ސަރަޙައްދުގެ ގަވަރުނަރު އަލެކްސީ ސިމެރްނޯފް ވިދާޅުވިއެވެ. އެ ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ. އަދި, ގިނަ އިރުތަކެއް ނުވެ, އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމުގައި ވެސް ސިމެރްކޯފް ވިދާޅުވިއެވެ.