ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ ވަރަށް އަރިސް މީހެއް ކަމުގައި ވިދާޅުވެ, ނޮވެންބަރުގައި ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެ ނަމަ, ޔަހޫދީންގެ މަސްލަޙަތު ޙިމާޔަތް ކުރުމުގައި ދެމިހުންނަވާނެ ކަމުގެ އިޝާރާތެއް ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. އޭނާގެ އެ މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ ނިރުބަވެރި ނަތަންޔާހޫއާ ފްލޮރިޑާގައި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަަވަމުންނެވެ.
އެ ބައްދަލު ކުރެއްވުމަށް ފަހު ޓްރަމްޕް ވަނީ, އިންތިޚާބުގައި އޭނާއާ ވާދަ ކުރައްވާނެ ކަމަށް ބެލެވޭ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު, ނައިބު ރައީސް ކަމަލާ ހެރިސަށް ބަހުގެ ޙަމަލާތަކެއް އަމާޒު ކުރައްވާފައެވެ. ޓްރަމްޕާ ބައްދަލު ކުރުމުގެ ކުރިން ހައްދުފަހަނަ އެޅި ނަތަންޔާހޫ ވަނީ ރައީސް ޖޯ ބައިޑަނާއި ހެރިސާ ބައްދަލު ކޮށް, މަޝްވަރާތައް ބާއްވާފައެވެ.
ނިރުބަވެރި ނަތަންުޔާހޫއާ އެކު ބޭއްވި ބައްދަލުވުމުގައި ހެރިސް ވަނީ, ޔަހޫދީ ފައުޖުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކުރަމުންދާ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންގެ ޢަދަދުތައް އިންތިހާއަށް އިތުރުވެފައިވާތީ އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެ ކަމަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ ހެރިސް ދައްކަވާފައި ވަނީ ވަރަށް އިޙުތިރާމު ކުޑަ ވާހަކަތަކެއް ކަމުގައެވެ.
ނަތަންޔާހޫއާ ބައްދަލު ކުރައްވައި ހެރިސް ދެއްކެވި ވާހަކަފުޅާ ގުޅިގެން, އޭނާގެ ވެރި ކަމެއްގައި މެދުއިރުމަތީގެ ސުލްޙައާ މެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމުގެ އިޝާރާތެއް ލިބިގެން ދިޔަ ކަމަށް ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.
"ޣައްޒާގެ ރައްޔިތުން ތަޙައްމުލު ކުރަމުންދާ އިންސާނީ ހާލަތާ މެދު އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރިން. އެ ކަމާ މެދު ވާހަކަ ނުދައްކައި ނުހުންނާ ނަން. އަމިއްލަ ދިފާޢުގައި މަސައްކަތް ކުރުމުގެ ޙައްޤު އިސްރާއީލަށް ލިބިގެންވޭ. ނަމަވެސް, މީގައި މުހިންމީ އެ ކަން ހާސިލު ކުރަން އަމަލު ކުރާ ގޮތް،" ހެރިސް ވިދާޅުވިއެވެ. ހެރިސް އެ މޭރުމުން ވާހަކަފުޅު ދެއްކެވުމުން ނަތަންޔާހޫ ސަރުކާރުގެ އިސްވެރިންނަށް އެ ކަން ހަޖަމެއް ނުވިއެވެ.
ޓްރަމްޕާއި ނަތަންޔާހޫ ބައްދަލު ކޮށްފައި މި ވަނީ, ދެ މީހުންގެ މެދުގައި ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. މައްސަލަ ގޯސްވީ, 2020ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކާމިޔާބީ ހޯއްދެވުމާ ގުޅިގެން ނަތަންޔާހޫ ބައިޑަނަށް މަރުޙަބާ ކިޔުމާ ގުޅިގެންނެވެ. ޓްރަމްޕް ތުހުމަތު ކުރައްވާ ގޮތުގައި ޑިމޮކްރެޓިކް ޕާޓީން އިންތިޚާބު ކާމިޔާބުު ކޮށްފައި ވަނީ އޮޅުވައިލައިގެންނެވެ.
އޭގެ ފަހުން ވެސް ޓްރަމްޕް ނަތަންޔާހޫއަށް ފާޑު ވިދާޅުވެފައިވެއެވެ. 2023 އޮކްޓޫބަރު 7ގައި ޔަހޫދީންގެ އަޅުވެތިކަމާ ދެކޮޅަށް ތެދުވެ, ޣައްޒާގެ މުޖާހިދުން އިސްރާއީލުގެ ރަށްތަކަށް ޙަމަލާ ދީފައި ވަނީ ނަތަންޔާހޫގެ ސަރުކާރުގެ ނާގާބިލު ކަމުން ކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވިއެވެ. ނަމަވެސް, ހައްދުފަހަނަ އެޅި ނަތަންޔާހޫއާ ބައްދަލު ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ, ދެ މީހުންގެ މެދުގައި އެއްވެސް ނުތަނަވަސް ކަމެއް ނެތް ކަމުގައެވެ.
"އަޅުގަނޑުމެން ދެ މީހުންގެ މެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް،" ޓްރަމްޕް ވިދާޅުވިއެވެ. އޭނާގެ ވެރިކަމުގައި އިސްރާއީލުގެ ވެރިރަށް ތެލް އަވީވުގައި ހުރި އެމެރިކާގެ އެމްބަސީ, ޔަހޫދީން ވެރިގަނެފައިވާ ފަލަސްޠީނުގެ ބައިތުލްމަޤްދިސަށް ބަދަލު ކުރަން ޓްރަމްޕް ނިންމަވާފައިވެއެވެ. އަދި, އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ ނިއުކްލިޔަރ އެއްބަސްވުމުން އެމެރިކާ ވަކިވެފައި ވަނީ ވެސް ޓްރަމްޕްގެ ވެރި ކަމުގައެވެ. މިއީ, ނަތަންޔާހޫއާއި ޔަހޫދީން ރުއްސަން ޓްރަމްޕް ގެންނަވާފައިވާ ބަދަލުތަކެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.
ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއިން ފެންނަނީ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ތެރެއިން ޓްރަމްޕާއި ހެރިސަށް ތާޢީދު ކުރާ މީހުންގެ ޢަދަދު ވަރަށް އެއްހަމަކޮށް އުޅޭ މަންޒަރެވެ. ނޮވެންބަރު 5ގައި ބާއްވާ އިންތިޚާބު ވަރަށް ވާދަވެރިވާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. މި ކަމަށް ބަލައި, ނަތަންުޔާހޫ ދަނީ ދެ ޕާޓީއާ އެކު ވެސް ގާތް ގުޅުންތަކެއް ބާއްވަން މަސައްކަތް ކުރަމުންނެވެ.
ފާހަގަކޮށްލަން ޖެހޭ އެންމެ މުހިންމު ނުކުތާއަކީ, އެމެރިކާއަކީ ޔަހޫދީންގެ އެންމެ ގާތް މަދަދުގާރުކަމެވެ. އަދި, އެމެރިކާއިން މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތަކާ ނުލައި ޣައްޒާގެ މުސްލިމުން ޝަހީދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ކުރިއަށް ގެންދިޔުމަށް ހުރަސް އެޅޭނެ ކަމެވެ.
ސުލްޙަ ގާއިމުކޮށް, ޢުދުވާންތައް ހުއްޓުވަން މަސައްކަތް ކުރަމުންދާ ކަން ދެއްކުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާއިރު, ޣައްޒާގެ މުސްލިމުންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދެމުންދާ ރަޙުމު ކުޑަ ޙަމަލާތައް މެދުކެނޑުނަ ނުދޭން ވެސް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް, ހެރިސްގެ ސަރުކާރަކުން މި ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ފެނިގެން ގޮސްދާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.