ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި, މިޔަންމާގެ އަސްކަރީ ސަރުކާރުން ހިންގަމުންދާ ގަތުލުއާންމުތަކާއި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ މެދު އިރުދެކުނު އޭޝިޔާގެ ޤައުމުތަކުގެ ގުޅުން (އާސިޔާނު)ން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ އިއްތިހާދުން މި ކަންކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައި ވަނީ, ލާއޯސްގައި ކުރިއަށްދިޔަ އެ އިއްތިހާދުގެ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައެވެ.
ލާއޯސްގައި ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ދިޔަ ސަމިޓުގައި އެމެރިކާއާއި, ރަޝިޔާގެ އިތުރުން ޗައިނާގެ އޮފިޝަލުން ވެސް ބައިވެރިވިއެވެ. އެ ބައްދަލުވުމުގައި އާސިޔާނުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވާ މައްސަލައަކީ, މިޔަންމާގެ އަސްކަރީ ސަރުކާރުން އެ ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުތަކުގެ މައްސަލައެވެ. އާސިޔާންގެ ޚާރިޖީ ވަޒީރުން ވަނީ ހަމަނުޖެހުންތައް ހުއްޓައިލައި ސުލްޙައިގެ މަޝްވަރާތައް ފެށުމަށް މިޔަންމާގެ އަސްކަރީ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރި ޖަމާޢަތްތަކަށް ގޮވައިލާފައެވެ.
"މިޔަންމާގެ ޢާންމު ރައްޔިތުންނާއި ޢުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. އަދި, ޙަމަލާތައް ވަގުތުން ހުއްޓައިލައި, ހަމަނުޖެހުންތަކަށް ނިމުމެއް ގެނައުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވައިލަން،" އާސިޔާންގެ ޚާރިޖީ ވަޒީރުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން, ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި, ޣައްޒާ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ސަބަބުން ކުށެއް ނެތް ޢާންމުންގެ ފުރާނައަށް ނުރައްކާވަމުންދާ މިންވަރު އިތުރުވެފައިވާ ކަން ފާހަގަކޮށް, އެ މައްސަލަތަކަށް ސުލްޙަވެރި ހައްލުތަކެއް ހޯދުމަށް ވެސް އާސިޔާނުން ގޮވައިލާފައިވެއެވެ. އަދި, ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާ މެދު އުފެދިފައިވާ މައްސަލަ ނުތަނަވަސް ކަމަކަށް ބަދަލުވެފައިވާ ކަން ފާހަގަކޮށް, ހަމަނުޖެހުމަކަށް ތަން ނުދިނުމަށް ފިޔަވަޅުތަކެއް އެޅުމަށް ވެސް އެ އިއްތިހާދުގެ ޚާރިޖީ ވަޒީރުންގެ ބަޔާނުގައި ގޮވައިލިއެވެ.
އާސިޔާންގެ ރިޔާސަތު ބަލަހައްޓާ ލާއޯސްގެ ޚާރިޖީ ވަޒީރު ސަލިއަމްސައި ކޮމަސީތް ވިދާޅުވީ, އެ ޤައުމުގައި ކުރިއަށް ދިޔަ ސަމިޓުގައި ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މަސްރަޙުގައި އުފެދިފައިވާ މައްސަލަތަކާ މެދު ވަރަށް ފުޅާ ދާއިރެއްގައި ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު ކަމުގައެވެ. މަޝްވަރާތަކުގައި އެންމެ ބޮޑަށް އަލިއަޅުވައިލާފައި ވަނީ ސަރަޙައްދީ ސުލްޙައާއި ހަމަޖެހުމުގެ އިތުރުން ރައްކާތެރި ކަމަށް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.