ޚަބަރު

ޚާމަންއީގެ ރުހުމާ އެކު ޕީޒިޝްކިޔާން ހުވައި ކުރައްވަނީ


އީރާނުގެ ރޫހީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަންޢީ, އެ ޤައުމުގެ އިންތިޚާބީ-ރައީސް މަސްޢޫދު ޕީޒިޝްކިޔާނަށް ރުހުން ދެއްވައިފިއެވެ. ޚާމަންއީގެ ރުހުން ލިބުމާ އެކު, ޖުލައި 30ވަނަ ދުވަހު އީރާނުގައި ރައީސް ކަމުގެ މަޤާމު ހުވައި ކުރައްވައި, އެ މަޤާމުގެ މަސްއޫލިއްޔަތުތަކާ ޕީޒިޝްކިޔާން ހަވާލުވެ ވަޑައިގަންނަވާނެއެވެ.

މި މަހު ކުރީކޮޅު އީރާނުގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޕީޒިޝްކިޔާނަކީ މެދުމިނުގެ ސިޔާސަތުތަކަށް ތާޢީދު ކުރައްވާ ބޭފުޅެކެވެ. ރައީސް ކަމުގެ މަޤާމަށް އޭނާ އިންތިޚާބުވެފައި ވަނީ, އީރާނުގެ ޚާރިޖީ ސިޔާސަތު މުރާޖަޢާ ކުރައްވައި, އީރާނުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމުގެ ވަޢުދާ އެކުގައެވެ.

ޕީޒިޝްކިޔާން އީރާނުގެ ރައީސް ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަންނަވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި, އެ ޢުދުވާނާ ގުޅިގެން ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ޙަމަލާތައް ބަދަލު ކުރަމުންދާ ވަގުތެއްގައެވެ. ޙިޒްބުاللهއަކީ އީރާނުން ވާގިވެރިވާ ޖަމާޢަތެކެވެ.

ޣައްޒާ ޢުދުވާނާ ގުޅިގެން ޙިޒްބުاللهން ޔަހޫދީންނަށް ޙަމަލާ ދޭން ފެށުމުން, ޔަހޫދީ ފައުޖުން ވެސް ވަނީ ލުބްނާނަށް ރަޙުމު ކުޑަ ވައިގެ ޙަމަލާތަކެއް ދޭން ފަށާފައެވެ. ޔަހޫދީން ވެރިވެގަނެފައިވާ ސޫރިޔާގެ އަލް-ޖޫލާންގެ އުސް ބިންތަކުގައި ދިރިއުޅޭ ޔަހޫދީންނަށް ރޮކެޓު ޙަމަލާތަކެއްދީ, އޭގެ ތެރެއިން 12 މީހަކު މަރައިލި ހާދިސާގެ ޒިންމާ ޔަހޫދީ ފައުޖުން އަޅުވާފައި ވަނީ ޙިޒްބުاللهގެ ކޮނޑުގައެވެ. ނަމަވެސް, އެ ޖަމާޢަތުން އެ ތުހުމަތު ދޮގު ކުރެއެވެ. އަދި, އީރާނުން ވަނީ ލުބްނާނާ ދެކޮޅަށް ހަނގުރާމައެއް ފެށުމާ މެދު ޔަހޫދީންނަށް އިންޒާރު ކޮށްފައެވެ.

ޕީޒިޝްކިޔާނަށް ރުހުން ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚާމަންޢީ ވަނީ ޒަޔަނިސްޓު އިސްރާއީލާ ދެކޮޅަށް އަޑު އުފުއްލަވާފައެވެ. "ޒަޔަނިސްޓުންގެ ވެރިކަން [އިސްރާއީލަކީ] ދަޢުލަތެއް ނޫން. އެއީ ކުށްކުރާ މީހުންގެ ގުރޫޕެއް. ގާތިލުންތަކެއް. ނިރުބަވެރިންގެ ޖަމާޢަތެއް،" ޚާމަންޢީ ވިދާޅުވިއެވެ.

ރައީސް ކަމުގެ މަޤާމާ ޕީޒިޝްކިޔާން ހަވާލުވެ ވަޑައިގެންނެވި ނަމަވެސް, ދަޢުލަތުގެ އެންމެ މަތީ ބާރުތައް ދެމިއޮންނަނީ ޚާމަންޢީގެ ކިބައިގައެވެ. އަދި, ޔަހޫދީންނާ ދެކޮޅަށް ހަތިޔާރު އުފުލާފަައިވާ ޖަމާޢަތްތަކަށް ވާގިވެރިވުމާ ގުޅޭ ނިންމުންތައް ނިންމަނީ އެ ޤައުމުގެ އިންގިލާބީ ލަޝްކަރުންނެވެ. އެއީ, ޚާމަންޢީއަށް ޖަވާބުދާރީވާ ލަޝްކަރެކެވެ.

ނަމަވެސް, ޕީޒިޝްކިޔާންގެ ވެރިކަމުގައި އީރާނާއި ހުޅަނގުގެ ބާރުތައް, ޚާއްޞަކޮށް އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަން ފިނި ކުރައްވާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ. އަދި, އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅިގެން ހުޅަނގުން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް ލުއިކޮށް, އީރާނަށް އިޤުތިޞާދީ ކުރިއެރުން ހޯއްދަވައި ދެއްވަން ހަރުދަނާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ބެލެވެއެވެ.

ހައްދުފަހަނަ އެޅި ޔަހޫދީންނާއި ޔަހޫދީ ދައުލަތާ ދެކޮޅަށް ހަތިޔާރު އުފުލާފައިވާ ޖަމާޢަތްތަކުގެ މައްޗަށް އެކުލެވިގެންވާ އެކްސިސް އޮފް ރެސިސްޓެންސަކީ އީރާނުން އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތްތަކެއް ކަމަށް ހުޅަނގުން ތުހުމަތު ކުރެއެވެ. އޭގެ ތެރޭގައި ޙިޒްބުاللهގެ އިތުރުން ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ހިމެނެއެވެ. އެ ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އީރާނުން ދެމި އޮންނާނެ ކަމުގައި ޕީޒިޝްކިޔާން ވަނީ ވިދާޅުވެފައެވެ.