ޚަބަރު

ލުބްނާނަށް ޙަމަލާ ދޭން ޔަހޫދީންގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފި


ޔަހޫދީން ވެރިވެގަނެފައިވާ ސޫރިޔާގެ އަލް-ޖޫލާންގެ އުސްބިންތަކަށް ދިން ރޮކެޓް ޙަމަލާއެއްގައި ޔަހޫދީންގެ 12 މީހުން މަރުވުމުން އެ ޙަމަލާގެ ބަދަލު ހިފުމަށް ލުބްނާނަށް ޙަމަލާ ދޭން ޔަހޫދީންގެ ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. ރޮކެޓް ޙަމަލާ ދީފައި ވަނީ މިޖްދަލް ޝަމްސްގައި އޮންނަ ދްރޫޒީ އަވަށުގެ ފުޓުބޯޅަ ދަނޑަކަށެވެ. ޔަހޫދީންނާއި އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ވެސް ތުހުމަތު ކުރާ ގޮތުގައި އެ ޙަމަލާގެ ފަހަތުގައި އޮތީ ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهއެވެ.

މިޖްދަލް ޝަމްސަށް ދީފައިވާ ޙަމަލާއަކީ, 2023 އޮކްޓޫބަރު 7ގައި ފަލަސްޠީނުގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށި ފަހުން އެ ސަރަޙައްދަށް ދީފައިވާ އެންމެ ނުރައްކާތެރި ޙަމަލާއެވެ. އެ ޙަމަލާގެ ޒިންމާ ޙިޒްބުاللهގެ ކޮނޑުގައި އަޅުވަން ޔަހޫދީންނާއި އެމެރިކާއިން މަސައްކަތް ކުރި ނަމަވެސް, ޙިޒްބުاللهން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފައެވެ.

މިޖްދަލް ޝަމްސަށް ދިން ޙަމަލާގެ ބަދަލު ހިފާނެ ކަމުގައި ޔަހޫދީން ކުރިން ވެސް ވަނީ އިންޒާރު ކޮށްފައެވެ. އަދި, ޔަހޫދީންގެ ކެބިނެޓުން މިހާރު ވަނީ "އެންމެ ރަނގަޅު ވަގުތެއްގައި އެންމެ އެކަށީގެންވާ ވަސީލަތްތައް [ހަތިޔާރު] ބޭނުންކޮށްގެން" ލުބްނާނަށް ޙަމަލާ ދިނުމުގެ ހުއްދަ, ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދީފައެވެ. އެ ޙަމަލާގެ ރައްދުގައި ޔަހޫދީ ފައުޖުން ޖުލައި 28ވަނަ ދުވަހު ވެސް ލުބްނާންގެ ޢާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކަށް ވައިގެ ޙަމަލާތަކެއް ދިނެވެ.

ނަމަވެސް, ކެބިނެޓުގެ ރުހުމާ އެކު, ޔަހޫދީ ފައުޖުން ލުބްނާނަށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ބެލެވެއެވެ. މިޖްދަލް ޝަމްސަށް ދީފައިވާ ޙަމަލާގެ ޒިންމާ އެމެރިކާއިން ވެސް އަޅުވާފައި ވަނީ ޙިޒްބުاللهގެ ކޮނޑުގައެވެ. "އެ ޙަމަލާ ދިނީ ލުބްނާންގެ ޙިޒްބުاللهން. އެއީ, އެ މީހުންގެ [ޙިޒްބުاللهގެ] ރޮކެޓެއް. އެ ރޮކެޓު އުދުއްސައިލާފައި ވަނީ އެ މީހުންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދަކުން،" އެމެރިކާގެ ރިޔާސީ ގަނޑުވަރު, ވައިޓް ހައުސުން ނެރުނު ބަޔާނެއްގައި ތުހުމަތު ކުރިއެވެ.

ޣައްޒާ ޢުދުވާނާ ގުޅިގެން ޙިޒްބުاللهގެ މުޖާހިދުންނާއި ޔަހޫދީ ފައުޖާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް ހުއްޓުމަކަށް ގެނައުމަށް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި, ދެ ފަރާތުގެ ދެމެދުގައި ނުރައްކާތެރި ހަނގުރާމައެއް ފެށުމުގެ ބިރު ހީވުމާ އެކު, އެ ކަން ހުއްޓުވަން ޔަހޫދީންނާއި ލުބްނާންގެ ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ. މިޖްދަލް ޝަމްސަށް ޙަމަލާ ދިނުމަށް ޙިޒްބުاللهން ބޭނުން ކޮށްފައި ވަނީ އީރާނުން އުފައްދާފައިވާ ރޮކެޓެއް ކަމުގައި ވެސް ޔަހޫދީން ތުހުމަތު ކުރެއެވެ. އެ ތުހުމަތުތަކާ ގުޅިގެން އީރާނުން ވަނީ ލުބްނާނަށް ޙަމަލާ ދިނުމާ ދެކޮޅަށް ޔަހޫދީ ފައުޖަށް އިންޒާރު ދީފައެވެ.

މިޖްދަލް ޝަމްސަށް ދިން ރޮކެޓް ޙަމަލާއާ ގުޅިގެން އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ވިދާޅުވީ, ނޮވެންބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަ ކުރައްވާނެ ކަމަށް ބެލެވޭ ނައިބު ރައީސް ކަމަލާ ހެރިސް ޔަހޫދީންނަށް ފުރިހަމައަށް ތާޢީދު ކުރުމުގައި ދެމި ހުންނަވާނެ ކަމުގައި ވިދާޅުވެފައިވާ ކަމުގައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވީ, ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަން ސަރަޙައްދީ ހަމަނުޖެހުމަކަށް ބަދަލުވާން އެމެރިކާއިން ނޭދޭ ކަމުގައެވެ. ޔަހޫދީންގެ މަދަދުގާރެއް ކަމުގައިވާ އިނގިރޭސިވިލާތުން ވެސް ވަނީ މިޖްދަލް ޝަމްސަށް ދިން ޙަމަލާ ކުށްވެރި ކޮށްފައެވެ. އަދި, މިޞްރުން ބުނީ, އެ ޙަމަލާއާ ގުޅިގެން ސަރަޙައްދީ ހަމަނުޖެހުމެއް ފެށުމުގެ ބިރު އިތުރުވެފައިވާ ކަމުގައެވެ.

އެ ޙަމަލާގެ ބަދަލު ހިފުމަށް ޔަހޫދީ ފައުޖުން ތައްޔާރުވާން ފެށުމުން, ޙިޒްބުاللهން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެ ގޮތުން, ލުބްނާންގެ ދެކުނުގައި އޮންނަ ސަރަޙައްދުތަކާއި, އިރުމަތީ އަލް-ބިޤާޢު ވާދީގައި ދިރިއުޅޭ ޢާންމު ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ފަށާފައެވެ. އޭގެ އިތުރުން, ލުބްނާންގެ މިޑްލް އީސްޓަރން އެއަރލައިންސުން ވަނީ ބައެއް އުދުހުންތައް ފަސް ކޮށްފައެވެ.

ސޫރިޔާގެ ބިމެއް ކަމުގައިވާ ޖޫލާންގެ އުސް ބިންތަކަށް ޔަހޫދީން އަތްގަދަ ކޮށްފައި ވަނީ 1967ވަނަ އަހަރުގެ ހަ ދުވަހުގެ ހަނގުރާމައިގައެވެ. އަދި, 1981ވަނަ އަހަރު ޔަހޫދީން ވަނީ އެ ސަރަޙައްދަށް ވެރިވެގަނެ, އެއީ ޔަހޫދީންގެ ބިމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެއީ, ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ހިންގާފައިވާ އަމަލެކެވެ.