ޚަބަރު

ޔަހޫދީންނާ ދެކޮޅަށް ސިފައިން ފޮނުވަން ޖެހިދާނެ: އުރްދުޣާން


ޔަހޫދީންނާ ދެކޮޅަށް ސިފައިން ފޮނުވަން ޖެހިދާނެ ކަމަށް ވިދާޅުވެ ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ޔަހޫދީންނަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. ހައްދުފަހަނަ އެޅި ޔަހޫދީންނަށް އޭނާ އިންޒާރު ދެއްވާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން 2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ޔަހޫދީން ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގައެވެ.

ޔަހޫދީންގެ ސަރަޙައްދުތަކަށް ވަންނަން ޖެހިދާނެ ކަމަށް ވިދާޅުވެ އުރްދުޣާން އިންޒާރު ދެއްވި ނަމަވެސް, އެ ކަމުގެ ތަފުސީލެއް ހާމައެއް ނުކުރައްވައެވެ. ނަމަވެސް, މިސާލެއްގެ ގޮތުން ދެއްކެވީ, ލީބިޔާއާއި ދާލިކް-ކަރަބާއަށް ތުރުކީވިލާތުން ސިފައިން ފޮނުވި ޙާލަތްތަކެވެ. އުރްދުޣާނަކީ, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި ގަތުލުއާންމުތަކާ ދެކޮޅަށް އެންމެ ފާޅުކަން ބޮޑުކޮށް ހިތްހަމަނުޖެހުން ފާޅު ކުރައްވަމުން ގެންދަވާ އެއް ލީޑަރެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ވަރުގަދަ ވާން ޖެހޭނެ, އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ތާކުންތާކު ނުޖެހޭ އަމަލުތައް ހުއްޓުވަން. އަޅުގަނޑުމެން ކަރަބާއަށް އެރި ގޮތަށް, ލީބިޔާއަށް ވަތް ގޮތަށް, [އިސްރާއީލަށް] ވެސް އަރަން ޖެހިދާނެ. އެ ކަން އެ ގޮތަށް ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް،" އުރްދުޣާން ވިދާޅުވިއެވެ. އެއީ, ޔަހޫދީން ޖެހިލުން ވާން ޖެހޭ ފަދަ ނުރައްކާތެރި އިންޒާރެކެވެ.

އުރްދުޣާން މިސާލު ޖައްސަވާފައިވާ ހާދިސާތަކަށް ބަލައިލާއިރު, 2020ވަނަ އަހަރު ތުރުކީވިލާތުން ލީބިޔާއަށް ސިފައިން ފޮނުވާފައިވެއެވެ. އެއީ, އދން ބަލައިގަނެފައިވާ ލީބިޔާގެ އައު ސަރުކާރަށް ޙިމާޔަތް ދިނުމަށް ހިންގި އޮޕަރޭޝަނެއްގެ ދަށުންނެވެ. ލީބިޔާގެ ބޮޑުވަޒީރު ޢަބްދުލް ޙަމީދު އަލް-ދަބީބާގެ ގުޅިފައިވާ ސަރުކާރަށް ތުރުކީވިލާތުން ތާޢީދު ކުރެއެވެ. އޭގެ އިތުރުން ދާލިކް-ކަރަބާގައި އަޒަރްބައިޖާނުން ހިންގަމުންދާ އަސްކަރީ ޙަރަކާތަށް ތުރުކީވިލާތުން ދަނީ އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި އަޒަރްބައިޖާނަށް ހަތިޔާރު ފޯރުކޮށްދިނުން ހިމެނެއެވެ.

މީގެ ނުވަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 39,324އަށް އުފުލިފައެވެ. އޭގެ ތެރޭގައި 14,000އަށް ވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑުކުދިން ހިމެނޭއިރު, ވީނުވީއެއް ނޭނގި ގެއްލިފައިވާ ކުޑަކުދިންގެ ޢަދަދު 21,000އަށް އަރައެވެ. އަދި, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 90,830އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.