ޚަބަރު

ވެނެޒުއެލާގެ އިންތިޚާބުގައި މަދޫރޯއާއި އިދިކޮޅުން ވެސް ކާމިޔާބީ އިޢުލާނު ކޮށްފި


ވެނެޒުއެލާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ތިންވަނަ ދައުރަކަށް ވާދަކުރެއްވި ރައީސް ނިކޮލަސް މަދޫރޯ ކާމިޔާބީ އިޢުލާނު ކުރައްވައިފިއެވެ. މަދޫރޯ ކާމިޔާބީ އިޢުލާނު ކުރައްވާފައިވީ ނަމަވެސް, އޭނާއާ ވާދަ ކުރެއްވި އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓު އެދްމުންދޯ ގޮންޒާލޭޒް ވިދާޅުވީ ކާމިޔާބީ ލިބިވަޑައިގަތީ އޭނާއަށް ކަމުގައެވެ.

ވެނެޒުއެލާގެ އިންތިޚާބީ އިދާރާއިން ބުނީ ވޯޓުލީ މީހުންގެ 51 އިންސައްތަ ތާޢީދާ އެކު ކާމިޔާބީ ހޯއްދަވާފައި ވަނީ މަދޫރޯ ކަމުގައެވެ. ގޮންޒާލޭޒަށް ލިބިފައި ވަނީ ވޯޓުލީ 44 އިންސައްތަ މީހުންގެ ތާޢީދު ކަމުގައި ވެސް އެ އިދާރާގެ ވަގުތީ ނަތީޖާއިން ދައްކައެވެ. ނަމަވެސް, އިދިކޮޅު ސިޔާސީ އެންމެ އިސްވެރިޔާ މަރީނާ ކޮރީނާ މަޗާދޯ ވަނީ ނަތީޖާ ގަބޫލު ކުރައްވަން ދެކޮޅު ހައްދަވާފައެވެ. ވޯޓުލާފައިވާ މީހުންގެ މެދުގައި ނަގާފައިވާ އެގްޒިޓް ޕޯލްތަކުގެ ނަތީޖާތަކަށް އިޝާރާތްކޮށް މަޗާދޯ ވިދާޅުވީ, 70 އިންސައްތަ މީހުންގެ ވޯޓާ އެކު އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ ގޮންޒާލޭޒް ކަމުގައެވެ.

"ވެނެޒުއެލާގެ އިންތިޚާބީ-ރައީސަކީ އެދްމުންދޯ ގޮންޒާލޭޒް. އިންތިޚާބުގައި ކާމިޔާބީ ހޯދީ އަޅުގަނޑުމެން ކަން މުޅި ދުނިޔެ ވެސް ގަބޫލު ކުރޭ،" މަޗާދޯ ވިދާޅުވިއެވެ. ނަމަވެސް, މަގުތަކަށް ނިކުމެ, ހަމަނުޖެހުން ހިންގުމަށް ތާޢީދު ނުކުރައްވާ ކަމަށް ވިދާޅުވެ, ގޮންޒާލޭޒް ވަނީ އެ ފަދަ އަމަލުތައް ނުހިންގުމަށް އޭނާއަށް ތާޢީދު ކުރާ މީހުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަ ކުރައްވަން މަދޫރޯ ވަނީ ރިޔާސީ ގަނޑުވަރު ކައިރީގައި އޭނާއަށް ތާޢީދު ކުރާ މީހުންނާ ބައްދަލު ކުރައްވާފައެވެ. އެއީ, ވެނެޒުއެލާގެ ސުލްޙަމަސަލަސް ކަމާއި ހަމަޖެހުމަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ. އަދި, ޤައުމަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ގޮންޖެހުންތަކަށް ހައްލު ހޯދަން, ޤައުމީ މަޝްވަރާއެއް ވަރަށް އަވަހަށް ފަށްޓަވާނެ ކަން ވެސް އޭނާ އިޢުލާނު ކުރެއްވިއެވެ. މަދޫރޯއަށް ލިބުުނު ކާމިޔާބީ ފާހަގަ ކުރުމަށް އޭނާއަށް ތާޢީދު ކުރާ މީހުން ދަނީ ވެރިރަށް ކަރާކަސްގެ މަގުތަކުގައި އުފާ ފާޅު ކުރަމުންނެވެ.

އެޑިސަން ރީސަރޗުން ހަދާފައިވާ އެގްޒިޓް ޕޯލްގެ ނަތީޖާއިން ވެސް ފެނިގެން ގޮސްފައި ވަނީ ގޮންޒާލޭޒް ކާމިޔާބީ ހޯއްދަވާފައިވާ މަންޒަރެވެ. އެމެރިކާގެ އިންތިޚާބުތަކުގައި ވެސް ޚިޔާލު ހޯދުމާއި އެގްޒިޓް ޕޯލްތައް ހިންގާ އެޑިސަން ރީސަރޗުން ނެގި އެގްޒިޓް ޕޯލުގެ ނަތީޖާ ދައްކާ ގޮތުގައި ގޮންޒާލޭޒް ވަނީ 65 އިންސައްތަ ކާމިޔާބު ކުރައްވާފައެވެ. މަދޫރޯއަށް ތާޢީދުކޮށް ވޯޓުލާފައި ވަނީ 31 އިންސައްތަ މީހުން ކަމަށް ވެސް އެ ޕޯލްގެ ނަތީޖާއިން ފެނެއެވެ. ވެނެޒުއެލާގެ މެގަނަލިސިސުން ނަގާފައިވާ އެގްޒިޓް ޕޯލުގައި ބައިވެރިވި މީހުންގެ ތެރެއިން ވެސް 65 އިންސައްތަ މީހުން ބުނީ, ވޯޓުލާފައި ވަނީ ގޮންޒާލޭޒަށް ކަމުގައެވެ.

އެ ކަމާ ގުޅިގެން ބައެއް ބޭރު ޤައުމުތަކުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެ ކަމާ ގުޅޭ ގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވީ, ވެނެޒުއެލާގެ ރިޔާސީ އިންތިޚާބުގެ ވޯޓުގެ ނަތީޖާގައި ކަންބޮޑުވާން ޖެހޭ މައްސަލަތަކެއް ހުރި ކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ. އަދި, ނަތީޖާގެ ތަފުސީލީ މަޢުލޫމާތު ހާމަ ކުރުމަށް އޭނާ ވަނީ އެ ޤައުމުގެ އިންތިޚާބުތަކާ ބެހޭ އިދާރާއަށް ގޮވައިލައްވާފައެވެ.

އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދިޔަ ވަގުތު, އިދިކޮޅު އިއްތިޙާދުގެ އޮބްޒަރވަރުންނަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމުގައި އިދިކޮޅު ޕާޓީން ތުހުމަތު ކުރެއެވެ. އެ ގޮތުން, ވޯޓު ގުނުމުގެ މަސައްކަތްތައް އޮބްޒަރވް ކުރުމަށް އިދިކޮޅު އިއްތިޙާދުގެ އޮބްޒަރވަރުންނަށް ފުރުޞަތު ދީފައި ނުވާ ކަމަށާއި, ވޯޓުލުން ކުރިއަށް ދިޔަ ބައެއް މަރުކަޒުތަކުން އިދިކޮޅު ޕާޓީތަކުގެ އޮބްޒަރވަރުން ބޭރު ކޮށްފައިވާ ކަމުގައި ވެސް އެ ފަރާތުން ތުހުމަތު ކުރެއެވެ.

އެ ކަމާ މެދު ހިތްހަމަ ނުޖެހުން ފާޅު ކުރައްވަމުން މަޗާދޯ ވަނީ, އިންތިޚާބުގެ ނަތީޖާ ޙިމާޔަތްކޮށް ނަގަހައްޓަަން އަސްކަރިއްޔާއަށް ގޮވައިލައްވާފައެވެ. "އަސްކަރިއްޔާ އޮތް މެސެޖަކީ: ވެނެޒުއެލާގެ ރައްޔިތުން ބަސް ބުނެފި. އެ މީހުން ބޭނުން ވަނީ މަދޫރޯ ނޫން ގޮތެއް. މިއީ, ތާރީޚުގެ ރަނގަޅު ފަޅިއަށް ތިޔަ ބޭފުޅުން [ސިފައިން] އަރަންވީ ވަގުތު. އެ ފުރުޞަތު އެބައޮތް. އަދި, މިއީ އެ ކަަމުގެ ވަގުތު،" މަޗާދޯ ވިދާޅުވިއެވެ.

ނަމަވެސް, ފާއިތުވި ދެ ދައުރުގައި ވެސް މަދޫރޯ ވެރިކަން ކުރައްވަމުން ގެންދަވާފައި ވަނީ ވެނެޒުއެލާގެ އަސްކަރިއްޔާގެ ރުހުމާ އެކުގައެވެ. ބަސް ޑްރައިވަރެއްގެ ވަޒީފާ އަދާ ކުރައްވާފައިވާ 61 އަހަރުގެ މަދޫރޯއަކީ ވެނެޒުއެލާގެ ޚާރިޖީ ވަޒީރު ކަމުގެ މަޤާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ކުރާ ތާޢީދު އަނބުރާ ގެންދަން ވެނެޒުއެލާގެ އަސްކަރިއްޔާއިން ނިންމަފާނެ މަންޒަރު ނުފެންނަ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

މަދޫރޯއާ ވާދަ ކުރެއްވި 74 އަހަރުގެ ގޮންޒާލޭޒަކީ ވެސް ކުރިން ޚާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އިދިކޮޅު އިއްތިޙާދުގެ ކެނޑިޑެސީ އޭނާއާ ހަވާލު ކޮށްފައި ވަނީ, ދަޢުލަތުގެ އެއްވެސް މަޤާމަކަށް ވާދަ ކުރުމަށް މަޗާދޯއަށް އޮތް ފުރުޞަތު ގެއްލުމާ ގުޅިގެންނެވެ. މަދޫރޯގެ ވެރިކަން ކުރާ ޕާޓީގެ ގިނަ މެންބަރުންތަކެއް ވެސް ގޮންޒާލޭޒަށް ތާޢީދު ކުރާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.