ދެ ރަށެއްގައި ތަރައްޤީކުރަމުން އަންނަ އިސްލާމީ މަރުކަޒުގެ މަސައްކަތް އަންނަ އަހަރު ނިމޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ހިތަދޫގައި ތަރައްޤީކުރާ އިސްލާމީ މަރުކަޒުގެ ރޫފް ސްލެބްގެ އެޅުމަށް ތައްޔާރުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އެންމެ އެކަށީގެންވާ ގޮތެއްގައި އެ ޢިމާރާތުގެ މަސައްކަތް ކުރިއަށްނުދާ ކަމަށާއި މަސައްކަތް އަވަސްކުރުމާއި ގުޅޭ ގޮތުން ކޮންޓްރެކްޓަރާއި މަޝްވަރާ ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. މި މަޝްރޫއު މިހާރު ނިމޭނެކަމަށް އެ ވުޒާރާއިން ލަފާކުރަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހަށެވެ.
ސާޅީސް ހާސް އަކަފޫޓްގެ ބިމެއްގައި ތަަރައްޤީކުރާ މި މަރުކަޒުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގައެވެ. މި އިސްލާމީ މަރުކަޒުގައި 1500 މީހުންގެ ޖާގައިގެ ނަމާދުކުރާނެ ތަނަކާ 450 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލަކާއި، 4 ކްލާސްރޫމާއި، ދެ ސެމިނަރ ރޫމާއި އިދާރީ އޮފީހާއި ލައިބްރަރީވެސް ހިމެނެއެވެ.
"އަންނަ އަހަރު މި ތަންތަން ނިމޭނެކަމަށް މަޢުލޫމާތު ލިބިފައިވޭ. މިހާރު އިސްލާމީ މަރުކަޒުތައް ހުރި ތަންތަނުގައި ކޮންމެވެސް ވަރެއްގެ ޕްރޮގްރާމްތައް ކުރިއަށް އެބަދޭ. ތިނަދޫގެ އިސްލަމީ މަރުކަޒުގެ މަރާމާތުކޮށް ނިމުމުގެ މަގުމަތީގައި އުޅެނީ. އެތަނުގައިވެސް ދީނީ ޕްރޮގްރާމްތައް ކުރިއަށްދާނެ." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.
މީގެ އިތުރުން ދިއްދޫގައި ތަރައްޤީކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ވަޒީރު ފަހަގަކުރެއްވިއެވެ. އެގޮތުން އެތަން ރާނާ ސިމެންތި ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެރަށުގެ އިސްލާމީ މަރުކަޒުގެ މަސައްކަތް ޝެޑިއުލާއި އެއްގޮތަށް މަސައްކަތް ކުރިއަށްދާކަމަށާއި، މި މަސައްކަތް އަންނަ އަހަރުގެ ޖޫން މަަހަށް ނިންމާލެވެނެކަމަށް ވަޒީރު ވިދާޅުވިއެވެ. ދިއްދޫގެ އިސްލާމީ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގައެވެ.
ދިއްދޫގައި ޢިމާރާތްކުރާ އިސްލާމީ މަރުކަޒަކީ 1500 މީހުންގެ ޖާގައިގެ ބިނާއެކެވެ. 2 ފަންގިފިލާގެ މި ޢިމާރާތުގައި 450 މީހުންގެ ޖާގައިގެ މަލްޓިޕަރޕަސް ހޯލަކާއި، ކޮންމެ ކްލާސްރޫމެއްގައި 30 ކުދިންނަށް ތިބެވޭނެ ޖާގައިގެ 4 ކްލާސްރޫމާއިި، 2 ސެމިނަރ ރޫމް އަދި އިސްލާމިކް ލައިބްރަރީއަކާއި އޮފީސްބައެއް ހިމެނެއެވެ. މި މަސައްކަތަށް 50.8 މިލިޔަން ރުފިޔާ ޚަރަދުކުރެއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފުވައްމުލައް ސިޓީގައި ތަރައްޤީ ކުރަމުން އަންނަ ޤުރުއާން ސެންޓަރުގެ މަސައްކަތްވެސް ހިއްސާކުރައްވާފައެވެ.
އެގޮތުން އެތަނުގެ ކަރަންޓު ވައިރުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށާއި، ނަމަވެސް އެކަށީގެންވާ ގޮތެއްގައި އިމާރާތުގެ މަސައްކަތް ކުރިއަށް ނުދާތީ މަސައްކަތް އަވަސްކުރުމާއި ބެހޭ ގޮތުން ކަންޓްރެކްޓަރާއި މަޝްވަރާ ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ މަސައްކަތް މިހާރު ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ އަހަރުގެ މާޗްމަހަށްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ފުވައްމުލައް ސިޓީގެ ޤުރުއާނާ ބެހޭ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށީ 2022 ވަނަ އަހަރުގައެވެ. ދަޢުލަތުގެ ބަޖެޓުން 12 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ޢިމާރާތްކުރާ މިމަރުކަޒުގައި ކްލާސްރޫމްތަކާއި އޮޑިޓޯރިއަމްއަކާއި މީޓިން ރޫމާއި ލައިބްރަރީ ހުންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރައިން ވިދާޅުވިއެވެ.