ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގައި އެންމެ ގިނަ ދާއިރާ ތަމްސީލު ކުރާ ސްރީލަންކާ ޕުދުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ)ގެ ތާޢީދު ހޯއްދަވަން ރައީސް ރަނިލް ވިކްރަމަސިންހަ ކުރެއްވި މަސައްކަތް ނާކާމިޔާބުވެއްޖެއެވެ. ސެޕްޓެންބަރު 21ގައި ބާއްވަން އިޢުލާނު ކޮށްފައިވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން އިންތިޚާބުތަކާ ބެހޭ ކޮމިޝަނަށް އެންމެ ފުރަތަމަ ޑިޕޮސިޓް ފައިސާ ދައްކަވައި, ކެނޑިޑެސީ އިޢުލާނު ކުރައްވާފައިވާ ކެނޑިޑޭޓަކީ ވިކްރަމަސިންހައެވެ.
ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ން މަޖިލީހުުގައި ތަމްސީލު ކުރަނީ އެންމެ ގޮނޑިއެކެވެ. އެހެން ކަމުން, ރައީސް ކަމުގެ މަޤާމަށް ކުރިމަތިލެއްވުމަށް އޭނާއަށް އެހެން ޕާޓީތަކުގެ ތާޢީދު ބޭނުންވެއެވެ. ތާޢީދު ހޯއްދަވަން އޭނާ މަސައްކަތް ކުރައްވާފައިވާ އެސްއެލްޕީޕީއަކީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާއި ގޮތަބަޔަ ރާޖަޕަކްސަގެ ޕާޓީއެވެ. އެސްއެލްޕީޕީގެ ތާޢީދު ހޯއްދަވަން ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުން, އައު ދައުރަކަށް އިންތިޚާބުވުމަށް ވިކްރަމަސިންހަ ފައްޓަވާފައިވާ މަސައްކަތްތަކަށް ހިޔަނި އެޅިގެން ގޮސްފައިވާ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް ބެލެވޭ ކެނޑިޑޭޓުންގެ ތެރެއިން, ވިޔާފާރީގެ ދާއިރާއާއި އިސްލާހީ މަސައްކަތްތައް ކުރިއަރުވަން އެންމެ އެކަށީގެންވާ ބޭފުޅަކީ ވިކްރަމަސިންހަ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ސްރީލަންކާއިން ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން މި ދަނީ, ޤައުމުގެ އިޤުތިޞާދު ވަޅުގަނޑަކަށް ވެއްޓި, މާލީ ގޮތުން ކުރިމަތިވެފައިވާ ކާރިސާއިން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އިންތިޚާބުގައި ވާދަ ކުރުމަށް ކެނޑިޑެސީ އިޢުލާނު ކުރައްވާފައިވާ 75 އަހަރުގެ ވިކްރަމަސިންހަ ރައީސް ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަތީ 2022 ޖުލައިގައި, އެ މަޤާމު ފުރުއްވަމުން ގެންދެވި ގޮތަބަޔަ ރާޖަޕަކްސަ އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ރައީސް ކަމުގެ މަޤާމަށް ވިކްރަމަސިންހަ އިންތިޚާބު ކޮށްފައި ވަނީ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުންނެވެ.
އޭނާއާ އެ މަޤާމު ހަވާލު ކޮށްފައި ވަނީ, 2019ވަނަ އަހަރުގެ ނޮވެންބަރު މަހު ވެރިކަމާ ހަވާލުވި ރާޖަޕަކްސަގެ ސަރުކާރުގެ ދައުރުގެ ބާކީ އޮތް މުއްދަތަށެވެ. ރާޖަޕަކްސަ އިސްތިޢުފާ ދެއްވާފައި ވަނީ, އޭނާގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން ކުރި ބޮޑެތި މުޒާހަރާތަކާ ގުޅިގެން ޤައުމު ދޫކޮށް ވަޑައިގެންނެވުމަށް ފަހުއެވެ.
އެސްއެލްޕީޕީގެ ތާޢީދު ނުލިބުނު ނަމަވެސް, އިންތިޚާބުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވިކްރަމަސިންހާ ވާދަ ކުރައްވާނެއެވެ. އަދި, އެސްއެލްޕީޕީގެ ބައެއް ފެކްޝަންތަކުގެ އިތުރުން ސަރުކާރާ ދެކޮޅު ބައެއް ޕާޓީތަކުގެ ތާޢީދު އޭނާއަށް ލިބޭނެ ކަމަށް ޔޫއެންޕީން ގަބޫލު ކުރެއެވެ.
"އެސްއެލްޕީޕީގެ އެންމެ އިސް ބޭފުޅުންގެ ނިންމުމަކީ, ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕާޓީގެ ފަރާތުން ވަކިން ކެނޑިޑޭޓަކު ނެރުން،" އެސްއެލްޕީޕީގެ ޖެނެރަލް ސެކްރެޓަރީ ސަލާގަ ކާރިޔަވަސަމް ވިދާޅުވިއެވެ. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެސްއެލްޕީޕީން, އެ ޕާޓީގެ ކެނޑިޑޭޓު އިޢުލާނު ކުރާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މި ކަމާ ގުޅިގެން ވިކްރަމަސިންހަގެ އޮފީހުން ވަކި އެއްޗެއް ހާމަ ކޮށްފައެއް ނުވެއެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ, އެސްއެލްޕީޕީގެ ބައެއް ފެކްޝަންތަކުން, އަދި ޤާނޫނު ހަދާ މަޖިލީހުގެ އެސްއެލްޕީޕީގެ ބައެއް މެންބަރުންގެ ތާޢީދު ރައީސް ވިކްރަމަސިންހައަށް ލިބޭނެ ކަމަށް. އޭގެ ތެރޭގައި ކުދި ޕާޓީތައް ވެސް ހިމެނޭ. އެއިރުން އެކި ޕާޓީތަކާއި ދަރިފަސްކޮޅުތަކުގެ ބައިވެރިވުމާ އެކު ގުޅިފައިވާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުޞަތު އޮންނާނެ،" ވިކްރަމަސިންހަގެ އަރިސް ބޭފުޅަކު ވިދާޅުވިއެވެ.
ސެޕްޓެންބަރުގައި ބާއްވާ އިންތިޚާބު ކާމިޔާބު ކުރާ ކެނޑިޑޭޓެއްގެ އެންމެ ބޮޑު ޒިންމާއަކަށް ވެގެން ދާނީ, ވަޅުގަނޑަކަށް ވެއްޓިފައިވާ އިޤުތިޞާދު ދިރުވައި, ކޮޅަށް ޖެހުމެވެ. 2023ވަނަ އަހަރު ސްރީލަންކާގެ އިޤުތިޞާދީ ދުވެލި 2.3 އިންސައްތަ ދަށަށް ދިޔައެވެ. އަދި, މާލީ ކާރިސާގެ ތެރެއިން އިޤުތިޞާދީ ކުރިއެރުން 7.3 އިންސައްތައަށް ވެއްޓިގެން ދިޔައެވެ. ނަމަވެސް, މާލީ އިދާރާތަކުގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި އެ ޤައުމުގެ އިޤުތިޞާދު މި އަހަރު 3 އިންސައްތައިން ކުރިއަރާނެއެވެ.
ސްރީލަންކާގެ ބޭރުގެ ދަރަނި 34.8 ބިލިޔަން އެމެރިކާ ޑޮލަރަށް (އޭޕްރިލް 2022އާ ހަމައަށް) އުފުލިފައިވާއިރު, އޭގެ ތެރެއިން 10 ބިލިޔަން އެމެރިކާ ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ޖަޕާނާއި ޗައިނާގެ އިތުރުން އިންޑިޔާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އިތުރު 12.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ސްރީލަންކާއިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.