ރަޝިޔާގެ ދެކުނުގެ ރަށެއްގައި ދުއްވާފައި ދިޔަ ރޭލަކާއި ލޮރީއެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 140 މީހުން ޒަޚަމުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ އެ ޤައުމުގެ ދެކުނުގައި އޮންނަ ވޮލްގަގްރަދް ސަރަޙައްދުގެ ކަޗީލްނިޔަކަވާގައެވެ. އެކްސިޑެންޓުވެފައި ވަނީ ތަތަރްސްތާންގެ ކަޒާނުން ފުރައިގެން ކަޅު ކަނޑުގައި އޮންނަ އާދްލިޔަރަށް ދަތުރު ކުރަމުން ދިޔަ ފަސިންޖަރުން އުފުލާ ރޭލެކެވެ.
ރޭލާއި ލޮރީ ޖެހިފައި ވަނީ, ލޮރީ ދުއްވަން އިން ޑްރައިވަރު ކަޗީލްނިޔަކަވާ ރޭލު ސްޓޭޝަން ކައިރީގައި އޮންނަ ރޭލު ހުރަސް, ޤަވާޢިދާ ޚިލާފަށް ހުރަސް ކުރަން މަސައްކަތް ކުރި ވަގުތުގައި ކަން ރަޝިޔާގެ ރޭލު ދަތުރުފަތުރާ ބެހޭ އިދާރާއިން ހާމަކުރިއެވެ. މި ހާދިސާގައި ރޭލުގެ ނުވަ ކާރު ވަނީ ފުރޮޅައިލާފައެވެ.
މި ހާދިސާގައި އަނިޔާވި 140 މީހުންގެ ތެރެއިން 15 މީހަކަށް ހަސްފަތާލުގައި އެޑްމިޓު ކޮށްގެން ފަރުވާ ދެމުންދާއިރު, އޭގެ ތެރޭގައި ތިން ކުޑަކުދިން ހިމެނެއެވެ. އަދި, ލޮރީ ދުއްވަން އިން ޑްރައިވަރުގެ ހާލު ވަރަށް ސީރިޔަސް ކަމުގައި ރަޝިޔާގެ ރޭލު ދަތުރުފަތުރާ ބެހޭ އިދާރާއިން ބުންޏެވެ. މި ހާދިސާގައި ދެ މީހަކު މަރުވި ކަމަށް ބައެއް ރިޕޯޓުތައް ބުނި ނަމަވެސް, ރަޝިޔާގެ ކަމާ ގުޅޭ އިދާރާތަކުން އެ ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.